ހދ. ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް "ތިލަދުން"އަށް ވިދާޅުވީ، އެ ދެބެންނަކީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެންކަމަށެވެ.

Ad
rt

އޭގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރަކު ހިމެނެއެވެ.

"އަލާމާތްތައް ހުރެގެން އެ ދެބެން ދެއްކީ، ރޯގާގެ އަލާމާތް ހުއްޓަސް އަޅުގަނޑުމެން މިދަނީ ޓެސްޓް ކުރަމުން، އިއްޔެ ކުރީ ދުވަހު އެ ދެބެންގެ ސާމްޕަލް ނެގީ، މިއަދު ނަތީޖާ ލިބުނުއިރު ޕޮޒިޓިވް، އެކުދީންނަކީ ހަމަ ރަށުގައި ތިބޭ ކުދިން، ދެން އެއްކުއްޖަކީ ސްކޫލް ކުއްޖެއް، މިހާރު ވާނީ އެކުއްޖާއާއި ޑައިރެކްޓް ކޮންޓެކްޓުވި އެންމެން ރިޕޯޓު ކުރަން އަންގާފައި، މީގެއިތުރުން މި ދެ ކޭހާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިދަނީ ބަލަމުން" ޒުބޭދާ ވިދާޅުވިއެވެ.

ހަނިމާދޫއަކީ ދަތުރުވެރިންގެ ފާލަމަކަށްވާއިރު، މިހާލަތުގައި ވެސް އެއީ ގިނަ ބަޔަކު އަރާ ފައިބާ ރަށެކެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް ސިއްހީ މަރުކަޒުން ގެންދަވަނީ ކޯވިޑް ކަންކަމާގުޅޭ ކަންކަން ވަރަށް ރަނގަޅަށް މެނޭޖް ކުރަށްވަމުންނެވެ. މިހާ ރަނގަޅަށް ކަންކަން ބަލަހައްޓަމުން ދަނިކޮށް ފްލޫ ކްލިނިކަށް ދެއްކި ދެ ކުއްޖަކު ޕޮޒިޓިވްވުމުން މިވަނީ ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި އެތަނުން އެއްކުއްޖަކީ ސްކޫލްގެ ދަރިވަރަކަށް ވުމުން އޭނާ ގިނަ ބަޔަކާ ބައްދަލު ވުމުގެ ފުރުޞަތުވެސް ބޮޑެވެ.

މީގެ ކުރީން ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން އެރަށުން ނެގުނު އެއްވެސް ސާމްޕަލެއް ވެސް ޕޮޒިޓިވްވެފައެއް ނުވެއެވެ. މިވަގުތު އެ ދެބެންގެ އިތުރަށް އެރަށުގައި ހުރީ އެބަލީގެ އެންމެ މީހެކެވެ. އެއީ ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހެކެވެ.

ޒުބޭދާ ވިދާޅުވީ ސާމްޕަލް ނަގާ އެންމެން ވެސް ނަތީޖާ ލިބެންދެން ކަރަންޓީނު ކުރާ ކަމަށާއި، މިގޮތުން އެ ދެބެން ވެސް ތިބީ ސާމްޕަލް ނެގުމާއެކު ކަރަންޓީނުގައި ކަމަށެވެ. އަދި އެ ދެބެންގެ ސާމްޕަލް ޕޮޒިޓިވްވުމާއެކު، ރަށުތެރޭ ބަލި ފެތުރުފައި އޮވެދާނެތީ، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރަށް މޮނިޓަރިންނަށް ލައިދިނުމަށް މިހާރު އެޗްޕީއޭގައި އެދިފައިވާނެ ކަމަށް ޒުބޭދާ ވިދާޅުވިއެވެ.