ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާއަތުން މޮޅުވެ އިންގްލެންޑުން ފެށުން ރަނގަޅު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި ދެ ޓީމް އެންމެ ފަހުން ވާދަކޮށްފައި ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައެވެ. އެ މެޗު ކާމިޔާބުކޮށް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކްރޮއޭޝިއާއެވެ.

Ad
rt

މިރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައިވަނީ އިންގްލެންޑަށެވެ. މެޗުގެ ހަވަނަ މިނެޓުގައި ސްޓާލުން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފިލް ފޮޑެން ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ކްރޮއޭޝިއާގެ ގޯލުގެ ދަނޑިއަށެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ކެލްވިން ފިލިޕްސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ރަހީމް ސްޓާލިންއެވެ. މި މެޗުގައި ކްރޮއޭޝިއާއަށް ލަނޑެއް ޖަހާނެ މާ ރަނގަޅު ފުރުޞަތެއް ތަނަވަސް ކުރެވިފައި ނުވެއެވެ.