ދިވެހިރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާކަމަށެވެ.

Ad
rt

މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާއިރު، މި އިންޒާރާ ގުޅިގެން އިންޑިއަން ހައި
ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުޓީ މިހާރު ވަރުގަދަ ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

"ސޯޝަލް މީޑިއާ އާއި، އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއްކަން ހަނދާންކޮށްދެމެވެ. އަދި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަމެވެ."

ފުލުހުންގެ ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެ ނޫސްބަޔާނުގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގައި ގާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމަކަށް ވީ ހިނދު، ދިވެހިރާއްޖެ އާއި އަވައްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް، އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާ ދިއުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބޭރު މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ހާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލައެއް ކަމުގައި ވީ ހިނދު، މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށާއި އޭގެ އިތުރުން، ދިވެހި ރާޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާފައިވެއެވެ.