ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ބެހޭ ގޮތުން ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދަށް ބޭނުން އެއްޗެއް ވިދާޅުވެވޭނަމަ، އެހެން މީހުނަށްވެސް އެގޮތަށް ވާހަކަ ދެއްކޭނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ގުޅޭގޮތުން ދައްކާ ވާހަކަތައް ހުންނަންޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރާއި، އެމްޑީޕީއާއި ވާދަވެރި ފަރާތްތަކުން ދައްކާ ފިތުނަވެރި ބޭއަދަބީ ވާހަކަތައް ހުއްޓާލަންޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Ad
rt

ރައީސް ނަޝީދުގެ މި ވިދާޅުވުމަށް ރައްދު ދެއްވައި، މިހާރު އިދިކޮޅުގެ އިސްސަފުގައި ހަރަކާތްތެރިވާ ލަތީފް ވިދާޅުވީ، ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ބެހޭ ނަޝީދުވެސް ބޭނުންހާ އެއްޗެއް ވިދާޅުވާ ކަމަށެވެ.

"ރާއްޖޭގައި ތިބޭ ބޭރުގެ ޑިޕްލޮމެޓުންނާ ބެހޭ ގޮތުން ނަސީދަށް ބޭނުން އެއްޗެއް ކިޔެންޏާ އެހެން މީހުނަށްވެސް ކިޔޭނެ. ކިޔާނަން." ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނަށް ވެސް ރާއްޖެގެ ދާޚިލީ ކަންކަމުގެ ތެރެއަށް "އަތް ބާނައިގެން" ނޫޅެވޭނެ ކަަމަށެވެ. އަދި ދިވެހީންގެ ކަންކަން ނިންމާނީ ދިވެހީން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ގުޅޭގޮތުން ދައްކާ ވާހަކަތައް ހުންނަންޖެހޭނީ ވަކި ހަމަތަކެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ އިސްވެރިންގެ ކަރާމާތަށް އުނިކަން އަންނަފަދަ ގޮތަކަށް ރާއްޖޭގެ ބައެއް މީޑިޔާތަކުން އަމަލުކުރާކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދި އެ ކޮމިޝަނުން މިދިޔަ ހަފްތާ ތެރޭގައި ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަނީ ސިޓީއެއް ވެސް ފޮނުވާފަ ވަނިކޮށެވެ.