ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ ލޯނެއްގެ ދަށުން ކަމަށްވިޔަސް، އެ އެއާޕޯޓް ހިންގާނީ ސަރުކާރުން ކަނޑައަޅާ ދިވެހި ކުންފުންޏަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 111,000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ޢިމާރާތްކުރަން ވަނީ ނިންމާފައެވެ.
މީގެއިތުރުން މި މަޝްރޫޢުގެ ދަށުން 624,000 އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރަން ނިންމާފައިވާއިރު، މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 37 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެން ދާނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގޭގޮތަށް، ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް އިސްލާހް ގެނެސް، އިއްޔެ އާންމުކޮށްފައިވާއިރު އެ އިސްލާހްގެ ދަށުން ބޭރުގެ 100 ޕަސެންޓް ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭގޮތަށް ހަމަޖެހިގެން ދިޔުމުން، އެކަމާއި ހަނިމާދޫ އެއާޕޯޓާއި ގުޅުވައި އަންނަނީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ކަންބޮޑުވުންތަކާ އެކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެއާޕޯޓު ތަރައްގީކުރާނީ އެގްޒިމް ބޭންކު ލޯނުގަ އެވެ. އެކަމަކު ހަނިމާދޫ އެއާޕޯޓުގެ މިލްކުވެރިކަމާއި އެތަން ހިންގުން އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
And for further clarification , although Hanimaadhoo Airport will be developed by a loan facility through Indian Exim bank. The ownership operation and management of the airport will be carried out by government or assigned SOE.
— Fayyaz Ismail (@faya_i) June 14, 2021
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރުކުރުމަށް ނިންމާފައިވާތީ އެ ބިން ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ޕްލޭނިން މިނިސްޓްރީން ވަނީ ހަނިމާދޫ ކައުންސިލްގައި އެދިފައިވަނިކޮށް، ހަނިމާދޫގައި ހަރަކާތްތެރިވާ ތިން މަދަނީ ޖަމިއްޔާއިން އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ވަނީ ސިޓީއެއް ވެސް ފޮނުވާފައެވެ.
އެ ސިޓީގައި ވަނީ ހަނިމާދޫގައި ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކޮށް، އެއީ ހަނިމާދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުން އަބަދުވެސް ކުރަމުންއަންނަ ފޮނި އުންމީދެއް ކަމަށް ބުނެފައެވެ. އަދި އެ އެއާޕޯޓް ތަރައްގީވެގެން ދިޔުމަކީ ހަނިމާދޫއަށާއި، ތިލަދުންމައްޗަށާއި، މުޅި އުތުރު ހިމެނޭހެން މުޅިރާއްޖެއަށް ވެސް އެކަމުގެ ލާބައާއި މަންފާ ކުރުވާނެ މަޝްރޫޢުއެއް ކަމަށްވުމާއެކު، އެ މަޝްރޫޢު ހިންގުމަށް ހަނިމާދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުންމަތީ ތިބިކަމަށް އެ ސިޓީގައި ބުނެފަވެއެވެ.
އެ ސިޓީގައި ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓަށް މިހާރު ކަނޑައެޅިފައިވާ ބިމަކީ ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުގެ ބިމުން އެންމެ އަކަ އިންޗިއެއް ނުދިން ނަމަަވެސް މިހާރު ސަރުކާރުން ކޮށްފައިވާ ޕްލޭނާއެއްގޮތަށް އެއާޕޯޓު ތަރައްގީ ކުރެވިދާނެ ބިމެއް ކަމަށެވެ. އަދި މީގެއިތުރުން ހަނިމާދޫ ފަޅަކީ ބޮޑު ފަޅެއްކަމަށް ވުމާއެކު ބޭނުންވެއްޖެ ހިނދެއްގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަށް އެ ބޮޑު ފަޅުގެ ބޭނުން ހިފޭނެ މަގު ފަހިވެފައި އޮތުމާއެކު، ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުގެ ބިމުން ބައެއް އެއާޕޯޓު ތަރައްގީ ކުރުމަށް އިތުރުކުރުމަކީ ހަނިމާދޫ ކުދިބޮޑު އެންމެން ހިތާމަ ކުރާ ކަމެއް ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.
މީގެއިތުރުން މީސް މީޑިއާގައި އެ ބިން ދިނުމާ ދެކޮޅަށް ފުޅާ ކެމްޕެއިނެއް ވެސް ހިނގަމުންދާއިރު، އޮންލައިން ޕެޓިޝަނެއްގައި ވެސް ދަނީ ސޮއިކުރަމުންނެވެ. އަދި "ތަރައްގީ ބޭނުން، ނަމަވެސް ބިންދިނުމާ އަހަރެންވެސް ދެކޮޅު - ސޭވް ހަނިމާދޫ" ބޭނުންކޮށް އެރަށަށް ނިސްބަތްވާ ގިނަ ބަޔެއްގެ ފޭސްބުކް ޕްރޮފައިލް ވެސް ވަނީ ބަދަލުކޮށްފައެވެ. އަދި "ސޭވް ހަނިމާދޫ ބޭނުންކޮށްގެން ބިންދިނުމާދެކޮޅަށް މީސްމީޑިއާގައި އަންނަނީ ޚިޔާލް ފާޅުކުރަމުންނެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މިދަޔަ މަހުގެ 10 ވަނަ ދުވަހު ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ބައެއް ނޫސްތަކަށް މައުލޫމާތު ދިންކަމަށް އެ ނޫސްތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި މި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް އިންޑިއާގެ އެގްޒިމް ބޭންކުން ކުރަމުން ދާކަމަށާއި، އެ މަސައްކަތް މި ހިނގާ މެއި މަހުގެ ފަހު ކޮޅު ނިމޭނެކަމަށް ލަފާކުރެވޭކަމަށް ވަނީ ބުނެފައެވެ.
އެއަށްފަހު ދިވެހި ސަރުކާރުގެ ފަރާތުން މަޝްރޫއުގެ ޓެންޑަރު މަރުހަލާ ފަށާނެ ކަމަށާއި، މި މަޝްރޫއުގެ ކޮންޓްރެކްޓް އަންނަ ޖުލައި މަހު ހަވާލުކުރެވޭނެކަމަށް ބެލެވޭކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. މި މަޝްރޫއުގެ މަސައްކަތަށް 2 އަހަރު ނަގާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.
މިއަހަރުގެ ފެބްރުއަރީމަހު މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމުގައިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓްގެ މަސައްކަތް ފުރިހަމަކޮށް ހުށައަޅާފަކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ބުނެފަވާއިރު، ޑީޕީއާރް ފަންޑު ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރިކޮށް ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ދިވެހި ސަރުކާރުން ވަނީ ޑީޕީއާރުގެ ކުރަންޖެހޭ ތަހުލީލުތައްކޮށް ބަލައިގަނެފަކަމަށް ވެސް ވަނީ ބުނެފައެވެ.
އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ވަޞީލަތްތަކާއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު ހިންގަމުން ދަނީ ސަރުކާރުން ހިންގާ ސަރަހައްދީ އެއާރޕޯޓުތައް ވިޔަފާރީގެ އުސޫލުން ހިންގައި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށް 30 ސެޕްޓެމްބަރު 2020ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އިންނެވެ.
ހަނިމާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!