އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގާ ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެން އިމަގުން އިންތިޒާމުކުރާ ލިޔުންތެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގެ ގޮތުން "މުސައްނިފު"ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކޯސް އަމާޒުކުރެވިފައިވަނީ، އަންނަ ދިރާސީ އަހަރު ގްރޭޑް 10 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ. އިމަގުގެ އިލްމީ ގޮފިން އިސްނަގައިގެން ހިންގާ މިކޯހުގެ މަގްސަދަކީ، އަންނަ އަހަރު ސާނަވީ އިމްތިހާނުތައް ނިންމާ ދަރިވަރުންނަށް ދިވެހި މާއްދާއިން ރަނގަޅު ނަތިޖާއެއް ހޯދައިދިނުންކަމުގައި އިމަގުގެ މީީޑިއާ ކޯޑިނޭޓަރ ސައުދުﷲ އަހުމަދު ވިދާޅުވިއެވެ.

Ad
rt

އައު މަންހަޖުގެ ލިޔުންތެރިކަމުގެ ބައިތައް ކިޔަވާދިނުމަށް ހަމަޖެހިފައިވާ މިކޯހުގައި ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ދަރިވަރަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލެވިފައިވީ ނަމަވެސް، ކޯހުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުލާހަށް ހާޒިރުވެގެން ކަމުގައި އިމަގުން މައުލޫމާތުދެއެވެ. އެގޮތުން، މި ކޯހުގައި ކިޔަވައިދޭނެ ބައިތަކަކީ:

  • އެއްކޮޅަށް ވާހަކަދައްކާ ލިޔުން
  • ދެކޮޅަށް ވާހަކަދައްކާ ލިޔުން
  • އޮޅުންފިލުފިލުވައިދޭ ލިޔުން
  • އިރުޝާދުދޭ ލިޔުން
  • ބައޮގްރެފިކަލް ރިކައުންޓް
  • ދެކޭގޮތް ހާމަކުރާ ލިޔުން

20 ގަޑިއިރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މި ކޯސް ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް ދިވެހި ބަހުގެ އެކެޑެމީގެ ހާއްސަ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. މިކޯސް ކުރިއަށް ގެންދަނީ އިމަގުގެ އިލްމީގެ ގޮފީގެ "މަންސަފާ" ޓީމްގެ ފަރާތުންނެވެ. "މުސައްނިފު" ކޯހުގައި ކިޔަވައިދޭނީ ދިވެހިބަހުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ، ދިވެހިބަސް ކިޔަވައިދިނުމުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ، އިމަގުގެ ލިޓްރެޗަރ ސެކްޓްރީ ފަތުހުﷲ އަހުމަދެވެ.

"މިކޯހަކީ އެސްއެސްސީ ހަދާ ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުމަަށް ހިންގާ ކޯހެއް. ބޮޑަށް އަމާޒްކޮށްފައިވަނީ މިހާރުގެ ދިވެހި މަންހަޖުގައި ހިމެނޭ ބައިތަކުން އެސްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާގައި ވަޒަންކުރާ ލިޔުންތެރިކަމުގެ މުހިއްމު ބައިތަކަަށް ދަރިވަރުން އަހުލުވެރިކޮށް އެބައިތަށް ކިޔައިދިނުމަށް" ފަތުހުﷲ ވިދާޅުވިއެވެ.

މިކޯސް އިއުލާންކުރުމާއެކު، މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދާކަމަށް އިމަގުން ފާހަގަކުރެއެވެ. އެގޮތުން، ކައިރި ރަށްރަށުގެ ދަރިވަރުންވެސް މި ކޯހުގައި ބައިވެރިވުމަށް އިހަވަންދުއަށް އައުމަށް ނިންމާފައިވާކަމަށް އިމަގުން މައުލޫމާތުދެއެވެ.