ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޕޮލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ސްލޮވާކިއާއިން ކާމިޔާބުކޮށްފިއެވެ.

ހޯމަދުވަހުގެ ރޭ ކުޅުނު މި މެޗު ސްލޮވާކިއާއިން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

ސެއިންޓް ފީޓަސްބާގްގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދުނިޔޭގެ ރޭންކިންގެ 36 ވަނާގައި މިވަގުތު އޮތް ސްލޮވާކިއާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ސްލޮވާކިއާއިންނެވެ. މި ލަނޑަކީ ޕޮލެންޑްގެ ކީޕަރ ޝެޒްނީގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މި ނަތީޖާއާއިއެކު ފުރަތަމަ ހާފު ނިމުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޕޮލެންޑުން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރިބަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކެރޮލް ލިނެޓީއެވެ.

މި މެޗުގައި ޕޮލެންޑަށް އިތުރު މައްސަލަތަކާއި ކުރިމަތީވީ މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމްގެ ކްރިހޯވިއަކަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ. މި ރަތްކާޑު ދެއްކިތާ ހަތްމިނެޓް ފަހުން ސްލޮވާކިއާއިން ވަނީ ލަނޑުޖަހައި މެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދާފައެވެ.

ނިމިދިޔަ ސީޒަންގައި ބަޔާން މިޔުނިކަށް 48 ލަނޑު ކާމިޔާބު ކޮށްދީ އެ ޓީމުން ހޯދި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ޕޮލެންޑްގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީގެ ފަރާތުން މި މެޗުގައި ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ސްލޮވާކިއާ އަންނަ ހުކުރު ދުވަހު ސްވިޑަންއާއި ބައްދަލުކުރަން ޖެހޭއިރު ހަމަ އެ ދުވަހު ޕޮލެންޑް ބައްދަލު ކުރާނީ ސްޕެއިންއާއެވެ.