ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި އާދީއްތަ ދުވަހުގެ ރޭ ޔުކްރެއިންއާއި ނެދަލެންޑްސް ބައްދަލުކުރި ފޯރިގަދަ މެޗު ނެދަލެންޑްސް އިން ކާމިޔާބު ކޮށްފިއެވެ.

ނެދަލޭންޑްސްގެ އެމްސްޓަޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗު ނެދަލެންޑްސް އިން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ނެދަލެންޑްސްއިން ވަނީ ޔުކްރެއިންގެ ގޯލަށް ނުރައްކާކޮށްފައެވެ. މިގޮތުން މެޗުގެ ކުރީކޮޅު ނެދަލެންޑްސްގެ ޑަމްފްރީސްއަށް ލިބުނު ހުސް ފުރުޞަތުގެ އިތުރުން އެ ޓީމްގެ ކެޕްޓަން ވައިނަލްޑަމަށް ލިބުނު ފުރުޞަތު ފާހަގަ ކޮށްލެވެއެވެ.

މެޗުގެ ޖުމްލަ ފަސް ލަނޑު ފެނިގެން ގޮސްފައިވާއިރު މި ހުރިހާ ލަނޑެއް ވެސް ޖަހާފައިވަނީ ފަހު ހާފުގައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ ނެދަލެންޑްސް އިންނެވެ. މި ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމްގެ ކެޕްޓަން ވައިނަލްޑަމް ކާމިޔާބު ކޮށްދިންއިރު އޭގެ ހަ މިނެޓް ފަހުން ނެދަލެންޑްސް އިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ވެހޯސްޓެވެ. ޔުކްރެއިން އިން އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ކެޕްޓަން ޔަމަލެންކޯއެވެ. އޭގެ ހަތަރު މިނެޓް ފަހުން ޔުކްރެއިން އިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މަލިނޯސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ޔަރެމްޗަކްއެވެ. މި މެޗުން ނެދަލެންޑްސް މޮޅުވެފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އާކޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޑަމްފްރީސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ގްރޫޕް ސީގައި ނެދަލެންޑްސްއާއި އޮސްޓްރިއާއަށް ކޮންމެ ޓީމަކަށް ތިން ޕޮއިންޓް ލިބިފައި ވީ ނަމަވެސް ފައިދާގެ ގޯލުގެ ތަފާތުން މިވަގުތު އެއްވަނާގައި އޮތީ އޮސްޓްރިއާއެވެ. ދެވަނާގައި ނެދަލެންޑްސް އޮތްއިރު ތިންވަނާގައި އޮތީ ޔުކްރެއިންއެވެ. ހަތަރުވަނާގައި އޮތީ ނޯތު މެސެޑޯނިއާއެވެ.