މިސަރަހައްދުގައި އުފެދިފައިއޮތް ޖިއޯޕޮލިޓިކްސް އޮއިވަރުގެ ތެރޭގައި ބަޔަކަށް އަތްގާތްކޮށް ދޭން ފައްތިޔަލަކަށް ރާއްޖެ ވެގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމުވެސް ފުރުއްވާ ސައީދު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުން ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ބިލަށް ބަހުސް ކުރަށްވަމުންނެވެ.

Ad
rt

ސައީދު ވިދާޅުވީ، އެ ބިލުގެ 4 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ މިނިވަންކަމުގެ އިތުރަށް ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުން ލިޔެފައި އޮތްއޮތުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމަކީ އެންމެ މުހިންމު ކަންތައްކަމަށް އަބަދުވެސް ގަބޫލު ކުރަން ޖެހޭނެ އޭނާ ވިދާޅުވިއެވެ.

"އެއާއެކު ސަރަހައްދުގެ މިނިވަންކަން މިއީ ވިސްނަންޖެހޭ ކަމަކީ، ސަބަބަކީ މިސަރަހައްދުގައި އުފެދިފައިއޮތް ޖިއޯޕޮލިޓިސް އޮއިވަރުގެ ތެރޭގައި ބަޔަކަށް، ގާތުގައި އޮންނަ މަނަވަރަކަށް އަތްގާތްކޮށް ދޭން ފައްތިޔަލަކަށް އަޅުގަނޑުމެން ވެގެން ނުވާނެ" ސައީދު ވިދާޅުވިއެވެ.

ސައީދުގެ ވާހަކައިގެ ތެރެއިން ނިޒާމީ މައްސަލައެއް ނަންގަވައި، މެދު ހެންވޭރުދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ސައީދު ގެންދަވަނީ ކަނޑައެޅިގެން އޮޅުވާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ކަމަށާއި، ސަރަހައްދުގެ ވާހަކަ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ވާހަކަ ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނިކޮށް ސަރަހައްދު އެހެން މާނައެއްގައި ކަނޑައެޅިގެން އޮޅުވާލުމަށް މަސައްކަތް ނުކުރެއްވުމަށް އާޒިމް އެދިވަޑައިގަތެވެ.

އެއަށްފަހު އުނގޫރާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވެސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ސައީދު މަސައްކަތް ކުރަށްވަނީ އޮޅުވާލަން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމުކުރުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުން" - ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ބިލުގެ 4 ވަނަ މާއްދާގެ (ހ) -

އެ ދެމެންބަރުންގެ ނިޒާމީ ނުކުތާއަށްފަހު ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ 4 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅިގެން ދިވެހިރާއްޖެ ކަމަށް ލިޔެފައި އޮތްކަމަށާއި، ދިވެހި ރާއްޖެއަކީ ދިވެހިރާއްޖޭގެ ސަރަހައްދާއި، ރާއްޖޭގެ އީއީޒެޑާއި، ރާއްޖެއަށް "އަލިފުދާލު" (ޔޫއެން)ގައި ރަޖިސްޓަރީކުރެވިފައި އޮންނަ ސަރަހައްދާއި އެ ސަރަހައްދުގެ ކަނޑުތަކާއި، ފަޅާއި، އެއްގަމާއި، ވަޅާއި، ވަޅުފަދަ ތަންތަނާއި އަދި ރައްޔިތުން ހިމެނޭ ގޮތަށް ކަމަށެވެ. އޭނާ ކަންބޮޑުވެ ވަޑައިގަންނަވަނީ އޭގެ އިތުރަށް އެ މާއްދާގައި ސަރަހައްދުގެ ރައްކާތެރިކަން އަންނާތީ ކަމަށް ވެސް ވިދާޅުވިއެވެ.

މިފަދަ ބިލަކުން ޖާގަހޯދަންޖެހޭނީ ދުނިޔޭގެ ޖިއޯޕޮލިޓިކްސްގައި ހަނގުރާމަތަކަށް މިސަރަހައްދުގައި ފައްތިޔާ ހަޖައިދޭ ބަޔަކަށް ވެގެން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"ހަނގުރާމަތަކޭ ދެންނެވީ ބޮންއަޅާ ތަންތަން ހިފުމެއްނޫން، އެއީ އިގްތިޞާދުކަމަށް ވިޔަސް، ސަރަހައްދުގެ ހަމަޖެހުން ކަމަށްވިޔަސް، ރާއްޖެއަކީ އަމިއްލަ ގައުމެއް، އަމިއްލަވަންތަބައެއް، ރާއްޖެއަށް ވެސް ބައިނަލްއަގްވާމީ ޗާޓުން ލިބިފައިވާ ސަރަހައްދެއްގައި އަޅުގަނޑުމެން މިއުޅެނީ، އެހެންކަމުން އެހެންބައެއްގެ ސަރަހައްދީ ރައްކާތެރިކަމުގެ ތެރެއަށްވަދެ، އެހެންބައެއްގެ ހިމާޔަތަށް އަދި އެހެންބައެއްގެ ޕިއޯރިޓީސްއަކަށްނޫން ކޭޓަކުރަންޖެހޭނީ" ސައީދު ވިދާޅުވިއެވެ.

އެބިލަށް ބަހުސްކުރި ސަރުކާރަށް ތާއީދުކުރާ ހުރިހާ މެންބަރުންހެން އެ ބިލަށް ތާއީދުކޮށް ވާހަކަ ދެއްކެވިއިރު، އެ ބިލު ވީހާވެސް އަވަހަކަށް ފާސްކުރުން މުހިންމު ކަމަށް ވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަޤްވާމީގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ޚާއްޞަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް ބިނާކުރުމަށްޓަކައި، ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތް ރޭވިފައިވާ ގޮތާއި، އެ ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.

މި ބިލުގެ ބަހުސްގައި މެންބަރު ސައީދު ފާހަގަކުރެއްވި "ޖިއޯޕޮލިޓިކްސް" ތެރެއިން ބާރު ގަދަކުރަން އެއް ގައުމުން އަނެއް ގައުމުގެ މައްޗަށް ފޯރުވާ ނުފޫޒަކީ ބައިނަލްއަގުވާމީ ގުޅުންތަކުގެ އާދައެކެވެ.