ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން 400000 އަކަފޫޓްގެ ބިމެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި އިތުރުކުރުމަށް ހަނިމާދޫ ކައުންސިލުން މާދަމާ ފާސްކުރަން އުޅޭތީ، އެކަމާއި ނުރުހުން ފާޅުކޮށް މާދަމާ އެރަށުގައި މުޒާހަރާއެއް ކުރަން ތައްޔާރުވާން ފަށައިފިއެވެ.
މީގެއިތުރުން އެރަށަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ، ބިން ދިނުމާ ދެކޮޅުކަން އަންގައިދީ އެމީހުން ފޭސްބުކް ޕްރޮފައިލް ބަދަލުކޮށް، ނުރުހުންފާޅުކުރުމުގެ އެކި މެސެޖްތައް ދިނުމުގެ ކެމްޕޭނެއްވެސް ހިންގަމުންނެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ހުޅުވާލި ބިޑްގެ އެއްކަރުދާސް ކޮށްފައިވާ ކޮންސެޕްޓް ކުރެހުމުގައި ހަނިމާދޫ ކައުންސިލްގެ އިހްތިސޯސް ހިނގާ ސަރަހައްދުން 853،937 ބިން އެއާޕޯޓް ސަރަހައްދަށް އިތުރުވެގެން ދާނެކަމަށް ފެންނަން އޮވެއެވެ.
މިގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރުކުރުމަށް ނިންމާފައިވާތީ އެ ބިން ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ޕްލޭނިން މިނިސްޓްރީން ވަނީ ހަނިމާދޫ ކައުންސިލްގައި އެދިފައެވެ.
ޕްލޭނިން މިނިސްޓްރީގެ މިގޮތަށް އެދުމުން ހަނިމާދޫ ކައުންސިލުން ވަނީ އެ މައްސަަލަ މާދަމާ އޮންނަ އެކައުންސިލްގެ 6 ވަނަ އާންމު ބައްދަލުވުމަށް އެޖެންޑާ ކޮށްފައެވެ.
"މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އިންފްރާންސްޓްރަކްޗަރއިން ފޮނުވާފައިވާ ސިޓީއާއި ހަވާލާދިނުމަށް ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ކޯވިޑު ޙާލަތު ތަންނުދެތީ، އެޕްރޮޖެކްޓް ލަސްވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމާއިއެކު، އެސިޓީގައި ޙަވާލާދެއްވާފައިވާ ބިމުގެ ތެރެއިން އެއަރޕޯޓް ފެންސުން ފެށިގެން ކަސްޓަމު މަގާއިދޭތެރޭގައިވާ ބިމުން ގޮނޑުގޮށުގެ ހޭޅިން ފެށިގެން އެއްގަމަށް 30 (ތިރީސް ފުޓު) ހޭޅީ ސަލާމަތްކުރުމަށް، އަދި އަވަށުންދާ ބޭރުމަގަށް 70 (ހަތްދިހަ ފޫޓު) ނުހިމެނޭގޮތަށް 400000 (ހަތަރުލައްކަ އަކަފޫޓު) ބިމެއް އެއަރޕޯޓް ޑިވެލޮޕްމަންޓް މަޝްރޫޢުއަށް ލޭންޑްޔޫސް ޕްލޭނަށް އިތުރު ކުރުމާއިމެދު މި ކައުންސިލުން ނިންމުމަށާއި، އަދި ބިމުގެ ރަޖިސްޓްރީ ކަންތައް ހަމަޖައްސަވައި ދެއްވާނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށް ލޭންޑްޔޫސް ޕްލޭނެއް ނިންމުމަށްފަހުގައި ކަމަށް ފާސްކޮށް ބިމުގެ މައްސަލަ ވީއެންމެ އަވަހަކަށް ނިންމުން." ހަނިމާދޫ ކައުންސިލްގެ ޖަލްސާގެ އެޖެންޑާގައި ބުނެފަވެއެވެ.
ކުރިންވެސް ކައުންސިލުން ވަނީ ކައުންސިލް ބައްދަލުވުމުގައި މި މައްސަލަ އެޖެންޑާ ކޮށްފައެވެ. ނަމަވެސް އެ ދުވަހު މި މައްސަލައާއިމެދު ވަކިގޮތެއް ނުނިންމައެވެ.
މިމައްސަލައަށް ގޮތެއް ނިންމާނީ ރައްޔިތުންގެ ބަސް ހޯދާފައި ކަމަށް ބައެއ ކައުންސިލަރުން ބުނިކަމަށް، އެކަމާއި ނުރުހުން ފާޅުކޮށް މީސް މީޑިއާގައި ލިޔަމުންދާ އެރަށު ބައެއް މީހުން ބުނެފަވެއެވެ.
ހަނިމާދޫގައި "ބިން ފޭރިގަތުމާ ދެކޮޅަށް ކުރާ މުޒާހަރާ"ގެ ނަމުގައި މާދަމާ މުޒާހަރާއެއް ބާއްވަން ނިންމައި، މީސް މީޑިއާގައި މިހާރު އެކަން އާންމުކޮށްފައިވާއިރު، އެ މުޒާހަރާ ފަށަން ނިންމާފައި އޮތީ މާދަމާ ހެނދުނު 9 ޖަހާއިރު ހަނިމާދޫ ކައުންސިލް އިދާރާގެ ކުރިމަތީގައެވެ.
މިކަމާ ދެކޮޅުހަދާ ހަނިމާދޫ މީހުން ފޭސްބުކް ޕްރޮފައިލް ބަދަލު ކުރަމުންދާއިރު ބޭނުންކުރާ ފޮޓޯގައި "ތަރައްޤީއަކާއި ދެކޮޅެއް ނޫން، ބިމުން އިންޗިއެއްވެސް ދޭން ދެކޮޅު، ސޭވް ހަނިމާދޫ" ލިޔެފަވެއެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސް ހިމެނޭހެން، އެކައުންސިލްގެ 4 ގޮނޑި ތަމްސީލް ކުރަނީ އެމްޑީޕީއިން ނެވެ. ބާކީ ގޮނޑި ތަމްސީލް ކުރަނީ ޖޭޕީއަށް ނިސްބަތްވާ މެންބަރެކެވެ.
ހަނިމާދޫގެ ތިން ޖަމިއްޔާއިން މި މައްސަލަ ކޯޓަށް ވެއްދުމުގެ މަޝްވަރާތައް ވެސް ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކޯވިޑްގެ ނުރައްކަލުގެ ސަބަބުން ހަނިމާދޫ މިވަގުތު އޮތީ ވެސް ފުރަ ބަންދުގެ ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!