ހއ. ދިއްދޫ ފެރީ ގިމަތަ އަޅާ ބިން އެހެންތަނަކަށް ބަދަލުކުރުމަށް ދިއްދޫ ރައްޔިތުންގެ ހިޔާލު ކައުންސިލަށް ބޭނުންވާތީ، އެރައްޔިތުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިއްދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ ދިއްދޫގައި އެޅުމަށް ހަމަޖައްސާފައިވާ ފެރީ ގިމަތަ އަޅާ ބިމުގެ ކުރިމަތީގައި ބަނދަރުގެ މަގު އޮންނާތީ ދަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށް ބަލައި، އެ ސަރަޙައްދުގެ ބަނދަރުގެ މަގު ބަދަލުކޮށް، ގިމަތަ މާޓަރު ތޮއްޓާ ކައިރިއަށް ޖެއްސުމަށް، ދިއްދޫގެ ފެރީ ގިމަތަ އަޅާ ބިން ސާވޭ ކުރުމަށް ވަޑައިގެންނެވި ބޭފުޅުން ކައުންސިލަށް ލަފާ ދެއްވާފައިވާކަމަށެވެ.
ސާވޭ ޓީމުން ދެއްވާފައިވާ ލަފާއާ އެއްގޮތަށް އެ ބިން ބަދަލުކުރުމުގެ ކުރިން އެކަމުގައި ދިއްދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަކީ އެ ކައުންސިލުން ބޭނުންވެލައްވާ ގޮތްކަމަށް އެކައުންސިލުން ވިދާޅުވެފަވެއެވެ.
މި ދުވަސްވަރަކީ ދިއްދޫގައި ކޯވިޑް-19 ބަލި އާދަޔާ ޚިލާފު ބާރުމިނެއްގައި ފެތުރެމުންދާ ދުވަސްވަރަކަށްވާތީ، ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިއްމު ކަންކަމުގައި މަޝްވަރާ ކުރުމަށް ރައްޔިތު ބައްދަލުވުންތައް ބޭއްވުމަށް މިވަގުތު ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް ދިއްދޫ ކައުންސިލުން ވަނީ ފާހަަގަ ކުރަށްވާފައެވެ.
އެހެންކަމުން ގޫގުލް ފޯމް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު އެ ކައުންސިލަށް ފޮނުއްވައި ދެއްވުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި ފެރީ ގިމަތައަކީ އުތުރުގައި ސަރުކާރުން ގާއިމުކުރާ ހައި-ސްޕީޑް ފެރީގެ ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ދިއްދޫގައި އަޅާ ފެރީ ގިމަތައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!