ނަޞްރު ލިބުން ވަނީ ވަރަށް ކައިރީގައެވެ. إن شاء الله

kids

  •  
  •  
  •  
  •  
  •  
  •  
  •  

މުސްލިމުންނަށް ނަޞްރު ލިބުން ވަނީ ވަރަށް ކައިރީގައެވެ. ﷲ سبحانه وتعالى ކީރިތި ޤުރްއާނުގައި ވަޙީކުރަށްވަނީ ﴿أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ﴾ ‎( سورة البقرة: ٢١٤)

މާނައީ: ” ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ نصر ވަނީ ދާދި ގާތުގައެވެ.”

މި އާޔަތް ބާވައި ލެއްވުނީ ﷲގެ ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞާޙާބީންނަށް ލިބެމުން ދިޔަ އަނިޔާއާއި ވޭނާތުރާ ނުހަނު އިތުރުވެ، އެކަންކަމުން ވަރަށް ބޮޑު ހިތާމައަކާއި މާޔޫސްކަމެއްގެ ތެރޭގައި އެބޭކަލުން ތިއްބަވަނިކޮށެވެ. އެކަން ބަޔާން ކުރައްވަމުން ހަމަ އެއާޔަތުގައި އަންގަވާފައިވަނީ ﴿حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ﴾ ‎( سورة البقرة: ٢١٤)

މާނައީ: ” ރަސޫލާ އާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އިމާންވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. اللَّه ގެ ނަޞްރު އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟” އޭގެ ޖަވާބު އެބައިމީހުންނަށް ﷲ ދެއްވީ ﴿أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ﴾ ‎( سورة البقرة: ٢١٤)

މާނައީ: ” ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ ނަޞްރު ވަނީ ދާދި ގާތުގައެވެ.” މިފަދައިންނެވެ.

ބިންމަތީ އިންސާނުން ލެއްވީއްސުރެ މުދަލާއި ބާރުގެ އަހުލުވެރިން ގެންދަނީ އާރެއް ބާރެއް ނެތް ނިކަމެތިންގެ މައްޗަށް އަނިޔާވެރި ވަމުންނެވެ. މިއީ ޢަދުލެއް އިންސާފެއް ނެތް ދުނިޔޭގައި ކަންހިނގަމުން އަންނަ އާދައެވެ. ބިންމަތީ މީސްތަކުންނަށް ބާރު ދެއްވަނީ ﷲގެ ޙުކުމް ތަންފީޒު ކުރުމަށެވެ. އެހެނަސް ބާރުލިބުމާ ހަމައަށް އެކަން ކުރަން އެދިގެން އެކަމުގެ ދައުވާކުރާ ގިނަ މީހުން ވެސް ބާރު ލިބި، މީސްތަކުންގެ މައްޗަށް ވެރިކުރެވުމުން ދެން ފެންނަނީ ތިމާގެ “މަވަންތަ” ކަމުގެ ސިފަ ދިރިގެން އަންނަ ތަނެވެ. ޝާނާއި ޝައުކަތުގެ ބޭނުންކޮށްގެން، ނިކަމެތިންގެ މައްޗަށް އަތްގަދަ ކުރަނީއެވެ. ބޭއިންސާފު ކުރަނީއެވެ. ޢަދުލުގެ ވަޒަން ތިމާގެ ފަޅިއަށް ބަރުކުރަނީއެވެ.

މިފަދަ ޙާލަތަކަށް މީސްތަކުން ދިޔުމުން އަނެއްކާ ވެސް އެހެން ބަޔަކަށް ﷲ ބާރުދެއްވައެވެ. އެ ޖައްބާރުންގެ ނުބައިކަން ފަޟީޙަތް ކުރައްވައެވެ. މީގެކުރިން ބިންމަތީ ބޮޑާވެގަތް އެފަދަ ނުލަފާ ވެރިން އެބައިމީހުންގެ އަމިއްލަ ނަފްސުތައް “ކަލާންގެ”އެއްގެ ދަރަޖައަށް ގެންދިޔައެވެ. މިހާރުވެސް ހަމަ އެހާ ނުލަފާ މީހުން އެބަތިއްބެވެ. ތިމަންނާއި ތިޔަބައިމީހުންގެ ކަލާންގެއޭ ނުބުނާކަން އެކަންޏެވެ. އިންސާނަކު އިންސާނަކަށް ނުކުރާނެވަރަށް ބައެއްމީހުން މިހާރު ވެސް އެހެންމީހުންނަށް އަނިޔާ ކުރެއެވެ. އޭގެ ދިރިހުރި މިސާލަކީ ފަލްސްޠީނުގެ މުސްލިމުންނަށް ޒަޔަނިސްޓު ޔަހޫދީން ދެމުންގެންދާ ރަހުމު ކުޑައަނިޔާއާއި ހިންގާ ޖަރީމާތަކެވެ. އަދި މިނޫންނަސް އެތައް ޤައުމަކުން އެޤައުމުތަކުގައި ތިބި މުސްލިމުންނަށް ކުރާ ގޯނާއެވެ.

އިސްލާމްދީން ވުޖޫދު ވެގެން އައިދުވަހުއްސުރެ މިއަދާ ހަމައަށް މި ދީނުގެ ޢަދާވާތްތެރިން ގެންދަނީ އެކިއެކި ގޯނާ ދީގެން މުސްލިމުން އެބައިމީހުންގެ ދީނުން ބޭރުކުރެވޭތޯ ބަލަމުންނެވެ. އެހެނަސް މުސްލިމުންނަކީ އީމާނުގެ ގޮތުން އެއަށްވުރެ ހަރުދަނާ ބައެކެވެ. ޢަޒުމު ވަރުގަދަ ހިތްވަރު ހުރި ބައެކެވެ. އެހެންކަމުން މުސްލިމުން ދީނުން ބޭރުނުކުރެވޭނެ ކަން އެނގި ކަށަވަރުވާތީ، މި ދީނުގެ ޢަދާވަތްތެރިން ބޭނުންވަނީ މުސްލިމުން މަރާ ހުސްކޮށްގެން ނަމަވެސް މުޅި ދެނިޔެއިން އިސްލާމްދީން ފުހެލާށެވެ. އެހެނަސް އެކަމުގައި ކާފިރުންނަށް ލިބޭ މާބޮޑޫ ކާމިޔާބެއް ނޯވެއެވެ. އެއީ މުސްލިމުންގެ ހިތްވަރު ގަދަކަމުންނެވެ.

މުސްލިމުން އަބަދުވެސް ބަރޯސާވަނީ ޤިޔާމަތުގެ ނިޢުމަތަށެވެ. އެ ދުވަހުގެ ބިރުވެރިކަމާއި ޢަޒާބުން މިންޖުވެ ސުވަރުގޭގެ ދާއިމީ ނިޢުމަތް ހޯދުމަށެވެ. އެ ސުވަރުގެއަކީ މި ދުނިޔެއާއި އަޅާކިޔޭވަރުގެ ތަނެއް ނޫނެވެ. އަރާމާއި ލައްޒަތުގެ ނިމުންނެތް ބަގީޗާތަކެވެ. އަނިޔާވެރިކަމާއި ބޭއިންސާފު އެތާނގައި ނުވެއެވެ. އާޑަކިޔުމާއި ބޭކާރު ވާހަތަކުން އެތަން ވަނީ ޠާހިރު ވެގެންނެވެ. އިންސާފާއި ހަމަހަމަކަމަށްވުރެ އިތުރަށް ނިޢުމަތްތައް އާވެއާވެ ހުސްވުމެއް ނުވެއެވެ.

މިފަދަ މަތިވެރި ނިޢުމަތާއި ދާއިމީ ގޮވައްޗެއްގެ އަގު ވަރަށް ކުޑަވާނެކަމަށް ދެކޭނީ މޮޔައިންނެވެ. އެހެނަކުންނޫނެވެ. މި ދުނިޔެއިން ހަމައެކަނި ކުޑަ ބިންކޮޅެއް ހޯދަން އުޅުނު މީހަކަށް ވެސް އޭގެއަގު ބޮޑުކަން އެނގޭނެއެވެ.

މިއީ މާދަމާ ވެސް ނެތި ފަނާވެދާ ބިމުގެ އަގެވެ. އެހެންކަމަށްވާނަމަ ނިމުމެއްނުވާ ދާއިމީ ސުވަރުގޭގެ އަގު އަންދާޒް ކޮށްލާށެވެ! ﷲ ވަޙީކުރައްވަނީ ﴿أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم  مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا ﴾ ‎(سورة البقرة: ٢١٤)

މާނައީ: “ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ حال ތައް ތިޔަބައިމީހުންނާ ހަމަޔަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިޔައެވެ.” އެއީ ކިހާ ވަރަކަށް އެރި ގުޑުމެއް ބާއެވެ؟ ކޮންކަހަލަ ތަކުލީފު ތަކެއް ދިން ބަލިމަޑުކަމެއް ބާއެވެ؟ އެއީ ކެތްތެރިކަން ކޮޅުންލައި، ދެން ނުހިފެއްޓޭވަރު ވަންދެނެވެ. ﷲ ވަޙީ ކުރައްވާނީ ﴿حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ﴾ ‎( سورة البقرة: ٢١٤)

މާނައީ: ” رسولއާ އާއި އެކަލޭގެފާނުގެ އަރިހުގައި ތިބި إيمان ވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. اللَّه ގެ نصر އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟” އޭގެ ޖަވާބު އެބައިމީހުންނަށް ﷲ ދެއްވީ ﴿أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ﴾ ‎( سورة البقرة: ٢١٤) މާނައީ: ” ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ نصر ވަނީ ދާދި ގާތުގައެވެ.” މިފަދައިންނެވެ.

އޭ ލޮބުވެތި މުސްލިމް އަޚުންނެވެ! އުޚްތުންނޭވެ! ﷲގެ ނަޞްރުވަނީ ވަރަށް ކައިރީގައެވެ. އެހެންޔާ ކާފިރުންގެ މައްޗަށް ބާރުގަދަވުމެވެ. ނޫނީ އެ މީހުންގެ ހަމަލާއެއްގައި ޝަހީދުވުމެވެ. މިއަދު ފަލަސްޠީނުގައި އެ ހިނގަނީ މިކަންކަމެވެ. އެބައިމީހުންނަށް ދެގޮތުގައި ވެސް އޮތީ ކާމިޔާބެވެ. އެބައިމީހުންނަށް ކެތްތެރިކަން ދެއްވައިތޯ ﷲ އަށް ދުޢާކުރުން ގިނަކުރާށެވެ!

﴿أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ﴾ “ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ نصر ވަނީ ދާދި ގާތުގައެވެ.”

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.