ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ނެދަލެންޑްސްއާއި އޮސްޓްރިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ނެދަލެންޑްސް ޖާގަ ހޯދައިފިއެވެ. މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

އެމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗުގައި ނެދަލެންޑްސްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ ދިވަހަވަނަ މިނެޓުގައި އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލާބާ އެ ޓީމްގެ އޭރިއާގެ ތެރެއިން ނެދަލެންޑްސްގެ ޑަމްފުރައިސް އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ފުރަތަމަ ލަނޑު ނެދަލެންޑްސްއަށް ކާމިޔާބު ކޮށްދީފައިވަނީ މެންފިސް ޑިޕޭވެ.

Ad
rt

ނެދަލެންޑްސްއިން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ޑޮނިއެލް މަލެން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑަމްފްރައިސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ އޭނާއެވެ.

މި މޮޅާއިއެކު ނެދަލެންޑްސްއަށް ވަނީ އެ ޓީމް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. މުބާރާތުގެ ދެވަނ ބުރު އެ ޓީމުން ކަށަވަރު ކޮށްފައިވާއިރު އެ ގްރޫޕްގެ ދެވަނާގައި މިވަގުތު އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޔުކްރެއިންއެވެ. ތިންވަނާގައި އޮތް އޮސްޓްރިއާއަށް ވެސް ކުޅުނު ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މި ގްރޫޕްގެ ފުލުގައި އޮތީ ކުޅުނު ދެ މެޗުން ވެސް ބަލިވި ނޯތު މެސެޑޯނިއާއެވެ.

މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވާ ޓީމެއް ކަނޑައެޅިގެންދާނީ އަންނަ ހޯމަ ދުވަހު ކުޅޭ މި ގްރޫޕްގެ ފަހު މެޗުތަކަށް ފަހުއެވެ. އެ ދުވަހު އޮސްޓްރިއާއާއި ޔުކްރެއިން ބައްދަލުކުރަން ޖެހޭއިރު އެ މެޗުން މޮޅުވާބަޔަކަށް ދެވަނަބުރު ޔަޤީންވާނެއެވެ.

މި މުބާރާތުގެ ތިން މެޗު މިއަދު ވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި 18:00 ގައި ބައްދަލުކުރާނީ ސްވިޑަންއާއި ސްލޮވާކިއާއެވެ. ދެވަނަ މެޗުގައި 21:00 ގައި ބައްދަލުކުރާނީ ކްރޮއޭޝިއާއާއި ޗެކްރިޕަބްލިކެވެ. ދަންވަރު 00:00 ގައި ބައްދަލުކުރާނީ އިންގްލެންޑާއި ސްކޮޓްލެންޑެވެ