ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުތައް އާދީއްތަ ދުވަހުގެ ރޭ ކުޅެފައިވާއިރު މި ގްރޫޕުން އިޓަލީއާއި ވޭލްސް ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފިއެވެ.

މި ގްރޫޕްގެ ފަހު މެޗުތަކުގައި އިޓަލީއާއި ވޭލްސް ވާދަކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން އިޓަލީ މޮޅުވެގެންނެވެ. މި މޮޅާއިއެކު އިޓަލީއަށް މި ގްރޫޕްގެ އެއްވަނަ ނުވަ ޕޮއިންޓާއިއެކު ލިބިފައިވަނީ ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ތިން މެޗުވެސް ކާމިޔާބު ކުރުމާއި އެކުއެވެ. މި މެޗުން ބަލިވި ނަމަވެސް ވޭލްސްއަށް ދެވަނަ ބުރުން ޖާގަ ކަށަވަރު ވެފައި ވަނީ އެ ޓީމް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު އެއްވަރުކޮށް އަދި އެއް މެޗުން މޮޅުވެ ލިބުނު ހަތަރު ޕޮއިންޓާއިއެކުއެވެ.

Ad
rt

މި ގްރޫޕްގެ ދެން ހިމެނޭ ދެ ޓީމް ކަމުގައިވާ ސްވިޒަލޭންޑާއި ތުރުކީ އާދީއްތަ ދުވަހުގެ ރޭ ވާދަކުރި މެޗު ސްވިޒަލޭންޑް ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއިއެކު ކުޅުނު ތިން މެޗުން ބަލިވެ ތުރުކީ މުބާރާތުން ކެޓި ނަމަވެސް، މި ގްރޫޕްގެ ތިންވަނާގައި ހަތަރު ޕޮއިންޓް ހޯދައިގެން އޮތް ސްވިޒަލޭންޑަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބުމުގެ ފުރުޞަތު އަދި އެބައޮތެވެ.

މި މުބާރާތް ރާވާލެވިފައިވަނީ މުބާރާތުގައި ހިމެނޭ 24 ޓީމް ހަ ގްރޫޕަކަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ދެވަނަ ބުރުން ޖާގަ ދިނުމަށް ފަހު، ހުރިހާ ގްރޫޕަކުން ތިންވަނައަށް ދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ދެވަނަ ބުރުން ޖާގަ ލިބިގެންދާ ގޮތަށެވެ. ވުމާއިއެކު ސްވިޒަލޭންޑަށް އަދި ދެވަނަ ބުރުން ޖާގަ ލިބުމުގެ ފުރުޞަތު ބޮޑެވެ.

ރަނގަޅު ފޯމެއްގައި އޮތް އިޓަލީއާއި ވޭލްސް ބައަދަލުކުރި މެޗު ކުޅެފައިވަނީ އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. މި މެޗުގައި އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން ވަނީ ވޭލްސްގެ ގޯލާއި އަމާޒުކޮށް ޖުމްލަ ހަ ހަމަލާއެއް ފޮނުވާލާފައެވެ.

މި މެޗުގައި އިޓަލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މަޓެއޯ ޕެސީނާއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ އިޓަލީއަށް ލިބުނު ހިލޭ ޖެހުމެއް އެ ޓީމްގެ މިޑްފީލްޑަރ ވެރާޓީ ވޭލްސްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ވަގުތު އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މެޗުގައި ވޭލްސްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. އެ ޓީމަށް އިޓަލީގެ ގޯލަށް ފޮނުވާލެވިފައި ވަނީ ވެސް އެންމެ ހަމަލާއެކެވެ. މި މެޗުގައި ފަހު ހާފުގެ ބޮޑުބައި ވޭލްސްއިން ކުޅެފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމްގެ އެތަން އަމްޕަޑު އިޓަލީގެ ބާނާޑްސްކީއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއަށް ސީދާ ރަތްކާޑެއް ދެއްކުމާއި ގުޅިގެންނެވެ.

މިއީ އިޓަލީ ބަލިނުވެ ފުރިހަމަ ކުރި 30 ވަނަ މެޗެވެ. އެ ޓީމުން މިވަނީ މީގެ 82 އަހަރު ކުރިން ހަދާފައިވާ ރިކޯޑަކާއި އަރާ ހަމަކޮށްފައެވެ. އިޓަލީ އެންމެ ފަހުން ކުޅުނު 11 މެޗުގައި ވެސް އެ ޓީމް ކޮޅަށް ލަނޑެއް ވަދެފައި ނުވެއެވެ.

މި ގްރޫޕުގައި އާދީއްތަ ދުވަހުގެ ރޭ ސްވިޒަލޭންޑާއި ތުރުކީ ބައްދަލުކުރި މެޗުގެ ވަރަށް ކުރީކޮޅު ސްވިޒަލެންޑުން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ސްޓެވެން ޒޫބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހާރިސް ސެފެރޮވިޗެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޒަލޭންޑުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ސްޓެވެން ޒޫބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ޝަކީރީއެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ތުރުކީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އިރްފާން ކަވޭޗީއެވެ. ނަމަވެސް މެޗުގެ 68 ވަނަ މިނެޓުގައި ސްޓެވެން ޒުބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޝަކީރީ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ 3-1 އަށް ބަދަލު ކޮށްލާފައެވެ. މި މެޗުގައި ސްވިޒަލޭންޑުން ކާމިޔާބުކުރި ތިން ލަނޑު ޖެހުމަށް ވެސް އެސިސްޓް ކޮށްދީފައިވަނީ ސްޓެވެން ޒޫބާއެވެ.

މި މުބާރާތުގައި ހޯމަ ދުވަހުގެ ރޭ ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. 21:00 ގައި ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސީގެ ދެ މެޗެވެ. ޔުކްރެއިން އޮސްޓްރިއާއާއި ވާދަކުރާއިރު ނޯތު މެސެޑޯނިއާ ނުކުންނާނީ ނެދަލެންޑްސްއާއި ދެކޮޅަށެވެ. 00:00 ގައި ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް ބީގެ ދެ މެޗެވެ. ރަޝިއާއާއި ޑެންމާކް ބައްދަލުކުރާއިރު ފިންލޭންޑް ނުކުންނާނީ ބެލްޖިއަމްއާއި ދެކޮޅަށެވެ.