ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދިޔަ އުދުވާނުގައި އެގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ހއ. އުލިގަމު ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިފަންޑަށް އެހީ ހޯދުމުގެ ގޮތުން އެ ރަށުގައި ތަފާތުހަރަކާތް ތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ކައުންސިލުން އިސްނަގައިގެން ރަށުގެ ބައެއް ސަރަހައްދު ތަކުގައި ފަންޑު ފޮށި ބެހެއްޓުމާއި އެރަށުގައި ހިންގާ ޖަމިއްޔާއެއް ކަމުގައިވާ އެސޯސިއޭޝަން ފޯ ސޯޝަލް އެވެއާނެސް (އަސާން) އިން ކުރިއަށް ގެންދިޔަ ސްޓިކާ ވިއްކުމުގެ ހަރަކާތް ހިމެނެއެވެ.

Ad
rt

އުލިގަމުު ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި އެ ރަށުގެ ހަރަކާތްތަކުން ޖުމްލަ 41,659.21 ރުފިޔާ ލިބުނުކަމަށެވެ. މީގެ ތެރޭގައި ކައުންސިލުން ހިންގި ޙަރަކާތްތަކަށް ލިބުނު 39,314.21 ރުފިޔާ އާއި އަސާން ހިންގި ޙަރަކާތަށް ލިބުނު 2,345.00 ރުފިޔާ ހިމެނެއެވެ.

"ތިލަދުން" އަށް އިތުރަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަޙުމަދު މުޢާޒު މުޙައްމަދު ވިދާޅުވީ ކައުންސިލުން ފަންޑު ފޮށިތައް ބެހެއްޓުނީ ރަށުގެ 2 މިސްކިތާއި، ހުރިހާ ފިހާރަތަކުގައާއި އަދި އެ ރަށުގައި ހުންނަ ކެފޭ ގައެވެ.

މީގެ އިތުރުން އެ ރަށުގެ މަސައްކަތްކުރަމުންދާ މުއައްސަސާތަކުގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރައާއި އަދި ރަށުން ބޭރުގައި ދިރިއުޅޭ އެރަށުގެ މީހުންނާއި އަދި ރަށުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން އޮންލައިންކޮށް ޚާއްސަކުރި ފައިސާ އެކައުންޓަށް ލިބުނު ރުފިޔާ ހިމެނޭ ކަމަށްވެސް މުޢާޒު ވިދާޅުވިއެެވެ.

ކައުންސިލުން ހިންގި ހަރަކާތްތަށް ކުރިއަށް ގެންދެވިފައިވަނީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެމަހުގެ 31 ވަނަ ދުވަހަށެވެ. އަދި މިރުފިޔާތައް މި މަހުގެ 5 ވަނަ ދުވަހު އިންޓަނޭޝަނަލް އެއިޑް ކެމްޕައިން (އައިއޭސީ) ގެ އެކައުންޓަށް ޖަމާކުރެވިފައި ކަމަށް މުޢާޒު މައުލޫމާތު ދެއްވިއެވެ.

އައިއޭސީ އަކީ ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ގިނަ ޖަމްޢިއްޔާތަކެއް އެކުވެގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2016ވަނަ އަހަރު ރާއްޖޭގައި ފެށި ހަރަކާތެކެވެ.

ހާލުގައިޖެހިފައިވާ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް، އުލިގަމު ރައްޔިތުންގެ ފަރާތުން ވެދެއްވި އެހީ އާއި އެއްބާރުލުން ފާހަގަކޮށް އެ ރަށު ކައުންސިލުން ވަނީ ޝުކުރު ދަންނަވާފައެވެ.