"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ހއ. އުލިގަމު ކައުންސިލުން ގޮވައިލައިފިއެވެ.

އެ ކައުންސިލުގެ ހުރިހާ މެންބަރުން ސޮއިކުރައްވާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޤާނޫނު ނަންބަރ 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގުޅޭ ބިލުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން، އެ ކައުންސިލުން ފާހަގަކުރައްވާކަމަށެވެ.

Ad
rt

ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގައި "ޢާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ" ކުށެއްގެގޮތުގައި ކަނޑައަޅާފައިވުމުން، ކޮންމެ ފަދަ ކަމެއްކޮށް، ﷲ އަށާއި ނަބިއްޔާ އަށް އަދި އިސްލާމްދީނަށް ފުރައްސާރަކޮށް ދީނަށް ގެއްލުންދޭން މަސައްކަތްކުރާ މީހާ އެކުރަނީ އިސްލާމް ދީނާ ޚިލާފު ޢަމަލެކޭ ބުނުމުން، އެއީ އިސްލާމް ދީނާ ޚިލާފު ޢަމަލެކޭ ބުނާ މީހާއާމެދު ފިޔަވަޅޭކަމަށާއި، މިއީ އިސްލާމްދީނުގެ މުހިއްމު އެއް އަސާސްކަމުގައިވާ، ހެޔޮ ކަންތައްތަކަށް ޢަމުރުކޮށް، މުންކަރާތްތައް ނަހީކުރުމުގެ ދޮރު ބަންދުވެގެންދާނެ ކަމެއްކަމަށް އެކައުންސިލުން ވިދާޅުވިއެވެ.

އަދި އެ ބިލުގައި އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމަޢުގައި މީހަކާމެދު ނަފުރަތު ކުށެއްގެގޮތުގައި ކަނޑައަޅާފައިވުމުން، އިސްލާމް ދީނުގެ ޞައްޙަ އަޤީދާކަމުގައިވާ އަހުލުއްސުންނާ ވަލްޖަމާޢަތުގެ އަޤީދާގެ ދިފާޢުގައި އިސްލާމް ދީނުގެ ނަމުގައިވާ ޚަވާރިޖުންނާއި، ސޫފީންނާއި، ޝީޢީން ފަދަ ބާޠިލު ޢަޤީދާތަކާ ދެކޮޅަށް ވާހަކަ ދެއްކުމަށް ހުރަސް އެޅޭކަމަށާއި އަދި އެފަދަބާޠިލު ޢަޤީދާތައް، ދިވެހި ފަސްގަނޑުގައި ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކާ ކައިރިނުވުމާށާއި، އެފަދަ ފަރާތްތަކުގެ ޢަމަލުތަކަށް ރައްކާތެރިވުމަށް ގޮވާލުމަށް ހުރަސް އެޅޭކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ބާޠިލު ޢަޤީދާތަކާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ނަފުރަތު އުފެއްދުން ކަމަށް ސިފަކޮށްފައިވުމުން، ރައްޔިތުންނަށް، ޙާއްޞަކޮށް ޅަދަރިންނަށާއި، ޒުވާނުންނަށް އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ފުރިހަމައަށް އުނގަންނައިދިނުމަށް ނުވަތަ ބަޔާންކޮށްދިނުމަށް ހުރަސްއެޅޭކަން ފާހަގަކުރައްވާ އެ ކައުންސިލުން ވިދާޅުވީ ޞައްޙަ ޢަޤީދާ ފުރިހަމައަށް އުންގަންނައިދެވޭނީ، ދިމަދިމާލުން އަޤީދާގެ ތެރެއަށް އައިސްފައިވާ ބާޠިލުގޮތްތައް ބަޔާންކޮށްދެވިގެންކަމަށެވެ.

މީގެއިތުރުން، އެ ބިލުގައި "ޢާއްމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން" އަދި "ޢާއްމު ތަނެއްގައި، މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތުކުރުން" ކުށެއްގެގޮތުގައި ކަނޑައަޅާފައިވުމުން، ފާޅުކަން ބޮޑުގޮތެއްގައި ކުފުރުގެ ޢަމަލުތައް ތަކުރާރުކޮށް ހިންގާ މީހާވެސް، އެ ހިންގަނީ ކުފުރުގެ ޢަމަލެއްކަމަށާ، އެކަންކުރާ މީހާ ދީނުން ބޭރުވާނެކަމަށް، މީސްތަކުންނަށް ހަނދާންކޮށްދިނުމަށް ހުރަސް އެޅޭކަމަށްވެސް އެކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި މިކަންކަމުގެ ސަބަބުން މުންކަރާތްތައް ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އިތުރަށް ހިއްވަރު ލިބި، އެކަންކަމުގައި ދެމިތިބުމަށް ބާރު ލިބި، މުންކަރާތްތައް ޢާއްމުވެގެން ދާނެކަމަށް އެކައުންސިލުން ހާމަކުރެއްވިއެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކުރާއިރު، މިބިލުގެ ސަބަބުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ، އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވިގެންދާކަމަށް އެ ކައުންސިލުން ގަބޫލުކުރައްވާކަމަށް އެ ބަޔާނުގައި ވިދާޅުވިއެވެ.

"ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަށް ހުރަސް އެޅެއެވެ. އަދި މުޢުމިނުންނަށް މަންފާކުރާނޭކަމެއްގެގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވާފައިވާ އޮތް "ހަނދާންކޮށްދިނުމަށް" ވެސް ވީމާ އަސާސީ ޙައްޤެއް ހަނިކުރުމުގައި އިސްލާމީ އެފަދަ މުހިންމު ވާޖިބަކަށް ހުރަސްއެޅޭފަދަ ގޮތަކަށް ޤާނޫނެއް ވުޖޫދަށް ގެނައުމަކީ، އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދުމަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ށ) ން ލާޒިމުކުރާ އުޞޫލާ ޚިލާފަށް ކުރެވޭ ޢަމަލަކަށް ވާނެކަމަށް ދެކެމެވެ."

އެ ކައުންސިލުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި ސަބަބުތަކަށްޓަކައި "ނަފްރަތުގެ އަމަލު" ބަޔާން ކުރާ ބިލު މިހާރު ހުށަހަޅާފައިވާ ގޮތަށް ފާސްނުކުރުމަށް އުލިގަމު ކައުންސިލުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންނަށް ގޮވާލައްވާފައެވެ.