ކޯވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެ، މިބަލީގައި މި މަހު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 42 އަށް އަރައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިބަލީގައި ރާއްޖެއިން އެންމެ ފަހުން ނިޔާވީ 68 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 202 ވަނަ މީހާއެވެ.
މިބަލީގައި އިއްޔެ ނިޔާވީ އެންމެ މީހެކެވެ. އެއީ 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.
މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ. މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވި މަހަކީ ވެސް މިދިޔަ މޭ މަހެވެ. އެމަހު 88 މީހަކު މިބަލީގައި ނިޔާވިއެވެ.
ރާއްޖެއިން ނިޔާވި މީހުންގެ ތެރެއިން ގިިނަ މީހުންނަކީ ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުރި ހައިރިސްކު މީހުންކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. އެ މީހުންގެ ތެރޭގައި އެންމެ ގިނައީ ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ހިތުގެ ބަލީގެ އިތުރުން ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ހުރި މީހުން ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.
ރާއްޖެއިން ގިނައިން މިބަލީގައި ނިޔާވެފައި ވަނީ ދޮށީ އުމުރުގެ މީހުންނެވެ. 10 އަހަރުގެ ކުޑަކުއްޖަކުވެސް މިބަލީގައި ނިޔާވެފައިވާއިރު، ނިޔާވި އެންމެ ޒުވާން އުމުރުގެ މީހަކީ 25 އަހަރުގެ މީހެކެވެ.
ރާއްޖޭއިން މިހާތަނަށް 71،356 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 6،930 މީހުން ތިބިއިރު، މިހާތަނަށް 64،214 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.
މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 67 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!