ބޮޑު ތިލަދުންމަތީގެ 19 ރަށެއްގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރުތަކެއް ގާއިމް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ސެންޓަރުތައް ގާއިމް ކުރަން ނިންމާފައިވަނީ ޑިޒައިން ބިލްޑް އުޞޫލުންކަމަށް ރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއިން ވިދާޅުވިއެވެ.
އެ މިނިސްޓްރީން މިއަދު ހާމަކުރެއްވި ގޮތުގައި މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރަށް، އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑެވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިންނެވެ.
އަދި މިއަދު ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށް މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާފައެވެ.
އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރުތަކެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ 19 ރަށުގެ ތެރޭގައި ހއ އަތޮޅުން ހއ.މާރަންދޫ، ހއ. އުލިގަމް، ހއ. މޮޅަދޫ، ހއ. ތަކަންދޫ، ހއ. މުރައިދޫ އަދި ހއ. ދިއްދޫ ގައެވެެ. އަދި ހދ. އަަތޮޅުން ހދ. ނޮޅިވަރަން، ހދ. ކުމުންދޫ، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ އަދި ހދ. ކުރިނބީ ހިމެނެއެވެ. މީގެއިތުރުން ށ. އަތޮޅުން، ށ. ބިލަތްފަހި، ށ. ފީވައް، ށ. ފޭދޫ، ށ.ކަނޑިތީމު، ށ. ޅައިމަގު އަދި ށ. ނޫމަރާ ގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންކަމަށާއި އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް ފައިނޭންސް މިނިސްޓްރީން ހާމަކުރެއްވިއެވެ.
މީގެއިތުރުން، މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ފެށޭ ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށާއި އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއްކަމަށް ފައިނޭންސް މިނިސްޓްރީން ހާމަކުރިއެވެ.
ބީލަންތައް ހުޅުވުން އޮންނާނީ އަންނަ އޮގަސްޓް މަހުގެ 15 ވާ އާދިއްތަ ދުވަހުގެ 13:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގަކަމަށް އެ މިނިސްޓްރީން ހާމަކުރިއެވެ.
ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެކަން ފާހަގަ ކުރައްވާ އެ މިނިސްޓްރީން ވިދާޅުވީ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފާކަމަށެވެ. އަދި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!