ކުޅުދުއްފުށީ ސިޓީގެ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ތިިން މީހަކު ހައްޔަރުކޮށްފިއެވެ.

މިހާދިސާ ހިނގާފައި ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ މެންދަމުގެ 2:15 ހާއިރުއެވެ. އެއިރު އެ ސިޓީގައި އޮތީ ކޯވިޑާއި ގުޅިގެން މޮނިޓަރިންގައި ހާލަތުގައި ކަމުން ކާފިއުވެސް ހިންގާފައެވެ.

Ad
rt

މިއަދު ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން 43 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ތިން މީހުންގެ ތެރެއިން 43 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި 35 އަހަރުގެ މީހާ މިމަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު 36 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 36 އަހަރުގެ މީހާއަށް 15 ދުވަސް، 35 އަހަރުގެ މިހާއަށް 10 ދުވަސް އަދި 43 އަހަރުގެ މީހާއާއަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 35 އަހަރުގެ މިހާއާއި 36 އަހަރުގެ މީހާއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި އަދި މާރާމާރީގެ ރެކޯޑްސް އޮންނަ މީހުން ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ކުޅުދުއްފުށީ ސިޓީގެ ގެއެއްގެ ގޯތި ތެރޭގައި ބަހައްޓާފައިހުރި ސައިކަލްތަކެއްގައި އަލިފާން ރޯށްލާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުކަމަށާއި، މި ހާދިސާގައި އެތަނުގައި ހުރި ދެ ސައިކަލަކާއި ބެޓަރީ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެތަނުގައި ހުރި އެހެން ސައިކަލަކަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.

ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން މިމައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވައެވެ.