ޖޫން 24 ހއ. ދިއްދޫ ކްލަސްޓާއާއި ގުޅިގެން އެރަށުގެ 249 ގެއެއް ކަރަންޓީނު ކުރެވިފައިވާއިރު، ޕޮޒިޓިވްވި މީހުންގެ އަދަދު 93 އަށް އަރައިފިއެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އިއްޔެގެ ނިޔަލަށް ދިއްދޫއިން ވަނީ ޖޫން 24 ދިއްދޫ ކްލަސްޓާއާއި ގުޅިގެން 93 މީހަކު ޕޮޒިޓިވްވެފައެވެ.

Ad
rt

އިއްޔެވެސް ވަނީ 4 މީހަކު އެރަށުން ޕޮޒިޓިވްވެފައެވެ. އެއީ ފްލޫ ކްލިނިކުން ނެގި 2 ސާމްޕަލަކާއި، ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ނެގި 2 ސާމްޕަލެކެވެ. ފްލޫ ކްލިނިކުން ނެގި 2 ސާމްޕަލެއް ޕޮޒިޓިވްވުމުން އެރަށުތެރޭ ބަލި ފެތުރިފާ މިންވަރާމެދު ވަނީ ހާސްކަން ކުރިމަތި ކުރުވާފައެވެ.

މި ކްލާސްޓާއާއި ގުޅިގެން ވަނީ އެކަކު ނިޔާވެފައެވެ. އެއީ ބިދޭސީއެކެވެ.

ދިއްދޫ ކްލަސްޓާއާއި ގުޅިގެން އެރަށުގެ 249 ގެއެއް ކަރަންޓީނުގައި ހުރިކަން ދިއްދޫ ކައުންސިލުން ހާމަކުރަށްވާފައިވާ މައުލޫމާތުން އެނގެއެވެ. އަދި އެރަށުގެ 77 ގެއެއްގައި މީހުން ހޯމް ކަރަންޓީނުގައި ވެސް އެބަތިއްބެވެ.

މިއަހަރުގެ މެއި 1 ވަނަ ދުވަހު ބަލީގެ އަލާމަތް ފެނިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހަކު ޕޮޒިޓިވްވުމުން އެފަހަރު އެރަށް 1 މަހާއި 4 ދުވަހު މޮނިޓަރިންގައި އޮތެވެ. އެ ކްލާސްޓާގައި ކޯވިޑަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުގައި ހުރި އުމުރުން 83 އަހަރު އަންހެނަކު ވަނީ ނިޔާވެފައެވެ. އެއީ މެއި 15 ވަނަ ދުވަހެވެ. މޮނިޓަރިން ނެގުމާއި ހަމައަށް އެފަހަރު އެރަށުން 142 މީހަކަށް ބަލި ޖެހުނެވެ.