ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި، މިހާރު ކޮމެޓީގެ މަރުހަލާގައި އޮތް އެ ބިލާއި މެދު ހަނިމާދޫގެ ދެ ޖަމްޢިއްޔާއަކުން ކަން ބޮޑުވުން ފާޅު ކޮށްފިއެވެ.

މި ބިލު މިހާރު އޮތްގޮތަށް ފާސްވެ އެ ބިލަށް ޤާނޫނީ ބާރު ލިބިގެން ގޮސްފިނަމަ ސައްތައިންސައްތަ މުސްލިމުން ދިރިއުޅެމުން އަނަނަ މި މުޖުތަމަޢަށް ކޮށްފާނޭ ނޭދެވޭ އަސަރުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުންނެވެ.

Ad
rt

އެ ދެ ޖަމްޢިޢްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމް ދީންކަމާއި، ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރަކީ ވެސް އިސްލާމް ދީންކަމާއި އަދި އިސްލާމްދީނުގެ އަސްލަކާއި ޚިލާފް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައިވީ ހިނދު ދީނީ ގޮތުން މި މުޖުތަމަޢަށް ގެއްލުމެއް ވެދާނޭ ފަދަ ގޮތަކަށް ޤާނޫނެ އުފެދިގެން އައުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 123 މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި ހުށައަޅާފައިވާ އިސްލާހް ފާސްކޮށް ތަސްދީޤް ކޮށްފިނަމަ މި ދިވެހި މުޖުތަމަޢު ތެރޭގައި އިސްލާމްދީނާއި ޙިލާފު އަމަލުތަކާއި ވާހަކަތައް ދެއްކުމާއި އަދި އެފަދަ އަމަލުތައް ހިންގުމަށް ޤާނޫނީ ގޮތުން ދޮރެއް ހުޅުވިގެން ދާ ކަމުގައި އެ ޖަމްޢިއްޔާތަކުން ދެކޭ ކަމަށެވެ.

ނަފުރަތު އުފެއްދުމަކީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީގައި މިހާރު ވެސް މަނާކަމެއް ކަމަށް ވީހިނދު މި އިސްލާމީ ގައުމުގައި މުންކަރާތްތައް ނަހީކުރުމުގެ ދަޢުރު ހަނިވާފަދަ ގޮތަކަށް ޤާނޫނެއް ފާސްނުކުރުމަށާއި، މި ޤައުމު ސެކިއުލަރ ފިކުރުގެ ތަނަކަށް ހެދުމަށް ސީދާ ގޮތުންނާއި ނުސީދާގޮތުން މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް މިހާރުންމިހާރަށް ހުއްޓާލުމަށް އެ ދެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.

މިހާތަނަށް މި ބިލު އަނބުރާ ގެންދިއުމަށް ރާއްޖޭގެ 90 އަށް ވުރެ ގިނަ ކައުންސިލުން ވަނީ ބަޔާން ވެސް ނެރެފައެވެ. އަދި މީގެއިތުރުން ރާއްޖޭގެ 101 ދީނީ ޢިލްމުވެރިއަކު ސޮއި ކުރައްވައި މި ބިލު އަނބުރާ ގެންދިއުމަށް އެދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މޫހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. މީގެއިތުރުން ރާއްޖޭގެ ބައެއް މަދަނީ ޖަމްއިޢްޔާ ތަކުން ވެސް މި ބިލާއި ދެކޮޅަށް މިހާރު ވަނީ ބަޔާންތައް ވެސް ނެރެފައެވެ.