ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ނެދަލެންޑްސްއާއި ޗެކްރިޕަބްލިކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެކްރިޕަބްލިކް ޖާގަ ހޯދައިފިއެވެ.
ހަންގޭރީގެ ބުޑަޕެސްޓް ޕުސްކަސް އެރީނާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ޗެކްރިޕަބްލިކުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނެދަލެންޑްސްގެ ޑަމްފްރައިސް އަދި މެންފިސް ޑިޕޭއަށް ލަނޑު ޖަހާނެ ފުރުޞަތު ލިބިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފުގައި ޗެކްރިޕަބްލިކަށް އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައިވަނީ އެ ޓީމްގެ އެންޓޯނިއޯ ބަރަކަށެވެ. އޭނާއަށް ލިބުނު ހުސް ފުރުޞަތުގެ ބޭނުން ހިފިފައި ނުވެއެވެ.
މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ނެދަލެންޑްސް ގެ ފޯވާޑް ޑޮންޔެލް މަލެންއަށް ވަނީ މުޅީން ހުސް ފުރުޞަތެއް ލިބިފައެވެ. ނަމަވެސް ޗެކްރިޕަބްލިގެ ކީޕަރު އެ ބޯޅަ ވަނީ ހުޝިއާރުކަމާއިއެކު ހުއްޓުވާފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ޗެކްރިޕަބްލިކްގެ ފޯވާޑް ޕެޓްރިކް ޗިކްއަށް ލިބުނު ފުރުޞަތެއް ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭ ނެދަލެންޑްސްގެ ޑިފެންޑަރ ޑި ލީޓް ބޯޅާގައި އަތްލުމުގެ ސަބަބުން މެޗުގެ ރެފްރީ އޭނާއަށް ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ބެލުމަށް ފަހު ރެފްރީ ވަނީ ޑި ލީޓަށް ދެއްކި ރީނދޫ ކާޑު ރަތްކާޑަކަށް ބަދަލު ކޮށްފައެވެ. ވުމާއެކު ދެވަނަ ހާފުގެ ބޮޑުބައި އެ ޓީމުން ފުރިހަމަ ކޮށްފައިވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
ނެދަލެންޑްސްގެ ކުޅުންތެރިއަކު މަދުވުމާއިއެކު ޗެކްރިޕަބްލިކުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޗެކްރިޕަބްލިކްގެ ޑިފެންޑަރ ޕަވެލް ކަޑެރަބެކް އަށް ވަނީ ލީޑުނަގަން ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އެ ފުރުޞަތު ނެދަލެންޑްސްގެ ޑިފެންޑަރ ޑަމްފްރައިސް ވަނީ ހުޝިއާރުކަމާއިއެކު ބުލޮކް ކޮށްލާފައެވެ.
މެޗުގައި ޗެކްރިޕަބްލިކުން ލަނޑުޖަހައި ލީޑު ނަގާފައި ވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. މި ލަނޑު ނެގި ކޯނަރަކުން އެ ޓީމްގެ ކަލަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ތޯމަސް ހޯލްސްއެވެ. މެޗުގައި އެ ޓީމުން އިތުރަށް ލީޑު ފުޅާކޮށްފައި ވަނީ 80 ވަނަ މިނެޓުގައި ޕެޓްރިކް ޗިކް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ.
މި މެޗުން ބަލިވުމާއިއެކު ނެދަލެންޑްސް މުބާރާތުން ކަޓާފައިވާއިރު، ކުއާޓާ ފައިނަލުގައި ޗެކްރިޕަބްލިކް ބައްދަލުކުރަން ޖެހޭނީ ވޭލްސް ކަޓުވާލުމަށް ފަހު ކުއާޓާއިން ޖާގަ ހޯދި ޑެންމާކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!