"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ރަނގަޅު ގިނަ ކަންތައްތަކެއް އެބަ ހުރި ކަމަށާއި، ނަމަވެސް ގޯސް ތީ ގޯހޭ ބުނުމަށް ހުރަސް އެޅިދާނެ ކަމުގެ ނުތަނަވަސްކަން އެބަ އޮތްކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފް ވިދާޅުވެއްޖެ އެވެ.

އެ ބިލާއިމެދު ރާއްޖޭގައި ހޫނު ބަހުސެއް ހިނގަމުންދާ މި ދަނޑިވަޅުގައި މޭޔަރު އާތިފް ވަނީ، އެ ބިލާއި މެދު އޭނާ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރަށްވާފައެވެ.

Ad
rt

މިގޮތުން އާތިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހެއް ގެނަމުގެ ބޭނުމުގައި ސަރުކާރުގެ ފަރާތުން 2021 މެއި 25 ވަނަ ދުވަހު ރައްޔިތުން މަޖުލީހަށް ހުށަހެޅުއްވި ބިލުގައި، ގާނޫނުލް އުގޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކޮށް، އެ މާއްދާގެ ދަށުން ނަފްރަތުގެ އަމަލުތައް ހިންގުމަކީ ކޮބައިކަމާއި އެއީ ކުށެއްކަން ކަނޑައެޅުމަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ބިލު އިސްލާމީ އިންތަކާއި ތައާރަޒުވާކަމަށާއި މިއީ ސެކިއުލާ ބިލެއްކަމަށް ބައެއް ދީނީ އިލްމުވެރިންނާއި އާންމުންގެ ބައެއް ފަރާތްތަކުން ބުނަމުން އަންނާތީ، މިބިލު ބަލާ އޭގައި އޮތް އެއްޗެއް ކިޔުއްވި ކަމަށާއި، އަދި ސަރުކާރުންނާއި ދީނީ އިލްމުވެރިން ބުނެފައިވާ ވާހަކަތައްވެސް ހޯއްދެވިކަމަށް އާތިފް ވިދާޅުވިއެވެ.

މިގޮތުން މިބިލުގައި ކުށްކަމަށް ކަނޑައަޅާފައި 4 ކަމެއް ވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ، އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާދީނާއި ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމާއި، އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމުގައި މީހަކާމެދު ނަފްރަތު އުފެއްދުމާއި، އާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި އަދި އާންމު ތަނެއްގައި، މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަކުރުމެވެ.

"މީގެ އިތުރުން މިކަންކަން ކުރުމަށް މީހަކާއި ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި، ހިތްވަރު ދިނުމާއި، ބަރީއަވުން ކުށްކަމަށް ކަޑައަޅާފައިވެއެވެ. އަދި ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުމާއި، ރޭވުމާއި، އެމީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް ބަލައި އަނިޔާވެރިވުންވެސް މަނާކުރެވިފައިވެއެވެ." އާތިފް ވިދާޅުވިއެވެ.

އެއަށްފަހު އާތިފް ވަނީ އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވި ބަސްފުޅެއް އޭނާގެ ޕޯސްޓްގައި ހިމަނުއްވާފައެވެ.

"ސަރުކާރުން ބިލް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކަށްވީ މީހުންގެ ތެރޭގައި ނަފުރަތު އުފެދި މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންވާ ހިސާބަށް ދިޔަ ނުދޭން އޮތް ހުރިހާ ކަަމެއްކުރުން ކަމަށެވެ. އަދި މި އިސްލާހުގެ މަޤްސަދަކީ، ދީނީ އެއްބައިވަންތަކަން އިތުރަށް ދަމަހައްޓައި، މީހުންނާމެދު ނަފުރަތު އުފެދޭނެ ވާހަކަތައް ހުއްޓުވުމެވެ." - ރައީސް ޞާލިޙް -

ދެން އޭނާ އެ ޕޯސްޓްގައި ހިމެނުއްވީ ދީނީ ޢިމްވެރިޔާ އައްޝައިޚް އާދަމް ސަމީރު މި ބިލާއި ބެހޭ ގޮތުން ވިދާޅުވެފައިވާ ބަސްފުޅެކެވެ.

"މި ބިލުގައި އޮތް ކަންބޮޑުވުމަކީ މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ވާތީ ނޫންކަމާ، ކަންބޮޑުވުމަކީ ދީނާ އިދިކޮޅު އަމަލުތަކަށް އިންކާރުކޮށް އެކަމާ ދެކޮޅަށް ބަސްބުނުން ކުށަކަށްވެ ސެކިއުލާ ފިކުރަށް ޤައުމު ހުޅުވާލެވޭތީ ކަމަށެވެ." - އައްޝައިޚް އާދަމް ސަމީރު -

މި އިސްލާހުގައި ރަނގަޅު ކަންތައްތަކެއް ހުރި ކަމުގައި ވީނަމަވެސް، އަދި މި ބިލުން ސަރުކާރުން ކިތަންމެ މާތް މަގުސަދެއް ހާސިލްކުރަން ބޭނުންވީ ކަމުގައި ވީނަމަވެސް މިބިލު މިހާރު ފަރުމާ ކުރެވިފައި އޮތްގޮތުން އިތުރު މައްސަލައެއް ފެންމަތިވާކަމަށް އާތިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ބިލުގައި ރަނގަޅު ގިނަ ކަންތައްތަކެއް ހުރި ކަމުގައި ވީނަމަވެސް ގޯސް ތީ ގޯހޭ ބުނުމަށް ހުރަސް އެޅިދާނެ ކަމުގެ ނުތަނަވަސްކަން އެބަ އޮތްކަމަށެވެ.

"ފާޅުގައި ދީނާ ދެކޮޅަށް އަޑުއުފުލާ ނުވަތަ ދީނަށް ފުރައްސާރަ ކުރާ މީހަކާ ދިމާލަށް ދީނާ ދެކޮޅު މީހެކޭ ބުނެވެން ޖެހޭނެ. އަދި ހަމަ ހިތުހުރިހާ މީހަކާ ދިމާލަށް އެއްވެސް އަސާސެއްނެތި ދީނާ ދެކޮޅު މީހެކޭ ނުވަތަ ލާދީނީ މީހެކޭ ބުނެވިގެން ނުވާނެ. އަދި ވަކި ސިޔާސީ ޕާޓީ އަކަށް ނިސްބަތްވާތީ ލާދީނީ މީހެއްގެ ޓެގް އެޅުވިގެންވެސް ނުވާނެ." އާތިފް ވިދާޅުވިއެވެ.

އާތިފް ވަނީ، ސަރުކާރުން މި ބިލުން ހާސިލް ކުރަންބޭނުންވާ މަގުސަދު އޮޅޭގޮތަށް ބައެއް ފަރާތްތަކުން މިބިލު މާނަ ކުރަމުން ދިއުމަކީ އޭނާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވެފައެވެ.

"މަޖިލީސް މެންބަރުންގެ އަރިހުން އަޅުގަނޑު އެދޭ އެދުމަކީ ކޮމެޓީ މަރުހަލާނިމި ރައްޔިތުންގެ ހިޔާލުތަކާއި އެކު ބިލު އިސްލާހުވެގެން އަންނައިރު ސަރުކާރުގެ މަގުސަދު ހާސިލްވާނެ، އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް ފިލައިގެން ދާނެފަދަ ފުރިހަމަ ރަނގަޅު ބިލަކަށް ހަދައި ދިނުމަށް" އާތިފް ވިދާޅުވެފައިވެއެވެ.

މަޖިލިސް ވެބްސައިޓުން މި ބިލްތައް ބެލެން ހުންްނައިރު، ހުރިހާ ރައްޔިތުންވެސް މި ފަދަ ބިލްތައް އަމިއްލަޔަށް ބަލާ އޮޅުން ފިލުވުމަށް ފަހު ކަންބޮޑުވުންތަކާއި ދޭން ބޭނުންވާ ހިޔާލުތައް މަޖިލީސް މެންްބަރުންނަށް ފޮނުވުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ކަމަށް ގަބޫލު ކުރަށްވާ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް މިހާތަނަށް ރާއްޖޭގެ 90 އަށް ވުރެ ގިނަ ލޯކަލް ކައުންސިލަކުން ވަނީ ބަޔާން ވެސް ނެރެފައެވެ.

މީގެއިތުރުން މި ބިލު އަނބުރާ ގެންދަން ގޮވާލައި، ދިވެހިރާއްޖޭގެ 101 ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވާއިރު، އަދި ބައެއް މަދަނީ ޖަމިއްޔާތަކުން ވެސް ދަނީ ބަޔާން ނެރެމުންނެވެ.