ހއ. ބާރަށުގައި ހުރި ގޯތިތަކާއި، މަގުފަޅިތައް ސާފުކުރުމަށް އެރަށު ކައުންސިލުން، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އަންގައިފިއެވެ.

އެކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ ރަށުގައި ހުރި މީހުން ދިރިއުޅޭ ގޯތިތަކާއި، ދިރިނޫޅޭ ގޯތިތަކާއި، އަދި އަލަށް ދޫކޮށްފައިވާ ގޯތިތަކުގައި ހިމެނޭ މަގުފަޅިތަކާއި، ވާވެފައިވާ ގޯތިތައް ނޮޅާ ސާފުކޮށް ބޭއްވުމަށް އެފަދަ ގޯތިތަކުގެ ވެރިންނާއި، ގޯތިތަކާއި ޙަވާލުވެތިއްބެވި ފަރާތްތަކަށް ހަނދާންކޮށްލަދީފިއެވެ.

Ad
rt

އަދި ގޯތިތަކާއި މަގުތައް ވާވެފައި އޮތުމަކީ ހިނގާ ބިނގާވެއުޅޭ ފަރާތްތަކާއި، އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށްވެސް ނުހަނު އުނދަގޫތަކާ ކުރިމަތި ވާނެ ކަމެއްކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މިދުވަސްވަރަކީ މުޅި ދުނިޔޭގައިވެސް ނުރައްކާތެރި ކުރޯނާ ވައިރަސް ފެތުރެމުންދާ ދުވަސްވަރަކަށްވެފައި އަދި ސްކޫލްތައް ބަންދުވެ ޢަޟުޙާ ޢީދު ގާތްވެފައި ވުމާއެކު ރަށަށް ޒިޔާރަތް ކުރާ މީހުންގެ ޢަދަދުވެސް އިތުރުވެފައިވާ ދުވަސްވަރަކަށް ވުމުން ރަށް ސާފުތާހިރުކޮށް ބޭއްވުން މުހިންމުކަމަށް އެ ކައުންސިލުން ދެކެއެވެ.

އެ ކައުންސިލުން ވަނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރަށުތެރެ ސާފުތާހިރުކޮށް ރީތިކޮން ބޭއްވުމަށްޓަކާ ފަރުދީ ޒިންމާއެއް ކަމަށްދެކި ގޯތިތަކާއި، މަގުތައް ނޮޅާ ސާފުކުރުމަށާއި، އަދި، ކަންމުޑި ނާޅާ ހުރި ގޯތިތަކުގެ ކަންމުޑި އަޅާ ނިންމުމަށް ގޯތިތަކުގެ ވެރިންނާއި، އަދި، ގޯތިތަކާ ޙަވާލުވެ ތިއްބެވި ފަރާތްތަކަށް އަންގާފައެވެ.