ހދ. ކުމުންދޫގައި އިލެކްޓްރިޝަނުން ތަމްރީނު ކުރުމުގެ ޕުރޮގުރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ކުމުންދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

ޔޫޓީ ކެރިއަރ ޓެކް އިންސްޓިޓިއުޓާއި (ޔޫ.ސީ.ޓީ.އައި) އާއި ކުމުންދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރިޝަން" ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާވަނީ ކުމުންދޫގައެވެ.

Ad
rt

ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމުން މިއަދު އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ހާމަކުރިގޮތުން ކޯހުގައި ބައިވެރިވެވޭނީ އަސާސީ ތަޢުލީމު (ގްރޭޑް 7 ނިންމާފައިވުން) ނުވަތަ، ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް 2 ހާޞިލްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މީގެ އިތުރުން ކޯހުގެ ފީގެގޮތުގައި މަހަކު 1800 ރުފިޔާ ދައްކަންޖެހޭނެކަމަށާއި އަދި ޓިވެޓް އެސެސްމެންޓް ފީ ގެ ގޮތުގައި 1000 ރުފިޔާ ދައްކަންޖެހޭނޭކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. މި ކޯސް ކުރިއަށް ދާނީ 3 މަސްދުވަހުގެ މުއްދަތަކަށެވެ.

މިކޯހުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަންފޯމް ރަސްމީގަޑީގައި އެ ރަށުން ކައުންސިލް އިދާރާއިން ލިބެންހުންނާނެ ކަމަށް ފާހަގަކުރައްވާފައިވެ އެވެ. ފޯމް ހުށައަޅާނީ މިމަހު 17 ވަނަ ދުވަހުގެ 14:00 ކުރިން އެ އިދާރާއަށް ކަމަށްވެސް އެ އިއުލާނުގައި ހާމަކުރިއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޔޫ.ސީ.ޓީ.އައި ގެ ނަންބަރު 9661001 އަށް ގުޅުއްވުމަށްވެސްވަނީ އެދިލައްވާފައި ވެއެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ، ކުމުންދޫ ކައުންސިލުން މީހުން ބިނާކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމް ތަކުގެ ތެރެއިން މިއަހަރު ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ހިމެނޭ އިލެކްޓްރީޝަން ކޯސް މިއަދު މިވަނީ އިއުލާން ކުރެވިފައިކަަމަށާއި މިކޯސް ފުރިހަމަ ކުރުމުން ވައިރު ކުރުމުގެ ލައިސެންސް ލިބިގެން ދާނެކަމަށެވެ.

މީގެކުރިން ޔޫ.ސީ.ޓީ.އައި އިން ވަނީ ހދ.ވައިކަރަދޫ ކައުންސިލް އާއި ގުޅިގެން މި ކޯސް އެރަށުގައި ވެސް ގިނަ ބައިވެރިންނާއެކު ކުރިއަށް ގެންގޮސްފައި ވެއެވެ.