ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ނެދަލެންޑްސްއާއި އޮސްޓްރިއާ ޖާގަ ހޯދައިފިއެވެ.
މި ގްރޫޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ހޯމަ ދުވަހުގެ ރޭ ކުޅެފައިވާއިރު ނެދަލެންޑްސް ވަނީ ނޯތު މެސެޑޯނިއާއަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެ، ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ތިންމެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއިއެކު ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.
ޔޯހަން ކްރައިފް އެރީނާގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗު ހީކުރެވުނުގޮތާއި ޚިލާފަށް މެޗު ފަށައިގެން މޮޅަށް ކުޅެފައިވަނީ މެސެޑޯނިއާއިންނެވެ. އެ ޓީމުން މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓު ވަނީ ނެދަލެންޑްސް ކައިރީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން އެގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި މެސެޑޯނިއާގެ ޓްރަޖްކޮވްސްކީ ލަނޑެއް ވެސް ޖެހިއެވެ. ނަމަވެސް ރެފްރީ ނިންމާފައި ވަނީއެއީ އޮފްސައިޑު ލަނޑެއްގެ ގޮތުގައެވެ.
މި މެޗުގައި ނެދަލެންޑްސްއިން ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މި ލަނޑު މެލެންގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދީފައިވަނީ މެންފިސް ޑިޕޭއެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނެދަލެންޑްސްއިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު 51 ވަނަ މިނެޓުގައި މެންފިސް ޑިޕޭގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ކެޕްޓަން ވައިނަލްޑަމްއެވެ. ނެދަލެންޑްސްއިން މެޗުގައި އިތުރަށް ލީޑު ފުޅާކުރި ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ކެޕްޓަން ވައިނަލްޑަމްއެވެ.
އޮސްޓްރިއާ ވަނީ 1-0 ގެ ނަތީޖާއިން ޔުކްރެއިން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން ފުރުޞަތު ހޯދާފައެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި ވެސް ޔޫރޯ މުބާރާތެއްގެ ދެވަނަ ބުރުން ފުރުޞަތު ލިބުނު ފުރަތަމަ ފަހަރެވެ.
ބުކަރެސްޓްގެ ނެޝަނަލް އެރީނާގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައެވެ. މި ގޯލަކީ އެ ޓީމުގެ ކެޕްޓަން ޑޭވިޑް އަލާބާ ނަގައިދިން ކޯނަރަކުން އެ ޓީމްގެ ކްރިސްޓިފް ބާމްގޭޓްނާ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.
މި މުބާރާތުގެ މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ގްރޫޕް ޑީގެ ދެ މެޗެވެ. މިރޭ 00:00 ގައި މެޗުތައް ފެށުމަށް ހަމަޖެހިފައިވާއިރު އިންގްލެންޑް ވާދަކުރާނީ ޗެކްރިޕަބްލިކާއެވެ. ކްރޮއޭޝިއާ ވާދަކުރާނީ ސްކޮޓްލެންޑާއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!