މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނީ، އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް އިތުބާރު ލިބިގެން ކަމަށް ޕީޑިއެޓްރިޝަން ޑރ. މުޙައްމަދު ފައިސަލް ވިދާޅުވެއްޖެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ހެޑް އޮފް ޕީޑިއަޓްރިކް ޑިޕާރޓްމެންޓ،ް ޑރ. ފައިސަލް މިފަދައިން ވިދާޅުވީ އިއްޔެ އެ ހޮސްޕިޓަލުގައި، ދުވަސްނުފުރާ ވިހޭ އެއްމާބަނޑު 2 ކުދިން ސަލާމަތް ކުރެވުމާއި ގުޅިގެން ކޭއާރްއެޗް އިން އާންމު ކުރި ވީޑިއޯއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ސިއްހީ ނިޒާމު ކުރިއެރުވުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ ކޭސްތައް މެނޭޖްކުރުމުގެ ޤާބިލްކަން ހޮސްޕިޓަލުގައި ހުރިކަމަށް ރައްޔިތުންގެ އިތުބާރުނެތުން ކަމަށް ޑރ. ގެ ވާހަކަފުޅުގައި ފާހަގަކުރިއެވެ.

މީގެ އިތުރުން، މި 2 ކޭސް އަކީ ކޭއާރްއެޗް އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށާޢި އަދި މި 2 ކޭސް އައިގެން ކުރިއަށް ދިއުމަށް އެ ދެކުދިންގެ އާއިލާއިން އެ ހޮސްޕިޓަލަށް ދެއްވި އިތުބާރާ އެއްބާރުލުމަކީ އެއީީ އެބޭފުޅުންނަށް ލިބިގެންދާނެ އިތުރު ހިތްވަރެއްކަމަށްވެސް ޑރ. ވިދާޅުވިއެވެ.

އަދި ޕީޑިއެޓްރިކް ޑީޕާޓްމެންޓުގެ ސްޓާފުން، ޚާއްސަކޮށް ނަރުހުންނާއި ޑޮކްޓަރުން ކުރައްވާ މަސައްކަތް ފާހަގަކުރަށްވާ ޑރ ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދެވޭތީ އެ ޑީޕާޓްމެންޓްގެ ޚިދުމަތް ވަރަށް ރަނގަޅުވާނެކަމަށެވެ.

" މިއީ ޚާއްސަގޮތެއްގައި ކުޅުދުއްފުށީ ރައްޔިތުންނަށް އަދި އުތުރުގެ ރައްޔިތުންނަށް އަދި އަމުދުން ޖުމްލަ ގޮތެއްގައި ހަމަ ރާއްޖޭގެ ރައްޔިތުންނަށްވެސް ހަގީގަތުގައި ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއް އެއީ ހަމައެކަނި މާލެއަށް ކުރިން ޑިޕެންޑުވެގެން އުޅެންޖެހޭ ޖެހުން މިއޮތީ އިރާދުކުރެއްވިޔާ ނިމުމަކަށް އާދެވިފަ"

ޑރ. ފައިސަލް ވިދާޅުވިއެވެ.

އަދި މިހާރު ކޭއާރްއެޗްގެ ވަރަށް މަދުފަހަރަކު ނޫނީ ކުޑަކުދިންގެ ޑިޕާޓްމެންޓަކުން ރިފާރެލްގެ ގޮތުގައި ކުދިންނެތް މާލެ އަކަށް ނުފޮނުވާނެ ކަމަށް ފާހަގަ ކުރަށްވާ ޑރ ވިދާޅުވީ މިހާރު އެ ޑިޕާޓްމެންޓްއިން ހުރިހާ ޚިދުމަތެއްކަހަލަ ގޮތަކަށް ލިބެން ހުންނާނެ ކަމަށާއި މާލެއާއި އެއްފެންވަރެއްކަމުގައި ނުވިއަސް ގާތްކުރާ ފެންވަރުގެ ޚިދުމަތް ދެވޭނެ ކަމަށެވެ.

އެބޭފުޅުންނަށް ދިމާވާ ދަތިތަށް ފާހަގަކުރަށްވާ ޑރ. ވިދާޅުވީ ޕީޑިއަޓްރިކް ޑިޕާޓްމެންޓްގެ ޓީމަކީ އެހާ ބޮޑު ޓީމެއް ނޫންކަމަށާއި އަދި އެހާ ގިނަ ތަޖުރިބާތަކެއް އެ ތަނުގައި ލިބިފައި ނުވުުމުގެ އިތުރުން ރައްޔިތުންގެ އިތުބާރު އެހާވަރަށް ލިބިފާނުވާކަމަށެވެ.

މީގެއިތުރުން ބޭނުންވާ ބައެއްސާމާނު ހޯދުމުގެ ދަތިކަން އެބަހުރިކަމަށާއި އެއީ މާލޭގައި ވެސް ދިމާވާ މައްސަލައެއްކަމަށް ޑރ. ފާހަގަކުރެއްވިއެވެ. މި ދަތިތަކާ އެކުވެސް ފުރިހަމަ ޚިދުމަތެއް ބޭނުންވެއްޖެ ހާލަތެްގައި ބޭރުން ގެނެސްގެންވެސް ދެވޭނެކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ދުވަސްނުފުރައި ވިހޭ ދެކުދިންގެ ކޭސް އަށް ވެސް ބޭރުން ބައެއް އެއްޗެހި ގެންނަން ޖެހުނު ކަމަށް ޑރ. ފާހަގަކުރެއްވިއެވެ.

އެ 2 ކޭސްގެ ފުއްޕާމޭ އުފެދުމުގަ މަދުވާ މާއްދާއެއް އާރޓިފިޝަލް ކޮށް ފުއްޕާމޭ ފުއްޕާލަން " އާރޓިފިޝަލް ސަރފެކްޓެންޓް" އަތޮޅުގެ ރަށެއްގައި ބޭނުން ކުރެވުނު މީ ފުރަތަމަ ފަހަރުކަން ފާހަގަ ކުރަށްވާ ޑރ، ވިދާޅުވީ މި ކާމިޔާބީ އިން ރައްޔިތުންގެ އިތުބާރު ލިބިގެންދާނެކަމަށާޢި މާލެ ނުފޮނުވާވެސް މިކަން މެނޭޖް ކުރެވިދާނެކަން އިއްޔެ ހާމެގެން ދިޔަކަމަށެވެ.

މިހާރު ކޭއަރްއެޗް އިން ކުޑަކުދިންއަށް ދެވޭނެ އެންމެ ފުރިހަމަ ޚިދުމަތް ދެވޭނެކަމުގެ ޔަގީންކަން ޑރ. ފައިސަލްވަނީ ރައްޔިތުންނަށް ދެއްވާފައެވެ،

ކޭއާރްއެޗްގެ ފޭސްބުކް ޕޭޖުގައި ޝާއިރު ކުރި މި ވީޑިއޯގައި ވާހަކަ ދައްކަމުން ދުވަސްނުފުރައި ވިހޭ އެ ދެކުދިންގެ މަންމަ ބުނީ، ކޭއާރްއެޗްއާ ބެހޭގޮތުން އަޑުއިވިފައިވާ ވާހަކަތަކާއި ލިބުނު ޚިދުމަތާ ވަރަށް ތަފާތުކަމަށެވެ. އެގޮތުން، އޭނާ އާންމުކޮށް އަޑުއަހަނީ އެ ހޮސްޕިޓަލްގެ ޚިދުމަތް ކަމުނުދާ ވާހަކަ ކަމަށާއި، އެހެންނަމަވެސް ތަޖުރިބާކޮށްލުމުން އެނގިގެންދިޔައީ ކޭއާރްއެޗްގެ ޚިދުމަތް ވަރަށް ފުރިހަމަކަމަށާއި އެކަމާ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށް ދެކުދިންގެ މަންމަ ކިޔައިދިނެވެ.

" އަޅުގަނޑުމެން ދޭންވީ ލޯބި، އެހެން ބަޔަކު ދީގެން ބެލެހެއްޓީ. ވަރަށް ރަނގަޅު ހަމަ. ނަރުހުންވެސް ޑޮކްޓަރުންވެސް ވަރަށް ރަނގަޅު ހަމަ. ވަރަށް ހިތްހަމަޖެހޭ."

އެ ވީޑިއޯގައި ދެކުދިންގެ މަންމަ ބުނެފައިވެއެވެ.

އެ ހޮސްޕިޓަލުން އިއްޔެ އާންމު ކުރި ޓްވީޓެއްގައި ބުނީ، ދުވަސްނުފުރައި 29 ވަނަ ހަފްތާގައި ވިހޭ އެދެކުދިންގެ ބަރުދަން ވަރަށް ލުއިކަމަށެވެ. އަދި އެކުދިން ހޮސްޕިޓަލުން ދޫކޮއްލީ 40 ދުވަސް ފަހުން ކަމަށްވެސް ބުނެފައިވެއެވެ.

އަދި މި ކޭސް އަކީ އަރޓިފިޝަލް ސަރފެކްޓެންޓް ރީޖަނަލް ލެވެލްއެއްގައި ބޭނުން ކުރެވުނު ފުރަތަމަ ފަހަރުކަންވެސް ކޭއާރްއެޗްގެ ޓްވީޓުގައި ފާހަގަކުރިއެވެ. މިއީ ތާރީހުގެ ތެރެއަށް ކޭއާރްއެޗް ވަދެގެންދާނޭ ފުރިހަމަ ކާމިޔާބީއެކެވެ.