ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސޭން ހުށަހަޅާފައިވާ "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ހދ. ނޭކުރެންދޫ ކައުންސިލުން ގޮވައިލައިފިއެވެ.
ޤާނޫނުލްއުޤޫބާތަށް އިސްލާހުގެ ގޮތުގައި ހުށަހެޅިފައިވާ މި މާއްދާގައި ބުނާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށާއި، އަދި އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމައުގައި ނަފުރަތު އުފެއްދުމަކީ ކުށަކަށް ހެދުމަށް ވެސް ވަނީ ހިމަނާފައެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމާއި، ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރި ވުމަކީ ވެސް ކުށެއް ކަމަށް އެ މާއްދާގައި ބުނެއެވެ.
ނޭކުރެންދޫ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނުންއަސާސީގައި ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އަދި އެ ޤާނޫނުގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީންކަމާއި އަދި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފާވީހިނދު މިފަދަ ބިލެއް ފާސްނުކުރެވޭނެކަމަށެެވެ.
އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ދިފާޢުކޮށް ދަމަހައްޓަންޖެހޭ އެންމެ މުހިންމު ސަބަބަކީ، މުޖުތަމަޢުގެ ކަންކަމާމެދު ބަޙުޘްކޮށް ބަސްބުނެ ލަފަޔާއި އިރުޝާދު ދިނުމަކީ މުޖުތަމަޢުގެ ބަދަހިކަމާއި ޤައުމުގެ ކުރިއެރުމާއި ތަރައްޤީ އަށް ކޮންމެހެން ލާޒިމުކަމެއް ކަމުގައިވީހިނދު، މިފަދަ ބިލެއް ފާސްކުރުމުގެ ނަތީޖާއެއްގެ ގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބުމުގެ ފުރުސަތު އޮތްކަމާއި، މި ބިލުގެ ސަބަބުން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ދީނީ މުއައްސަސާތަކާއި، ދީނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ދީނާ ގުޅުންހުރި ކަންކަމުގައި ބަސްބުނެ ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކުރުމަށް ހުރަސްއެޅިދާނެކަމަށްވެސް އެ ބަޔާނުގައި ބުނެފާވެއެެވެ.
"މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ޤަބޫލުކުރެވޭހިނދު، އިސްލާމީ މުޖުތަޢުގައި މިފަދަ ބިލެއް ފާސްކުރުމަކީ ދީނީ ގޮތުން ބައިބައިވެ މުޖުތަމަޢުގައި ހަމަނުޖެހުން އުފެދިގެން ހިނގައިދާނެ ފުރުސަތު އޮތްކަމެއްކަމަށް މިކައުންސިލަށާއި ރަށުގެ ގިނަ ރައްޔިތުންނަށް ޤަބޫލުކުރެވޭތީ މި ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ގޮވާލަމެއެވެ" - ނޭކުރެންދޫ ކައުންސިލް -
އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކައުންސިލުން ނެރުނު މިބަޔާނުގައި އެ ރަށު ހުރިހާ ކައުންސިލަރުން ސޮއި ކުރައްވާފާވެއެވެ.
ނަފުރަތުގެ ބިލުގައި ކަންބޮޑުވައި ކަންތައްތައް ހުރިކަމަށާއި އަދި އެ ބިލް އިސްލާހުކުރުމަށް ގޮވާލައި ގިނަ ފަރާތްތަކެއް އަންނަނީ ސަރުކާރަށާއި މަޖިލީހަށް ފާޑުކިޔަމުންނެވެ. ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކުންވެސް މިބިލާއި ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ. ގިނަ އަދަދެއްގެ ކައުންސިލްތަކުންނާއި އާންމު ޖަމިއްޔާތަކުންވެސް "ނަފުރަތުގެ އަމަލު" ބަޔާންކުރާބިލާއި ދެކޮޅަށްވަނީ ބަޔާންތައް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!