ހދ. ވައިކަރަދޫ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ދާއިމީކޮށް ހޯދޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން "ރަށު މަޖިލިސް" ގެ ނަމުގައި ރައްޔިތުން ހިއްސާވާ މަޖިލީހެއް އެކުލަވައިލުމަށް ވައިކަރަދޫ ކައުންސިލުން ނިންމައިފި އެވެ.

އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކައުންސިލުގެ 4 ވަނަ ދައުރު ކައުންސިލް ހިންގުމުގައި ރައްޔިތުންނާ ވީހާ ގާތުން މަސައްކަތްކުރުމަކީ ކައުންސިލުގެ މިދައުރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަމަށެވެ.

Ad
rt

އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ އިތުރުންވެސް ވީހާ ބޮޑަކަށް ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ދާއިމީކޮށް ހޯދޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން "ރަށު މަޖިލިސް" ގެ ނަމުގައި ރައްޔިތުން ހިއްސާވާ މަޖިލީހެއް އެކުލަވައިލުމަށް ނިންމާފައިވާކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

"މި ލަފާދޭ މަޖިލީސް އެކުލެވިގެން ވަނީ 40 މެންބަރުންގެ މައްޗަށެވެ. މި 40 މެންބަރުންގެ ތެރެއިން 16 މެންބަރުންނަކީ އަންހެނުން ކަމުގައި ވާންވާނެއެވެ. މެންބަރުން ހޮވުމުގައި އިސްކަންދޭނީ އެކަމަށް އެދި ހުށަހަޅާ ތަރުތީބުންނެވެ."

އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވެއެވެ.

އެކައުންސިލުން ބުނީ މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ވައިކަރަދޫގައި ދިރިއުޅުން ބިނާވެފައިވާ ފަރާތްތަކަކަށް ވާން ވާނެކަމަށެވެ.

ވައިކަރަދޫ ކައުންސިލުގެ ފުރަތަމަ ރަށު މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މެންބަރުކަމަށް އެދި ހުށަހަޅަންޖެހެނީ އެކަމަށް ކުރިމަތިލުމަށް އެއިދާރާއިން ދޫކުރާ ފޯމު މެދުވެރިކޮށެވެ. މިކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.