70 ގެ އަހަރުތަކުގައި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ހިމަބިހި ފުރިހަމަކަމާއެކު ނައްތާލުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ގުޅިގެން އެންމެ އިސްކޮށް އެހީވި އެޕިޑެމިއޮލޮޖިސްޓު، އުމުރުން 77 އަހަރުގެ ޑރ. ލެރީ ބްރިލިއެންޓު ގަބޫލު ކުރައްވާ ގޮތުގައި ކޮވިޑް-19 ދުނިޔެއިން ނައްތާނުލެވޭނެއެވެ.

ޢެމެރިކާގެ ނޫސް ވެބްސައިޓެއް ކަމަށްވާ "ޑެއިލީ ބީސްޓް" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ލެރީ ބުނެފައިވަނީ، ރަނގަޅަށް ބަލައިފި ނަމަ މިހާރުވެސް އެމެރިކާގެ ބައެއް ހިސާބުތަކުގައި ކޮވިޑުގެ އަސަރު މަދުވެ އާންމު ހާލަތަށް ދާ މިސްރާބު ޖަހާހެން ހީވާނެއެވެ. އެހެންނަމަވެސް އެކަން އެހެން ވާނޭ ކަމަކަށް އޭނާ ޤަބޫލު ނުކުރާކަމަށެވެ.

Ad
rt

ޑރ. ލެރީ ޤަބޫލު ކުރައްވާ ގޮތުން، ތަފާތު މޮޅެތި ވެކްސިންތައް އުފައްދައިގެން ބޭނުންކުރަމުން ދާއިރުވެސް އެމެރިކާގައި ކޮވިޑު ބަލީގައި މަރުވާ މީހުންގެ އަދަދު ގިނަވެ، މީގެ ގަރުނެއްކުރިން ދުނިޔޭގައި ފެތުރުނު 'ސްޕެނިޝް ފްލޫ' ޖެހިގެން އެގައުމުން މަރުވިމީހުންގެ އަދަދު ފަހާލަން އުޅޭކަން ފާހަގަ ކުރެއްވިއެވެ. އަދި ބިރުގަންނަން ޖެހޭ އެތައްކަމެއް ހުރިނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ރަނގަޅު އެތައްކަމެއްވެސް އެބަހުރި ކަމަށް އޭނާ ބުނެފައިވެއެވެ.

ސުޕެނިޝް ފުލޫ ޖެހިގެން އެމެރިކާއިން 675000 މީހުން މަރުވެފައި ވާއިރު، ކޮވިޑް ޖެހިގެން މިހާރު 600000 އަށްވުރެގިނަ މީހުން މަރުވެފައިވާކަން އެގައުމުން ހާމަކޮށްފައިވެއެވެ.

ޑރ. ލެރީ އާއި ހަވާލާދީ 'ޑެއިލީ ބީސްޓު' ގެ ލިއުމުގައި ބުނެފައިވަނީ 'ހާޑް އިމިއުނިޓީ' ނުވަތަ މުޖުތަމައުގެ ގިނަބައެއް ބަލިން ސަލާމަތްވެ އޭގެން ނުސީދާ ރައްކާތެރިކަން އެހެން އެންމެނަށް ލިބި މި ބަލި އެއްކޮށް ނައްތާ ނުލެވޭނެ ކަމަށް ގަބޫލު ކުރައްވާ ބައިވަރު ސަބަބުތައް އެބަހުރިކަަމަށެވެ.

އެންމެ ފުރަތަމަކަމަކަށް ޑރ. ފާހަގަ ކުރި ގޮތުގައި، އިންސާނުންނާއި އަދި ޖަނަވާރުންނަށް ވައިރަހުގެ އަސަރު ކުރާ މި ވައިރަހުގެ ތާފަތު ވައްތަރުތައް ހިމެނޭއިރު، އަދ މި ބަލިން ރަނގަޅުވެފައިވާ މީހުންނަށް ދެވަނަ ފަހަރަށް ވައިރަހުގެ އަސަރުކުރާ ކޮރޯނާ ވައިރަހަކީ އޭނާގެ ނަޒަރުގައި ދުނިޔެއިން އެއްކޮށް ނެތިދާނޭ ވައިރަހެއްނޫނެވެ.

ސަބަބަކަށް ފާހަގަކޮށް ޑރ ބުނެފައިވަނީ ވައިރަހުގެ އަސަރު ކުރާނޭ މީހުންގެ އަދަދު އަބަދުވެސް ބަދަލުވަމުން ދާތީއެވެ. އެގޮތުން، ކޮވިޑް-19 ގެ ވެކްސިން ގެ 2 ޑޯޒް ޖެހިނަމަވެސް، އިތުރު އާ ވޭރިއަންޓެއް އަތުވެއްޖެނަމަ، ވައިރަހުގެ އަސަރު ކުރާތީއެވެ. މި ވައިރަހުން، 'ހާޑް އިމިއުނިޓީ' ގަ ބުނާ ބުނުން މިހާރު ދުނިޔެއަކަށް ނުފެތޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ރާމާމަކުނު ފަދަ ޖަނަވާރުންގެ ފަރާތުންވެސް އިންސާނުންނަށް ބަލި ޖެހޭއިރު، ވައިރަސް ފެތުރުމަށް ފަސޭހަވާނެކަމަށާއި ރީންދޫހުން ކަހަލަ ބަލި އަދިވެސް ނައްތާނުލެވެނީ އެފަދަ ސަބަބުތަކަށްޓަކައި ކަން އޭނާ ފާހަގަ ކުރިއެވެ.

މިކަން މިހެން އޮތްނަމަވެސް، އަރަމުން އަންނަ ތަފާތު މޮޅެތި ޓެކްނޮލޮޖީ ތަކުގެ އެހީގައި ބަލި ފެތުރުން މަދު ކުރެވޭނެ ކަމަށާއި، ބޭނުން ވާނީ އެންމެގެ ހިތްވަރުކަމަށް ޑރ ފާހަގަކުރިއެވެ. ހިމަ ބިހީގެ ޒަމާނުގައި ބަލިދެނެގަތުމަށާއި ވެކްސިނެއް ހޯދުމަށް އެތަކެއް އަހަރުތަކެއް ނެގިކަން ފާހަގަ ކުރަށްވާ އޭނާ ބުނީ މި ޒަމާނުގައި ކުޑަދުވަސް ކޮޅެއްގެ ތެރޭ ބަލި ދެނެގަނެވޭއިރު އެއީ ވަރަށް ބޮޑު ކުރި އެރުމެއްކަމަށެވެ. އަދި މިފަދަ ވައިރަސްތަކަށް ކުރިއާލާ ތައްޔާރުވެވި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ލިބުނު އުފާވެރި ހަބަރެއްކަމަށް އޭނާ ފާހަގަ ކުރިއެވެ.

ޑރ. ލެރީގެ ނަޒަރުގައި ބަލިން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ ބަލި އެންމެ މަދުވާ ވަގުތު އަދި ސަލާމަތްވާން އުޅޭކަމުގެ އަސަރުތައް ފެންނަވަގުތުގައި ރަނގަޅަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. ގޭގަ ތިއްބެވުމާއި މާސްކު އެޅުމައި އަދި މިނޫންވެސް އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅު، ކޮވިޑްގެ އެންމެ ނުރައްކާ ދުވަސްތަކުގައި އެޅިފަދައިން، ރަނގަޅުވަމުން އަންނަކަން އިހުސާސް ކުރެވޭ ދުވަސްވަރު އެއަށްވުރެ ވަރުގަދައަށް އަޅާނަމަ، އާންމު ހާލަތަށް ދެވޭނެކަމަށް ޑރ. ލެރީ ޔަގީންކަން ދެއެވެ.