އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަކީ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅައި، ތިމާވެށްޓަށްދޭ ގެއްލުންތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މުހިންމުކަން، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ރާވައިގެން އިއްޔެ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދެއްކި ޕެނަލިސްޓުން ފާހަގަކޮށްފިއެވެ.
"ތިމާވެށީގެ ކުށްތައް، ޒިންމާވަނީ ކާކު" މި މައުލޫއަށް ފޭސްބުކް ލައިވް މެދުވެރިކޮށް އިއްޔެ ކުރިއަށް ގެންދިޔަ މި ޕެނަލް ޑިސްކަޝަންއަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ރާވައިގެން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަން އެކެވެ.
މި ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުން ވަނީ، ތިމާވެށީގެ ދުވަސް ބައިނަލްއަގުވާމީ ފެންވަރެއްގައި އަދި ގައުމީ ފެންވަރެއްގައިވެސް ފާހަގަ ކުރާތާ 48 ވަނަ އަހަރުވެ، މިދުވަސް ފާހަގަކުރާތާ ބައިގަރުނުވާން ކައިރިވީއިރު، ދުވަހަށް ޚާއްޞަކޮށްފައިވާ ޝިއާރުކަމަށްވާ "މާހައުލީ ނިޒާމުތައް އިޔާދަކުރުމުގެ" ވާހަކަދައްކާއިރު، ތިމާވެށްޓަށް ދޭގެއްލުންތައް ބަލައި މިންކޮށް އެގެއްލުންތައް ކުރުން ހުއްޓުވުމަށް ކުރިއާލާ ފިޔަވަޅު އެޅުމުގެ އިތުރުން، ތިމާވެށްޓަށްދޭ ގެއްލުންތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކަވާފައެވެ.
މި ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓް، ޑައިވް ކްލަބް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ، އަބްދުﷲ ހަސްރަތު ފާހަގަކުރި ގޮތުގައި، މިފަދަ މައުލޫއަކަށް ވާހަކަ ދެއްކުމުގެ ކުރިން، ތިމާވެށީގެ ވެރިފަރާތަކީ ކޮބައިތޯ ބަލަންޖެހެއެވެ. ތިމާވެށި ހިމާޔަތްކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އެއްކޮޅުން ބުނެފައި، އާއްމު ފަރުދުން ތިމާވެށި ހިމާޔަތްކުރުމުގެ ނަޒަރަކުން ވާހަކަދެއްކުމުން އެކަން ބަލައިނުގަނެ، ވިޔަފާރިއެއް ނުވަތަ ޕްރޮޖެކްޓެއް ހިންގުމަށް ކުރިން ރޭވިފައޮތް ގޮތަކާއިގެން ކުރިއަށް ދާކަން އޭނާ ދެއްކެވި ވާހަކާގައި ވަނީ ފާހަގަ ކުރަށްވާފައެވެ.
މި ނުކުތާއަށް ބާރުދެއްވައި، އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރޖެނެރަލް ޑރ. އިބްރާހީމް މުހައްމަދު ވިދާޅުވީ، ތިމާވެށީގެ ކުށްތައް ޖިނާއީ ކުށެއްގެ ގޮތުގައި ބަލައިގަތުމާއި އެކު، ކޮންމެ މީހަކަށްވެސް ދައުވާކުރުމުގެ ހައްގު ނުވަތަ ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަންގެ ބާރު ލިބިދޭންޖެހޭ ކަމަށެވެ.
މި ޕެނަލް ޑިސްކަޝަންގައި، ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވި ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވަމުންދާ މުހައްމަދު ޝުމައިސް ފާހަގަކުރެއްވި ގޮތުގައި ތިމާވެށިގެ ކުށްތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުން މުހިއްމުވަނީ މުއައްސަސާތަކުން އެކަންތައް ތައް ސީރިއަސްކޮށް ނެގުމަށް މަގުފަހިވެގެންދާތީއެވެ. މީގެއިތުރުން، އެއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުން، ފަންނީ ނަޒަރަކުން ކަންކަން ބެލުމަށް މަޖުބޫރުވެގެން ދާނެކަމަށާއި، އަދި މީހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވެވޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ޕެނަލިސްޓުން ވަނީ ރާއްޖޭގައި މިވަގުތު ހުރި ސިޔާސަތުތަކުގެ ތެރެއިން ކުށްތައް ހުއްޓުވުމަށް އެހާބޮޑަށް ބާރު ނާޅާކަން ފާހަގަ ކުރަށްވާފައެވެ. މިގޮތުން، ތިމާވެށްޓަށް ގެއްލުމެއްދީފިނަމަ، ދައްކަން ޖެހޭ ޖޫރިމަނާއަކީ ބޮޑެތި ވިޔަފާރިތަކަށް އެއްވެސް އެއްޗަކަށް ނުވާހާ ކުޑަ އަދަދަކަށްވާތީ އެކަމުގެ މާބޮޑު ފައިދާއެއްނެތްތަކަމަށް އެބޭފުޅުން ވަނީ ފާހަގަކުރަށްވާފަ އެވެ.
މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސޭވްމޯލްޑިވްސް ކެމްޕެއިންގެ ވޮލަންޓިއަރ، ހުމައިދާ އަބްދުލްގަފޫރު ފާހަގަކުރިގޮތުގައި އީޕީއޭއިން ނިންމާ ފަންނީ ނިންމުތައް މިނިސްޓަރަށް މުރާޖާއުކުރެވޭގޮތައް އޮތްއޮތުމަކީ އެންމެ ހަމަޖެހޭ ގޮތެއް ނޫނެވެ. އަދި މިގޮތައް އޮތުމުން މާޒީގައި ލިބިފައިވާ ގެއްލުތަކަށް އޭނާ ވަނީ ކުރުގޮތަކަށް އަލިއަޅުވާލާފައެވެ.
މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދެއްކެވި ޕެނަލިސްޓުން ވަނީ، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށް ބަލަހައްޓާ ދިވެހި ސަރުކާރުގެ ބެލެނިވެރިފަރާތް ކަމަށްވާ އީޕީއޭއަކީ ފުރިހަމަ މިނިވަންކަމާއި ބާރުލިބިފައިވާ މުސްތަގިއްލު މުއައްސަސާއަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ވާހަކަ ދައްކަވާފައެވެ.
މިގޮތުން އެ މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމަށް ކަމާބެހޭ ފަންނީ ވަސީލަތްތައް ފޯރުކޮށްދީ، ގާނޫނީ ހައިސިއްޔަތު ދިނުމަށާއި، ތިމާވެއްޓަށް ގެއްލުންވާގޮތައް ހިންގާ ކުށްތަކާއި ޖަރީމާތައް މިނިވަންކަމާއެކު ބެލުމުގެ ފުރުސަތު އެ މުއައްސަސާއަށް މަގުފަހިކޮށް ދިނުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރަށްވާފައެވެ.
މީގެ އިތުރުން ޕެނަލްގައި އަލި އަޅުވާލި ކަންކަމުގެ ތެރޭގައި ރާއްޖޭގެ ތިމާވެށި ފުރިހަމަ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އާއްމުންނާއި، ވެށީގެ ބޭނުން ހިފާފަރާތްތައް ހޭލުންތެރިކުރުވުން ވަރަށް މުހިއްމުކަން ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި ގާނޫނުގެ ދަށުން ހެދޭގަވާއިދުތައް ސިޔާސީ ކުރެވި، ފަސޭހަކަމާއި އެކުބަދަލުކުރެވުން ދިޔުމުން އެކަމުގެ ނޭދެވޭ އަސަރުކުރާކަން ވެސް ވަނީ ފާހަގަ ކުރަށްވާފައެވެ.
މީގެއިތުރުން ގާނޫނުތަކުގައި ހުރި ފުށުއެރުންތައް ހައްލުކުރުމާއިއެކު، ގާނޫނާއި ގަވާއިދުތައް މާނަކުރުމުގެ އެކި އެކި މުއައްސަސާތަކުން ގެންގުޅޭ ތަފާތު މާނަކުރުންތައް ގެންގުޅުން ހުއްޓާލުމާއިއެކު، ތިމާވެށި ހިމާޔަތްކުރަން ފަރުދީ ހައިސިއްޔަތުން ކުރެވެންހުރިކަން ކުރުމުގެ މުހިއްމުކަން ވެސް ވަނީ ފާހަގަ ކުރަށްވާފައެވެ.
މިޕެނަލްޑިސްކަޝަންގެ ތެރޭގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިންވަނީ މި މައުލޫއަށް ތައްޔާރުކޮށްފައިވާ އިލްމީ ކަރުދާހެއްވެސް އާންމުކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!