ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފުރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިމެދު ކަންބޮޑުވުން ފާޅުކޮށް، އެބިލާއި ދެކޮޅުކަމަށް ހއ. އުތީމު ކައުންސިލުން ބުނެފިއެވެ.

އުތީމު ކައުންސިލުން މިހެން ބުނީ އުތީމުގެ ހުރިހާ ކައުންސިލަރުން ސޮއިކޮށް އިއްޔެ ނެރެފައިވާ ޤަރާރެއްގައެވެ.

Ad
rt

މި ޤަރާރުގައި ބުނެފައި ވަނީ، ދިވެހި ރައްޔިތުންނަކީ ޒަމާނުންސުރެ މާތް ވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައި ޞުލްޙަވެރިކަމާއި އަމާންކަމާއި އެއްބައިވަންތަކަމާއެކު ސާދާ ދިރިއުޅުމެއް އުޅެމުން އައި ރައްޔިތުންތަކެއް ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި ދިވެހި ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީން ކަމާއި އަދި އިސްލާމްދީނުގެ އަސްލަކާއި ހިލާފް އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށް ބަޔާން ކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިސްލާޙްކުރުމަށް 25 މޭ 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާޙް ފާސްކޮށް ތަސްދީޤު ކުރައްވައިފިނަމަ ދިވެހި މުޖުތަމަޢުގެ ތެރޭގައި އިސްލާމް ދީނާއި ޙިލާފް އަމަލުތަކާއި ވާހަކަތައް ދެއްކުމަށާއި އަދި އެފަދަ އަމަލުތައް ހިންގުމަށް ޤާނޫނީ ބާގަނޑެއް ހުޅުވިގެން ދާނެކަމަށް އެ ކައުންސިލުން ބުނެފަވެއެވެ.

"އެހެންކަމުން އެފަދަ އިސްލާހެއް ގެނައުމަށް މި ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވެ ދެކޮޅު ހަދަމެވެ. އަދި މިފަދަ އިސްލާހެއްގެ ސަބަބުން ގައުމުގެ އެތެރެ ބައިބައިވެ ފަސާދަވެ ރައްޔިތުންގެ ސުލްހަ މަސަލަސްކަން ގެއްލިގެން ހިގައިދާނެތީ މި ކައުންސިލުން ވަރަށް ބޮޑަށް ބިރުވެތިވަމެވެ."

އުތީމު ކައުންސިލުން ބުނެފަވެއެވެ.

"ދިވެހި ދަޢުލަތް ހިންގުމުގައި އިސްވެ ތިއްބެވި ފަރާތްތަކާއި ދިވެހިންގެ ތެރޭގައި އިންސާނީ ހަންގުތަކުގެ ނަމުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާއި ގުޅިގެން ދިވެހި ރާއްޖެއަކީ ތަފާތު ދީންތަކުގެ މީހުން ދިރިއުޅޭ ތަނަކަށް ހެދުމަށް ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ ބޭނުންކޮށްގެން ޙިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ނަމުގައި އިސްލާމް ދީނާއި ކީރިތީ ޤުރުއާން އާއި ކީރިތި ރަސޫލާގެ ސުންނަތާއި ދެކޮޅު ހަދައި މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ" އެ ކައުންސިލުން ގަބޫލު ކުރާނޭ ކަންތައްތަކެއް ނޫން ކަމަށް ވެސް އުތީމު ކައުންސިލުން ބުނެފަ ވެއެވެ.

"ދިވެހިންގެ ތާރީޙް ދައްކާ ގޮތުން ޕޯޗްގީޒުންނާއި އެމީހުންގެ ބައިވެރިން ދިވެހިރާއްޖޭގައި އޮތް އިސްލާމީ ދަޢުލަތުގެ މައްޗަށް ގަދަވެ ދިވެހިރާއްޖޭގައި ނަޞާރާ ދީން ފެތުރުމަށް މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅު އެމީހުންގެ މައްޗަށް ގަދަވެ އިސްލާމްދީނަން ނަޞްރުދީ ދިވެހި ދަޢުލަތް މިނިވަން ކުރުމުގައި އުތީމު މަހާރަދުން ކުރެއްވި ޖިހާދުން ވާގިއެދި އަޅުގަނޑުމެން އުތީމު ކައުންސިލުން އަޒުމު ކަނޑައަޅަނީ އެއްވެސް ބަޔަކު އެއްވެސް މާނަޔެއްގައި އިސްލާމްދީނާއި ދެކޮޅަށް ހަރަކާތް ތެރިވުމަށް މަސައްކަތް ކުރަމުންދާ ނަމަ އިސްލާމްދީނާއި ދިވެހި ގައުމުގެ ދިފާއުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމަށެވެ." - އުތީމު ކައުންސިލް -

ޤަރާރު ނިންމާލަމުން އެ ކައުންސިލުން ވަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިވެހިރާއްޖެއަކީ "ތަފާތު ދީންތަކުގެ މީހުން ދިރިއުޅޭ ސެކިއުލަރ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް" ހަމަމިހާރު ހުއްޓާލުމަށް ގޮވާލައި، ދިވެހިރާއްޖޭގައި ޒަމާނުންސުރެ ދިވެހިން ޤަބޫލުކޮށްގެން މިތިބަ މާތް ވެގެންވާ އިސްލާމްދީނުގެ ޙިދާޔަތުގައި ތިބުމުގެ ފުރުޞަތު ތަނަވަސްކޮށްފައި ބޭއްވުމަށް ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

"ނަފުރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިމެދު ކަންބޮޑުވުން ފާޅުކޮށް ހއ. އިހަވަންދޫ ކައުންސިލުން ވެސް އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ.