ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ވޭލްސްއާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރު ވެއްޖެއެވެ.

އަޒަބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ސްވިޒަލޭންޑްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަމަވެސް ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ފުރުޞަތުތައް ލިބި ބޭނުން ނުހިފިފައެވެ.

Ad
rt

މި ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައިވަނީ ވޭލްސްއަށެވެ. މެޗުގެ ކުރީކޮޅު ކާޑިފް ސިޓީއަށް ކުޅެމުން އަންނަ ކެއިފާ މޯ ސްވިޒަލޭންޑްގެ އޭރިއާގެ ތެރޭ ހުސްކޮށްހުރެ ބޮލުން ފޮނުވާލު ހަމަލާ ސްވިޒަލޭންޑްގެ ކީޕަރ ޔަން ސޮމަރ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ ސްވިޒަލޭންޑުންނެވެ. މި ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ސަކީރީ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްފައިވަނީ ބްރީލް އެމްބޯލޯއެވެ. ބައިކޮޅަށް ވަތް ލަނޑާއިއެކު ވޭލްސްއިން އިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 74 ވަނަ މިނެޓުގައި ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ކިއެފާ މޯއެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ސްވިޒަލޭންޑުން ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑަކީ އޮފްސައިޑް ލަނޑެއްކަމަށް ވަނީ ނިންމާފައެވެ.

ގްރޫޕް އޭގެ އެއްވަނާގައި މިވަގުތު އޮތީ މުބާރާތް ހުޅުވި މެޗުގައި ތުރުކީގެ މައްޗަށް 3-0 ގެ ނަތީޖާއިން ކުރި ހޯދައި ތިން ޕޮއިންޓް ހޯދި އިޓަލީއެވެ. ދެވަނާގައިވާ ސްވިޒަލޭންޑާއި ތިންވަނާގައި އޮތް ވޭލްސްއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ހަތަރުވަނާގައި ތުރުކީ އޮތީ އަދި ޕޮއިންޓެއް ނުލިބިއެވެ.