"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިގުޅޭގޮތުން ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރަށްވައިފިއެވެ.
ނަފްރަތުގެ ޢަމަލު ހިންގުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ސަރުކާރުގެ ފަރާތުން 25 މެއި 2021 ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤާނޫނުލް އުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި މިބިލާމެދު ފާހަގަކުރެވޭ ކަންކަން ހިއްސާކޮށްލާކަމަށް ވިދާޅުވެ، ޢާޠިފާ ވިދާޅުވީ، އިންސާނުންގެ ލޭ ހުއްދަ ކުރުމާއި، މީހުން މަރަން ގޮވުމާއި، އަނިޔާކުރަން ނުވަތަ އަނިޔާވެރިވުމަށް ގޮވުމާއި، އެކަމަށް ހިތްވަރުދިނުމާއި، އެކަމުގައި ބައިވެރިވުމަކީ އެއްވެސް މީހަކު ތާއިދުކުރާނެ ކަމެއް ނޫންކަމަށެވެ.
އަދި އެއީ އިސްލާމްދީނުގައިވެސް ނަހީކުރައްވާފައިވާ ކަންކަން ކަމަށާއި، އެހެންކަމުން އެފަދަ ޢަމަލުތައް ކުށެއްގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެފަވެއެވެ.
"އެހެނީ މީހަކު ކުށެއް ކުރުމުން، އިސްލާމީ ޝަރީޢަތުގައި ޙުކުމް ކުރުމުގެ ޒިންމާ އޮންނަނީ ޙާކިމާއަށެވެ. އެއީ އެއްވެސް ޙާލެއްގައި ވަކިވަކި ފަރުދުން އަދާކުރަންޖެހޭ ޒިންމާއެއް ނޫނެވެ." ޢާޠިފާ ވިދާޅުވިއެވެ.
މުސްލިމަކު ކާފަރު ކުރުމާއި، އިސްލާމްދީނާ ދެކޮޅަށް މީހަކު ވާހަކަ ދެއްކުމުން، އެމީހަކު އެގޮތަށް ދައްކައިފިއޭ އަދި އޭނާއަކީ ދީނާ ދުރު މީހެކޭ ބުނުމަކީ މުޅިން ތަފާތު ދެ ކަމެއްކަން ފާހަގަ ކުރަށްވަމުން، މުސްލިމަކު ކާފަރު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ވަކި އުސޫލެއްގެ ތެރެއިން ޝަރުޠުތަކަކާއެކު ކުރަން އޮންނަ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެ ޝަރުޠުތަކާ ޚިލާފަށް މުސްލިމަކު ކާފަރުކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއި، ނަމަވެސް ބިލު މިހާރު އޮތްގޮތުން އެ ޝަރުޠުތަކާއެއްގޮތަށް ވިޔަސް މުސްލިމަކު ކާފަރުކުރުމަކީ ކުށަކަށް ވެގެންދާ ކަމަށް ޢާޠިފާ ވަނީ ވިދާޅުވެފައެވެ.
"އިސްލާމްދީނުގެ އަސާސަކާ ނުވަތަ ޙުކުމަކާ ދެކޮޅަށް ފާޅުގައި މީހަކު ވާހަކަދައްކައިފިނަމަ، އޭނާ އިސްލާމްދީނާ ޚިލާފު ވާހަކައެއް ދައްކައިފިއޭ ބުނެ އޭގެ ރަނގަޅުގޮތް މުޖުތަމަޢަށް ބަޔާންކޮށްދެވެންޖެހެއެވެ. އަދި އެމީހަކު ހަމަމަގަށް އެޅުވޭތޯ މަސައްކަތްވެސް ކުރަން ޖެހޭނެއެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ކަމެކެވެ. އެހެންކަމުން މިނިވަންކަމާއެކު މި މަސައްކަތްކުރާނެ ފުރުސަތު ޚާއްސަކޮށް ޢިލްމުވެރިންނަށް ލިބެންޖެހެއެވެ. އެއާ ޚިލާފަށް ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ (i) މިހާރު އޮތްގޮތުން ނުކުންނާނެ ނަތީޖާއަކީ، މިހާރުވެސް އިސްލާމްދީނުން ބޭރުވިކަން އަމިއްލައަށް އިޢުލާންކޮށްގެން ތިބެ ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް އިތުރު ހިތްވަރެއްލިބިގެންދިއުމެވެ. އަދި އެފަދަ މީހުންނާ ދެކޮޅަށް ބަހެއް ބުނާ މީހާ އެކުރަނީ ޤާނޫނީ ކުށަކަށް ވެގެން ދިއުމެވެ." ޢާޠިފާ ވިދާޅުވެފައި ވެއެވެ.
ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ (i) ގައިވާގޮތުން، ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ކުށެއްކަން ފާހަގަކުރަށްވައި، ނަފްރަތުގެ ޢަމަލު އިސްލާމްދީނާ ގުޅުވައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ކުށެއް ކަމަށް ބުނެފައިވާއިރު، އިސްލާމްދީނާ ގުޅުވައިގެން ވަކި މީހަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ތުހުމަތުކޮށް ތަފާތު އިލްޒާމުތައް އެޅުވުންވެސް ޢާންމު ވެފައިވާއިރު އެކަންކަން ނަފުރަތުގެ ޢަމަލެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާކަން ފާހަގަކުރެވޭ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަވެއެވެ.
"ޤާނޫނު އަސާސީއިން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމާއި ގަލަމާއި ދުލުގެ މިނިވަންކަން ނިވާފަތްގަނޑަކަށް ހަދައިގެން، ފާޅުގައި މީހުންގެ އަބުރަށް އަރައިގަތުމާއި، ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި އެކަކު އަނެކަކާމެދު ނަފުރަތު އުފެއްދުމަށް ލައިވް ޓީވީ ޕްރޮގްރާމްތަކާއި ޕޯޑިއަމްތަކާއި ޢާންމު ތަންތަނުގައި އެކިގޮތްގޮތަށް މަސައްކަތްކުރުން އިންތިހާއަށް ޢާންމުވެފައިވާއިރު އެފަދަ ޢަމަލުތަކަކީވެސް ނަފުރަތުގެ ޢަމަލުގެ ގޮތުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށް ދެކެމެވެ." ޢާޠިފާ ވިދާޅުވެފައި ވެއެވެ.
އެހެންކަމުން، ބިލުގެ ކޮމެޓީ މަރުޙަލާގައި މިކަންކަމާމެދު މެންބަރުން އިތުރަށް ވިސްނާވަޑައިގެން ބިލަށް ބަދަލުތައް ގެންނަވާނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ގެނެސްދެއްވާނެ ކަމަށް ގަބޫލު ކުރަށްވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމެއްގައި އެކަމަށް ތަސައްލީއެއް ނުލިބޭނެހެން އަދުގެ ސަރުކާރުން މިފަދަ ބިލެއް ވުޖޫދަށް ނުގެންނާނެ ކަމާމެދު ޝައްކެއް ނުކުރަށްވާ ކަމަށް ވެސް ޢާޠިފާ ވިދާޅުވިއެވެ.
ހަމައެއާއެކު، އިސްލާމްދީނާ ދެކޮޅު ޢަމަލުތައް ޤާނޫނުލްއުޤޫބާތުގެ 617 ވަނަ މާއްދާގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާއިރު، ޤާނޫނުން އިސްލާމްދީނަށް ނަސްރު ދެވޭނެ ކަމަށް ފާހަގަކުރެވޭކަމަށާއި، ނަމަވެސް އެ މާއްދާ ތަންފީޒްކުރާ ތަނެއް ނުފެންނަ ކަމަށާއި، އަދި މި މާއްދާ ފުރިހަމައަށް ތަންފީޒްކުރުމަކީވެސް ނުހަނު މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ޢާޠިފާ ވިދާޅުވިއެވެ.
"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިގުޅޭގޮތުން ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރެއްވިއިރު، އެ ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފް ވެސް ރޭ ވަނީ އެ ބިލާއި މެދު އޭނާ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!