ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ސްޕެއިންއާއި ޕޮލެންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. މި މެޗުން އެއްވަރު ވުމުން ސްޕެއިން މި މުބާރާތުގައި ކުޅުނު ދެ މެޗުވެސް މި ވަނީ އެއްވަރު ވެފައެވެ. ހޮނހިރު ދުވަހުގެ ރޭ ޕޮލެންޑާއި ސްޕެއިން ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

ސްޕެއިންގެ ސެވިއްޔާގެ އެސްޓާޑިއޯ ލަ ކަރްތޫޒާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ސްޕެއިނުން ވަނީ އެހެން މެޗުތަކުގައި ވެސް އެ ޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅޭ ޕާސިންގ ގޭމް ކުޅެފައެވެ. 70 އިންސައްތަ ބޯލް ޕޮޒިޝަން އެ ޓީމުން ހިއްސާކޮށްފައިވާއިރު، އެ ޓީމުން ވަނީ ޕޮލެންޑް ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފެއްދީ ޕޮލެންޑުންނެވެ. މިގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި އެ ޓީމްގެ މަޓެއުޒް ކްލިޗް ބާރު ހަމަލާއެއް ސްޕެއިންގެ ގޯލަށް ވަނީ ފޮނުވާލާފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ސްޕެއިނުންނެވެ. މި ލަނޑު ޖެރާޑް މޮރޭނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މޮރާޓާއެވެ. ލަނޑުޖެހިއިރު މޮރާޓާ ހުރީ އޮފްސައިޑްގައި ކަމަށް ބަލައި ލައިންސްމަން ދިދަ ނެގި ނަމަވެސް ވީއޭއާރުން ބެލުމުން މޮރާޓާ އެ ލަނޑު ޖަހާފައި ވަނީ އޮފްސައިޑްގައި ހުރެ ނޫން ކަން ޔަޤީން ވުމުން ރެފްރީ ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ބަލައި ގަނެފައެވެ.

މި ހާފުގެ 42 ވަނަ މިނެޓުގައި ޕޮލެންޑުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ސްޕެއިންގެ އޭރިޔާ ބޭރުގައި ހުރެ ޕޮލެންޑްގެ ކާލޯ ސްވިޑާސްކީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ގޯލު ދަނޑީގައި ޖެހިފައި ނުކުތްވަގުތު ޕޮލެންޑްގެ އިތުބާރު ފޯވާޑް ލެވަންޑޯސްކީއަށް ހުސްކޮށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ސްޕެއިންގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އޭގެ ދެ މިނެޓް ފަހުން ސްޕެއިންގެ މޮރޭނޯއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ.

މެޗުގެ ނަތީޖާ ޕޮލެންޑުން ހަމަހަމަ ކޮށްފައި ވަނީ މެޗުގެ 54 ވަނަ މިނެޓުގައެވެ. މި ލަނޑު ޖޮޒްވިއަކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ. ޕޮލެންޑުން ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ސްޕެއިންއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޖެރާޑް މޮރޭނޯ ފޮނުވާލި ޕެނަލްޓީ އަމާޒުވެފައި ވަނީ ގޯލުގެ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ނުކުތް ވަގުތު މޮރާޓާއަށް އެ ބޯޅަ ލިބުން ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޮސްފައި ވަނީ ގޯލާއި އަމާޒު ނުވެއެވެ.

މިވަގުތު ގްރޫޕް އީގެ އެއްވަނާގައި އޮތީ ހަތަރު ޕޮއިންޓް ހޯދައިގެން ސްވިޑަންއެވެ. ދެވަނާގައި ތިން ޕޮއިންޓް ހޯދައިގެން ސްލޮވާކިއާ އޮތްއިރު ކުޅުނު ދެ މެޗު އެއްވަރުވެ ލިބުނު ދެ ޕޮއިންޓާއި އެކު ތިންވަނާގައި އޮތީ ސްޕެއިންއެވެ. ގްރޫޕުގެ ފުލުގައި އެއް ޕޮއިންޓާއި އެކު އޮތީ ޕޮލެންޑެވެ.

މި ގްރޫޕްގެ ފަހު މެޗުތަށް ބުދަ ބުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ސްޕެއިން ބައްދަލު ކުރަން ޖެހޭނީ ސްލޮވާކިއާއާއެވެ. ސްޕެއިން ދެވަނ ބުރުން ޖާގަ ހޯދަން ބޭނުންނަމަ މި މެޗު ކާމިޔާބު ކުރުން ނޫން ގޮތެއް އެ ޓީމަކަށް ނޯންނާނެއެވެ. މި ގްރޫޕުގައި ހަމަ އެ ދުވަހު ޕޮލެންޑް ވާދަ ކުރާނީ ސްވިޑަންއާއެވެ.

މި މުބާރާތުގެ ދެ މެޗު މިއަދު ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ 21:00 ގައި ކުޅުމަށް ހަމަ ޖެހިފައި ވަނީ ގްރޫޕް އޭ ގެ ދެ މެޗެވެ. އެ މެޗުތަކުގައި ބައްދަލުކުރާނީ ސްވިޒަލެންޑާއި ތުރުކީގެ އިތުރުން އިޓަލީއާއި ވޭލްސްއެވެ