ށ. މިލަންދޫ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރަމުން އަންނަ ޑޮކްޓަރާ ބެހޭގޮތުން މީސް މީޑިއާގައި ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއްކަމަށާއި އަދި އެ ފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނޭކަމަށް އެ މަރުކަޒުން ބުނެފިއެވެ.

ސިއްޙީ މަރުކަޒުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން މީސް މީޑިއާގައި އެ ރަށު ޑޮކްޓަރު ކުޑަކުއްޖަކާއި ދިމާލަށް ހަޅޭއްލަވައި ރޮއްވާލިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއްކަމަށް ބުނެފައިވެއެވެ. އަދި ވަރަށް ހަޑިހުތުރު ބަސްތައް ބޭނުންކޮށް ޑޮކްޓަރަށް އިންޒާރުދީ ޕޯސްޓުތައް ކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ad
rt

މީގެ އިތުރުން މި ބަޔާނުގައި ވަނީ އަސްލު އެކަން ހިނގައި ދިޔަ ގޮތްވެސް ހާމަކޮށްފައެވެ. އެގޮތުން، ރޭ 8:00 އާއި 8:45 ދޭތެރޭގައި އެކުޑަކުއްޖާ ރޯވަރުން މަރުކަޒަށް ގެނައުމުގެ ބަދަލުގައި އެރަށުގައި މަސައްކަތްކުރާ ބައެއް ނަރުހުންނަށާއި މަރުކަޒުގެ ބައެއް މުވައްޒަފުންނަށް ގުޅައި އެވާހަކަ އަންގަމުން ދިޔަކަމަށެވެ. އަދި އެފަރާތްތަކުން ވަނީ ލަސްނުކޮށް މަރުކަޒަށް ގެނައުމަށް ކުއްޖާގެ މަންމައަށް ނަސޭޙަތްތެރިވެފައެވެ. ނަމަވެސް މަންމަ އެދުނީ ކޮންމެވެެސް ބޭހެއްދިނުމަށެވެ. އަދި އެވަގުތު ބޭސް ދެވެން ނެތްވާހަކަ ބުނުމުން، މަރުކަޒަށް ކުއްޖާ ގެންދެވޭނީ ޖެހިގެން އަންނަ ދުވަހުގައި ކަމަށް އެ ކުއްޖާގެ މަންމަ ބުނިކަމަށްވެސް ބަޔާނުގައި ފާހަގަ ކުރިއެވެ.

ކުއްޖާ ރޯވަަރުން ނުކުޅަދާނެވެގެން އެންމެފަހުން ހަމަ ރޭގެ ދަންވަރު 12:15 ހާއިރު ޑޮކްޓަރަށް ދެއްކުމަށް އެ ކުއްޖާ ގެނެވުނު ކަމަށާއި އަދި އެ ކުއްޖާގެ މަންމަ، މަރުކަޒަށް އައުމުގެ ކުރިން އަންނަ ވާހަކަ އަންގާފައި ވާތީ އެ ކުއްޖާ ގެނެވުނުތާ 5 މިނަޓު ތެރޭ ޑޮކްޓަރަށްވެސް އާދެވުނު ކަމަށް ބުނެފައިވެއެވެ.

އަދި އެކުއްޖާ އަށް ފަރުވާ ދިނުމަށްފަހު، ދޭންޖެހޭ ބޭސްތައް ދީ އަދި އެ ކުއްޖާގެ މަންމަ އަށް ދޭންޖޭހޭ އިރުޝާދު ދިނުމަށް ފަހު ގެއަށް ފޮނުވާލެވިފައި ވާކަންވެސް ވަނީ ހާމަކޮށްފައެވެ.

މިލަންދޫ ސިއްޙީ މަރުކަޒުން ހާމަކުރި ގޮތުގައި އެރަށު ޑޮކްޓަރަކީ، ޚިދުމަތްކުރުމުގައި މިއަދާހަމައަށް އައިއިރުވެސް ވަރުބަލިކަމެއް އަދި ފޫހިކަމެއްނެތި ވަކި ފަރުދަކަށް ތަފާތުނުކޮށް އެތައް ރެއެއްގެ ނިދިން މަޙުރޫމުވެހުރެ އިޚުލާސްތެރިކަމާއި އަމާނަތްތެރިކަމާއެކު އިންސާނިއްޔަތައްޓަކައި ޚިދުމަތްކުރަމުން އަންނަ ޑޮކްޓަރެކެވެ.

"މިޑޮކްޓަރަކީ މިލަންދޫ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ ޑޮކްޓަރެއް. ކުޑަކުދީންނާއި އުމުރުން ދުވަސްވީމީހުންނަކީ ޑޮކަޓަރު ވަކިން ހާއްސަސަމާލުކަމެއްދޭ ބައެކެވެ." - މިލަންދޫ ސިއްޙީ މަރުކަޒު -

މީސް މީޑީއާގައި ޑޮކްޓަރައި ބޭހޭގޮތުން ދޮގު ހަބަރުފަތުރާ އަދި ހަޑީހުތުރު ބަސްތަކުން އިންޒާރު ދެމުންގެންދާ ފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާަބެހޭ މުއައްސަސާތަކަށް މިހާރު ވާނީ އެންގިފައި ކަމަށްވެސް މިލަންދޫ ސިއްޙީ މަރުކަޒުން ބުނެފައިވެއެވެ.