ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި އިތުރު ކުރުމަށް ރައްޔިތުން މަޖިލީހަށް މިހާރު ބަލައިގަނެ ކޮމެޓީ މަރުހަލާގައިވާ ބިލުގައި އިސްލާމް ދީނުގެ ހަރުދަނާ އަސާސްތަކާއި ފުށުއަރާ ކަންތައްތަކެ ހުރުމާއިއެކު އެކަމާއި ކަންބޮޑުވާކަން ހދ.ނޮޅިވަރަންފަރު ކައުންސިލުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް 20 ޖޫން 2021 ވީ އާދީއްތަ ދުވަހު އެ ކައުންސިލުން ބަޔާން ނެރެފައިވަނީ އެ ކައުންސިލުގެ ފަސް މެމްބަރުން ވެސް ސޮއި ކުރައްވާފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޤާނޫނު ނަންބަރ 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 123 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާޙުގައި މި ކައުންސިލުން ކަންބޮޑުވާ ގިނަކަންތައްތަކެއް އެބަހުރި ކަމަށާއި އަދި އެ ބިލުގައި މާތްވެގެންވާ އިސްލާމްދީނާއި، އެ ދީނުގެ ހަރުދަނާ އަސާސްތަކަށް ފުށުއަރާ ކަންތައްތަކެއް ހުރިކަމަށް އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެ މާއްދާ މިހާރު އޮތްގޮތަށް ޤާނޫނީ ބާރު ލިބިގެން ގޮސްފިނަމަ ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލާއި ޚިލާފުނުވާނެ ގޮތެއްގެމަތީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށްބޮޑަށް ހަނިވެގެން ދާނެ ކަމުގައި އެ ކައުންސިލުން ދެކޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ށ) ން ލާޒިމްކުރާ އިސްލާމްދީނާ ޚިލާފް އެއްވެސް ޤާނޫނެއް ނުހެދުމަށް އޮވެމެ، ނަމަވެސް އެ ބިލުގައި ދީނާއި ދެކޮޅު އިސްލާހު ތަކެއް އޮތުމަކީ ނޮޅިވަރަންފަރުގެ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް މިލޮބުވެތި ދިވެހިރާއްޖެ ތަފާތު ދީންތަކަށް ފުރުޞަތު ހުޅުވާލައި ސެކިއުލާ ފިކުރުގެ ތަނަކަށް ހެދުމަށް ސީދާ ގޮތުންނާއި ނުސީދާގޮތުން މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންދާ އެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ވެސް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.
މިހާތަނަށް މި ބިލު އަނބުރާ ގެންދިއުމަށް އެދި ރާއްޖޭގެ 90 އަށް ވުރެ ގިނަ ކައުންސިލުން ވަނީ ބަޔާން ވެސް ނެރެފައެވެ. އަދި މީގެއިތުރުން ރާއްޖޭގެ 101 ދީނީ ޢިލްމުވެރިއަކު ސޮއި ކުރައްވައި މި ބިލު އަނބުރާ ގެންދިއުމަށް އެދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މޫހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. މީގެއިތުރުން ރާއްޖޭގެ ބައެއް މަދަނީ ޖަމްއިޢްޔާ ތަކުން ވެސް މި ބިލާއި ދެކޮޅަށް މިހާރު ވަނީ ބަޔާންތައް ވެސް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!