ޔޫރޯ 2020: ޗެކްރިޕަބްލިކް ބަލިކޮށް ޑެންމާކް ސެމީއަށް

CZEDEN

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗެކްރިޕަބްލިކް ބަލިކޮށް ސެމީފައިނަލުން ޑެންމާކް ޖާގަ ހޯދައިފިއެވެ.

އަޒަރުބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ކުއާޓާގެ މެޗު ޑެންމާކުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުން ނެވެ.

މި މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ޑެންމާކުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް މި ހާފުގައި ތަނަވަސް ކޮށްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި ލީޑު ނަގާފައެވެ.

މި ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރެއްގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ތޯމަސް ޑިލަނޭއެވެ. މި ލަނޑަށް ފަހު ވެސް އޭނާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިގެން ގޮސްފައެވެ.

ޑެންމާކުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު 42 ވަނަ މިނެޓުގައި ޖީކޮމް މައެލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކެސްޕަރ ޑޮލްބާގެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޗެކްރިޕަބްލިކުން ވަނީ ލަނޑުޖަހައި ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު ކޮއުފަލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ އިތުބާރު ފޯވާޑް ޕެޓްރިކް ޝިކްއެވެ. މިއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. ޕޯޗުގަލްގެ ކެޕަޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މި މުބާރާތުގައި ވަނީ ފަސް ލަނޑު ޖަހާފައެވެ. މި ދެ ކުޅުންތެރިންނަށް މުބާރާތް މިހާރު ނިމިފައި ވީނަމަވެސް މިވަގުތު މި ލިސްޓުގެ އެއްވަނާގައި ތިބީ މި ދެ ކުޅުންތެރިންނެވެ.

މި މެޗުން ބަލިވުމުން ޗެކްރިޕަބްލިކް ވަނީ މުބާރާތުން ކަޓާފައެވެ. މި މެޗުން މޮޅުވި ޑެންމާކް ސެމީ ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ މިރޭ އިންގްލެންޑާއި ޔުކްރެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *