މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، ގުޅީފަޅު)ގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ކޯވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މާލެ ސަރަޙައްދުގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން އެ މުއްދަތު ވަނީ އަންނަ ޖުލައި މަހުގެ 3 ވަނަ ގެ ނިޔަލަށް އިތުރުކުރަށްވާފަކަމަށް އެ އޮފީހުން ހާމަ ކުރެއްވިއެެވެ.

މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދަންނަވާފަ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މީގެއިތުރުން ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ވަނީ ހަމަޖައްސަވާފަ އެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޯވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި އެޗްޕީއޭއިން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފަވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

މިގޮތަށް ހަމަޖެއްސެވިނަމަވެސް، މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމަށް ވެސް އެ އޮފީހުން ހާމަކުރަށްވައެވެ.