ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސަރުކާރުގެ ދެ ވުޒާރާއަކަށް ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހ. ސުނާރު ޚަދީޖާ ނަސީމެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިއަދު އައްޔަންކުރެއްވީ ގ. ކަނޑުވައިގެ އަޙްމަދު އަފްޟަލް އިބްރާހީމެވެ.

Ad
rt

އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ހަމަޖެއްސެވި ޚަދީޖާ ނަސީމް، ވަނީ އެންވަޔަރަންމަންޓް ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް މެލްބަން އިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ.

އަދި ޚަދީޖާ ނަސީމް ވަނީ ބައިނަލް އަޤްވާމީ އަދި ރާއްޖޭގެ ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ އެކިފަންތީގެ މަޤާމުތަކުގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާ ތަޖްރިބާ ހޯއްދަވާފައެވެ.

ޚަދީޖާ ނަޞީމް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ކުރިން އަދާކުރައްވަމުން ގެންދެވި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ސްޕެޝަލިސްޓުގެ މަގާމުން ވަކިކުރައްވާފައެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވި، އަޙްމަދު އަފްޟަލް ވަނީ ކޮމްޕިއުޓަރ ސައިންސް ދާއިރާއިން މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކުރިއޭޓިވް ޓެކްނޮލޮޖީއިން، ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސް ( އޮނާސް) އިން މޮބައިލް ކޮމްޕިއުޓިން ޙާޞިލުކުރައްވާފައެވެ.

އަޙްމަދު އަފްޟަލް މީގެ ކުރިން ވަނީ ސަރުކާރުގެ އިދާރާތަކާ އަމިއްލަ ކުންފުނިތަކުގައި ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައެވެ.