އިސްލާމީ މުހިންމު ވާޖިބުތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް ޤާނޫނެއް ވޫޖޫދަށް ގެނައުމަކީ ކެލާ ރައްޔިތުން އެދޭނެ ކަމެއް ނޫންކަމަށް ހއ. ކެލާ ކައުންސިލުން ބުނެފިއެވެ.
ކެލާ ކައުންސިލުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.
ކެލާ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނުގައި ބުނީ، ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިސްލާޙު ގެނައުމުގެ ބިލް ގެ ނަމުގައި ރައްޔިތުންގެ މަޖިލިސްއަށް ހުށައަޅާފައިވާ އިސްލާހު ގެ ތެރޭގައި ދިވެހި ދައުލަތުގެ ދީން ކަމުގައިވާ އިސްލާމް ދީނަށާއި ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އިހާނެތި ބަސްތައް ބުނުން އެއީ ޤާނޫނުން ބާރު ލިބިގެން ކުރެވޭނެ ކަމެއްގެ ގޮތުގައި ކަނޑައަޅަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ފެންނަ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތަކެއް ގިނަ ދިވެހި ރައްޔިތުން ފާޅުކުރަމުންދާ ކަމަށެވެ.
މި ބިލު ފަރުމާ ކުރެވިފައިވާ ގޮތުން، މާތްވެގެންވާ އިސްލާމްދީނާ ޢަދާވާތްތެރިވެ، މި މާތް ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކަށް އެބައިމީހުންގެ އެ އަމަލުތައް ތަކުރާރު ކުރުމަށް މަގުފަހިވެ، އެކަންކަން ކުރުމަށް އޮތް ޤާނޫނީ ހިމާޔަތަކަށް އެބައިމީހުންގެ މި ބިލް ވެގެންދާނެކަމަށް ގަބޫލުކުރެވޭ ކަމަށް ކެލާ ކައުންސިލުން ބުނެފަވެއެވެ. އަދި އެފަދަ ފަރާތްތަކާ ދެކޮޅަށްއަޑުއުފުލާ ފަރާތްތަކަށާއި، ލާދީނިއްޔަތާއި، ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލެވޭ ގޮވާލުންތައް މި ބިލުގެ ސަބަބުން ކުށަކަށް ވެގެންދާނެ ކަމަށް ވެސް އެކައުންސިލުން ބުނެފަވެއެވެ.
''އެހެންކަމުން އިސްލާމްދީނުގައި އަންގަވާފައިވާ، މުންކަރާތްތައް ނަހީކުރުމުގެ މަގު ބަންދުވެ، އިސްލާމީ އެފަދަ މުހިންމު ވާޖިބުތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް ޤާނޫނެއް ވޫޖޫދަށް ގެނައުމަކީ އަޅުގަނޑުމެން ކެލާ ރައްޔިތުން އެދޭނެ ކަމެއް ނޫނެވެ." ކެލާ ކައުންސިލުން ބުނެފަވެއެވެ.
އެކައުންސިލުން ބުނީ، ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި މި އޮތް ދިވެހިރާއްޖެގައި، ތަފާތު ދީންތަކަށް ފުރުސަތު ހުޅުވާލައި، ސެކިއުލާރ ފިކުރުގެ ތަނަކަށް މި ދީބު ހެދުމަށް މަސައްކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓުމަށާއި މި ބިލު އަނބުރާ ގެންދެވުމަށް ދިވެހި ސަރުކާރަށް ކެލާ ކައުންސިލް ނަމުގައި އިލްތިމާސްކުރާ ކަމަށެވެ.
މި ނޫސްބަޔާނުގައި ކެލާ ކައުންސިލުން ވަނީ، މި އިސްލާޙް ފާސްކުރުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރެވެމުންދާ މަސައްކަތް ހުއްޓާލުމަށާއި، ދިވެހިންގެ ދީނާއި އިސްތިޤުލާލް ނަގާލުމަށްކުރާ މިފަދަ އަމަލުތަކަށް އެއްބާރުލުން ނުދިނުމަށާއި މިފަދަ އިސްލާހް ތަކަށް ވޯޓް ނުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) އަށް އިލްތިމާސް ކޮށްފައެވެ.
ކެލާ ކައުންސިލް ތަމްސީލް ކުރަށްވަނީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ 5 ކައުންސިލަރުންނެވެ.
ރާއްޖޭގެ ބައެއް އިތުރު ރަށްރަށުގެ ކައުންސިލްތަކުން ވެސް އަންނަނީ، ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް ބަޔާންތައް ނެރެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!