ށ. ކަނޑިތީމުން 3000 އަކަފޫޓްގެ 45 (ސާޅީސް ފަހެއް) ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާއިން
ޢާއްމުކޮށް ހުޅުވާލައިފި އެވެ.
މިކަން އާންމުކޮށް މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާންކޮށްފަ އެވެ.
އެއިޢުލާނުގައި ބުނެފައިވަނީ ފޯމު ދޫކުރުން 27 ޖޫން 2021ވާ އާދީއްތަ ދުވަހުން ފެށިގެން އެއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެކަމަށާއި ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2021ވާ ބުދަ ދުވަހުން ފެށިގެން 12 އޯގަސްޓް 2021ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ށ. ކަނޑިތީމު ކައުންސިލް އިދާރާއިންނެވެ. ފޯމު ބަލައިގަތުމުގައި މެއިލްއާއި ފެކްސް މެދުވެރިކޮށް ފޮނުވާ ފޯމާއި، ފޯމުގެ ކޮޕީ ބަލައިނުގަންނާނެއެވެ.
މީގެ އިތުރުން ގޯއްޗަށް އެދި ހުށަހަޅާ ފޯމުގައި ޙަޤީޤަތާއި ޚިލާފު އެއްވެސް މަޢުލޫމާތެއް ދީފައިވާނަމަ ފޯމު ބާޠިލްކުރެވޭނެކަަމަށާއި އެފަދަ ސަބަބަކާއިހުރެ ފޯމު ބާޠިލްކުރަންޖެހޭނަމަ ބާޠިލްކުރަންޖެހުނު ސަބަބު ބަޔާންކޮށް ލިޔުމަކުން އެކަން ފޯމު ހުށަހެޅި ފަރާތަށް އެންގޭނެކަމަށް އެކައުންސިލުން ބުނެއެވެ.
ގޯއްޗަށް އެދޭ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުތު ހަމަވާ މީހުންނަށް ޕޮއިންޓްދީ ޕޮއިންޓް ލިބޭމީހުން ކަނޑައަޅާނީ ކަނޑިތީމުން ގޯތި ދިނުމުގެ ޢަމަލީ މަސައްކަތްކުރުމަށް ހޮވާފައިވާ ގެވަޅު ކޮމެޓީންނެވެ.
ފޯމު ހުށަހަޅާ ފަރާތުގެ ރަށްވެހިކަމާއި ޢުމުރު އަދި ކައިވެނީގެ ބައިގެ މުއްދަތު ބަލާނީ ގޯއްޗަށް އެދި އިޢުލާންކުރާ ތާރީޚަށެވެ. ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާ ނިޔާވެއްޖެނަމަ އެފަރާތުގެ ފޯމު ބާޠިލްކުރެވޭނެވެ.

ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންވާނެ ޝަރުތުތައް:
1- ދިވެހިރައްޔިތެއްކަމުގައިވުން.
2- ޢުމުރުން 21 އަހަރުވެފައިވާ މީހަކަށްވުން.
3- ރާއްޖޭގެ އެއްވެސްރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.
4- ރާއްޖޭގެ އެއްވެސްރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން ނުވަތަ ލިބިފައިވާ މިފަދަ ބިމެއް ޤަވާއިދާއި އެއްގޮތަށް ދޫކޮށްލައިފައިވާ މީހަކަށްވުން.
5- ރާއްޖޭގެ އެއްވެސްރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައިނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ، ވޭތުވެދިޔަ 02 އަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިނުވުން.
6- ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 02 އަހަރު ދުވަހުގެތެރޭ މީހަކަށްދީ ނުވަތަ ވިއްކާފައިނުވުން.
7- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން. ލިބިފައިވާނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލުން ސަރުކާރަށް ދޫކޮއްލުމަށް އެއްބަސްވުން.
8- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބި، އެބިމަކީ ވަކި ޢިމާރާތްކޮށްފައި ނުވަތަ ވަކި ޢިމާރާތް ކުރެވޭގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލުން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން. (މިގޮތުން ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓްރީކޮށްދެވޭނީ ތަރިކައިން ލިބިފައިވާ ގޯތި ނުވަތަ ލިބިފައިވާ ބައި ސަރުކާރަށް ދޫކޮށްލުމަށް ޝަރީޢަތުން ނިންމެވުމަށް ފަހުގައެވެ.)
9- ގޯއްޗަށް އެދޭމީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއްއޮވެފައި އެގޯތި 600 އަކަފޫޓަށްވުރެ ބޮޑުނަމަ މިގޯތީގެ ވެރިފަރާތުގެ ހުރީ އެންމެ ދަރިއެއްކަމުގައި ނުވުން.
10- ގޯއްޗަށްއެދިފައިވާ މީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއް އޮވެފައި އެގޯތީގެ ބޮޑުމިން 1200 އަކަފޫޓަށްވުރެ ކުޑަނޫންނަމަ އެގޯތީގެވެރިފަރާތުގެ ގޯތިލިބިފައިނުވާ ދުނިޔޭގައި ތިބި ދަރިންގެ ޢަދަދު 2 ކަށްވުރެ އިތުރުވުން.
11- ގޯއްޗަށް އެދިފައިވާ މީހާގެ އަނބި ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.
މިއިޢުލާނާއި އެކު ޢާއްމު ކުރެވިފައިވާ ލިޔުންތައްކުގެ ތެރޭގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް (ޗާޓް) އާއި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލް ގެ އިތުރުން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ހިމެނެއެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވުމަށް އެދިފައިވަނީ 6540041 ނަންބަރު އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!