ނަފުރަތުގެ ބިލު އަނބުރާ ނެންގެވުމަށް 101 ޢިލްމުވެރިންގެ ފަރާތުން އިލްތިމާސްކޮށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި ކުޅުދުއްފުށި ސިޓީގެ 600 އަށްވުރެއްގިނަ މީހުން ސޮއިކޮށްފި އެވެ.

މި ޕެޓިޝަންގައި ސޮއިކުރަން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ކޯވިޑް19ގެ ސަބަބުން މޮނީޓަރިންގެ ހާލަތުގައި އޮތް ކުޅުދުއްފުށީގައި ޕެޓީޝަންގައި ސޮއިކުރުމަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި އިސްކޮން ހަރަކާތްތެރިވެފައިވާ ފަރާތްތަކުންވަނީ އެކި ގޭގެއަށް ޒިޔާރަތްކޮށް ސޮއި ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.

Ad
rt

މިހަރަކާތް ހިންގުމުގައި އިސްކޮން ހަރަކާތްތެރިވި މުޙައްމަދު މޫސާ މިނޫހަށް މަޢޫލޫމާތު ދެއްވަމުން ވިދާޅުވީ 6 ހަޑިއިރެއްހާއިރުގެ މަސައްކަތުން 670 އަށްވުރެއްގިނަ މީހުންގެ ސޮއި މި ޕެޓިޝަންއަށް ލިބިފައިވާކަމަށެވެ. އެސިޓީގައި މިޕެޓިޝަން ގައި ސޮއިކުރުން މިހާރު ހުއްޓާލެވިފައިވާއިރު ވަރަށް ގިނަ ފަރާތްތަކުން ސޮއިކުރަން ބޭނުންވެފައިވާކަމަށާއި މިވަގުތު އެސިޓީ މޮނީޓަރިންގެ ހާލަތުގައި އޮތުމުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ.

"މިއީ އެއްވެސް ސިޔާސީ ޕާޓީއަކުން އިސްނަގައިގެން، އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކަމެއްނޫން، މިބިލް ބޭރުކުރަން ޖެހޭކަމަށް ގަބޫލުކުރާ ބަޔަކުނިކުމެ ކުރި މަސައްކަތެއް، މިޕެޓީޝަންގައި ސޮއިކުރި ކުޅުދުއްފުށީގެ ރައްޔިތުންވެސް އެދެނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުންވެސް މިބިލު ބޭރުކުރުމަށް ބަޔާން ނެރުމަށް އެދޭކަމަށް"

މުޙައްމަދު މޫސާ ވިދާޅުވި އެވެ.

101 ޢިލްމުވެރިންގެ ފަރާތުން އިލްތިމާސްކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް، ހުށަހަޅާ ޕެޓިޝަންގައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލުގެ ސަބަބުން، މުޖުތަމަޢުގައި އިސްލާމް ދީނާ ދެކޮޅަށް ހިނގާ ބޮޑެތި މުންކަރާތްތަކާ ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި، އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި ޢާންމުން ހޭލުންތެރި ކުރުމަށް ދީނީ ޢިލްމުވެރިންނާއި އެނޫން ޢާއްމު ރައްޔިތުންނަށް އެކީއެކަށް ހުރަސް އެޅި ބަންދުވެގެން ދާނެކަން ފާހަގަ ކުރާކަމަށެވެ.

މީގެ އިތުރުން، ސެކިއުލަރ ޙަރަކާތްތައް މި ޤައުމުގައި ވަރުގަދަ ކުރުމަށް މިވީހާތަނަށް ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ ގުޅިގެން އެކި ޖަމާޢަތްތަކުން ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް، އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ޙަޤީޤަތްކަން ދިވެހި މުޖުތަމަޢުގެ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އެބައޮތްކަމާއި އެފަދަ ޙާލަތުގައިވެސް ދީނާ ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ޢިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ ޢާންމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން، ދީނުގެ ދިފާޢުގައި ތެދުވާ މީހުންނަށް ދަޢުވާ އުފުލޭނެ ގޮތަށް އޮތުމަކީ ލޮބުވެތި މިވަޠަނުގެ ދީނާއި ޤައުމިއްޔަތާ ޚިލާފު ކަމެއްކަމަށެވެ.

"މިބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން މަނިކުފާނުގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވުނު ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެކަމުގެ ޔަގީންކަން ޚުދު މަނިކުފާނަށް ވެސް ދެއްވެން ނޯންނާނެތީ، އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އިލްތިމާސްކުރަމެވެ."

އެޕެޓިޝަން ގައި ލިޔެފައިވެއެވެ.

މި ދިވެހި އިސްލާމީ އުންމަތުގެ ވަލިއްޔުލްއަމްރުގެ ގޮތުގައި މިހާރު ހުންނެވި ފަރާތުގެ ހައިސިއްޔަތުން، މިހާރު ހިނގާ މިފަދަ އެންމެހައި ކަންކަމުގެ ދާއިމީ ގެއްލުމާއި ނުރައްކާ ކުރިމަތިވެ ވަޑައިގަންނަވާނެ ފަރާތަކީ މަނިކުފާނާއި މަނިކުފާނުގެ ރައްޔިތުން ކަމަށްވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް އިލްތިމާސް ކުރާކަމަށް ލިޔެފައިވެއެވެ.

މިބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިޞްލާޙުތަކެއް ގެނެސްގެން ވިޔަސް އިސްލާމީ މުޖުތަމަޢުއަކަށް އެއްވެސް ޙާލެއްގައި އަދި އެއްވެސް މިންވަރަކަށް ކުޑަނަމަވެސް މަޞްލަޙަތެއް އެކުލެވިގެންވާ ކަންކަން ކަމުގައި ނުވާތީއާއި، އޭގެ ސަބަބުން ލިބިގެން ދާނެ ގެއްލުންތަކަކީ ފޫ ނުބެއްދޭ ވަރުގެ ކަންކަން ކަމުގައި ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިން ހެން އިއްތިފާޤުވެ ވަޑައިގަންނަވާކަމަށް ލިޔެފައިވެއެވެ.

ނަފުރަތުގެ ބިލުގައި ކަންބޮޑުވައި ކަންތައްތައް ހުރިކަމަށާއި އަދި އެ ބިލް އިސްލާހުކުރުމަށް ގޮވާލައި ގިނަ ފަރާތްތަކެއް އަންނަނީ ސަރުކާރަށާއި މަޖިލީހަށް ފާޑުކިޔަމުންނެވެ. ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކުންވެސް މިބިލާއި ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ. ގިނަ އަދަދެއްގެ ކައުންސިލްތަކުންނާއި އާންމު ޖަމިއްޔާތަކުންވެސް "ނަފުރަތުގެ އަމަލު" ބަޔާންކުރާބިލާއި ދެކޮޅަށްވަނީ ބަޔާންތައް ނެރެފައެވެ.