ކަރަންޓީނުވާން އަންނަ ފަރާތްތަކަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދައެއް ދޭކަށް ނުޖެހޭކަމަށާއި އެއީ ރަށު ކައުންސިލާ ރަށު ރައްޔިތުންނާއި ބެހޭކަމެއްކަމަށް ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) ވިދާޅުވެއްޖެ އެވެ.

ނޫނު ރައީސް މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގަ އެވެ. މި ޓުވީޓުގައި ނޫނު ރައީސް ވިދާޅުވެފައިވަނީ ކަރަންޓީނުވާން ރަށަށް އަންނަރައްޔިތުންނަށް އެޗްޕީއޭ އިން ވަކިއެއްޗެއް ނާންގައިގެން ރަށަށް އެރުން ހުއްޓުވާކަށް ނޫނުއަތޮޅު ރަށްތަކުގެ ކައުންސިލްތަކަކަށް ނުފެންނަކަމަށޭވެ.

Ad
rt

"ކަރަންޓީނުވާން އަންނަ އެންމެނަށްވެސް އެފުރުސަތު ނޫނުއަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުން ދޭނެ. ކަރަންޓީނަށް ފުރުސަތު ދިނުމުގެ ސަބަބުން ކޮވިޑް މިއަތޮޅުގަ ފެތުރިފަ އޮތް ކަމަކަށް ފެންނާކަށްނެތް."

ނޫނު ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ނޫނު ރައީސް ވިދާޅުވީ މިކަމުގައި ދެކޭގޮތަކީ ކަރަންޓީނުވާންދާ މީހަކަށް އެޗްޕީއޭ ގެ ހުއްދައެއް ދޭކަށް ނުޖެހޭކަމަށެވެ. ރައްޔިތަކު އައިސް މިރަށުގަ ކަރަންޓީނުވާން ބުނީމަ އެއީ މިރަށުކައުންސިލާ މިރަށުރައްޔިތުންނާ ބެހޭކަމެއްކަމަށާއި މިރަށުމީހުންނާމެދު މިރަށު ކައުންސިލުން މާ ރަނގަޅަށް ވިސްނާނެކަަމަށެވެ.

"އެޗްޕީއޭއިން މާ މޮޅުކަމެއް ކޮށްގެނެއް ނޫން މިރަށްރަށުގަ ކޮވިޑް ކޮންޓްރޯލް ވެފައޮތީއެއް. އެޗްޕީއޭ އިން ރަނގަޅަށް މޮޅުކަމެއް ކުރިނަމަ ތި މާލޭ ސިޓީގައި ކޮންޓްރޯލުވެފަ އޮންނާނީ"

އެޗްޕީއޭއަށް ފާޑު ވިދާޅުވަމުން ނޫނު ރައީސް ވިދާޅުވެފައިވެއެވެ.

އަސާސީ ހައްގު ހިފާއްޓައިގެން ކުރި ހަރަދާ ބަލާފަ ނަތީޖާއެއްވެސް ސިއްހީވަސީލަތެއްވެސް ތަރައްގީކުރެވިފައެއް ނެތްކަމަށް ނޫނު ރައީސް ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ސްކޫލް ބޮޑު ޗުއްޓީ ބޯމަތިވެފައި ވަނިކޮށް، ޒަރޫރީ ޒަރޫރީބޭނުމެއްގައި ނޫނީ ރަށްރަށަަށް ނުދެވޭގޮތް އެޗްޕީއޭއިން ވަނީ މިމަހުގެ 6 ވަނަ ދުވަހު ނިންމާފަ އެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ފިޔަވާ މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމަށް ހުއްދަދިނުން މިވަގުތަށް ހުއްޓާލެވިފައިވާ ކަމަށެވެ.

ޒަރޫރީ ބޭނުމެއް ގޮތުގައި ބަލާ ދެން ރަށްރަށަށް ދާން ހުއްދަ ދޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެ އައިސް އެނބުރި ދާންޖެހޭ މީހުންނާއި އެފަދަ މީހަކާއެކު ކޮންމެހެން ދާންޖެހޭ މީހުންނަށް ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

މީގެއިތުރުން މާލޭގައި ވަޒީފާ އަދާކުރަމުންދާ ވަޒީފާ ހުއްޓާލަން ޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި ތިބުން ދަތިވެފައިވާ މީހުންނާއި، މާލޭގައި ދިރިއުޅެވެން ނެތިގެން ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނާއި، މައިންބަފައިން ބަލިވުން ނުވަތަ އަނބިމީހާ ވިހެއުންފަދަ ކަންކަމުގައި ރަށަށް ދާން އެދޭ މީހުންނަށާއި، ތައުލީމު ހާސިލު ކުރުމަށް މާލެ އައިސް ކިޔަވާ ނިމިފައިވާ ދަރިވަރުންނަށްވެސް ރަށަށް ދާން ހުއްދަ ދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފަ އެވެ.

ކިޔެވުން ވަގުތީ ގޮތުން މެދުކެނޑިފައިވާ ދަރިވަރުންނާއި، ޗުއްޓީއަށް ރަށްރަށަށްދާން އެދޭ ފަރާތްތަކަށް ހުއްދަ ނުދޭގޮތަށް އެ އިދާރާއިން ވަނީ ކަނޑައަޅާފައެވެ.