ކޯވިޑް-19ގެ ސަބަބުން މޮނިޓަރިން ހާލަތުގައި އޮތް ށ. މިލަންދޫ އެހާލަތުން އާންމު ހާލަތަކަށް ދިއުމަށް ރަށުގައި ބަލި ފެތުރިފައިވާ މިންވަރު ވަޒަން ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވްވެއްޖެއެވެ.
އެރަށުގައި ބަލިފެތުރިފައި ވޭތޯ ބެލުމަށް އެންމެފަހުން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނެގީ ހުސްވި މޭމަހު ފަހުކޮޅުއެވެ. އެ ސާމްޕަލްތައް ވެސް ވަނީ ނެގެޓިވްވެފައެވެ. އެފަހަރު 200 ރެންޑަމް ސާމްޕަލެއް ނެގިއެވެ.
މިލަންދޫ ސިއްހީ މަރުކަޒުން މިރޭ ވިދާޅުވީ، އެރަށް މޮނިޓަރިން ހާލަތުން އާންމު ހާލަތަކަށް ދިޔުމަށް ނެގި 150 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ.
މިމަހުގެ 8 ވަނަ ދުވަހު މިލަންދޫން ނެގުނު ސާމްޕަލްތަކުގެ ނަތީޖާ މިލަންދޫ ސިއްހީ މަރުކަޒުން މިހާރު އާންމު ކުރަށްވާފައިވާއިރު، އެދުވަހު ނެގި 150 ރެންޑަމް ސާމްޕަލް ނެގެޓިވްވި ނަމަވެސް އެ ދުވަހު ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ނެގި 6 ސާމްޕަލުން 3 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.
މިމަހު 6 ވަނަ ދުވަހު ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ނެގި 49 ސާމްޕަލުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު، މިމަހުގެ 3 ވަނަ ދުވަހު ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ނެގި 156 ސާމްޕަލުގެ ތެރެއިން ސާމްޕަލެއް ވެސް ވަނީ ޕޮޒިޓިވްވެފައެވެ.
މިލަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވުމުން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި މެއި މަހުގެ 20 ވަނަ ދުވަހުގެ 18:01 އިން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!