ޗައިނާގައި އުމުރުން 3 އަހަރާއި، 17 އަހަރާ ދެމެދުގެ ކުދިންނަށް އެ ގައުމުގައި އުފައްދާ ސިނޮވެކް ބަޔޯޓެކްގެ ކޮވިޑް ވެކްސިން ދިނުމުގެ ހުއްދަ ދީފިއެވެ.
ހުކުރުދުވަހު އެ ގައުމުގެ ސްޓޭޓް ބްރޯޑް ކާސްޓާ، ސީސީ ޓީވީ މެދުވެރިކޮށް މިކަން ޢިއުލާން ކުރެއްވީ ސިނޮވެކް ބަޔޯޓެކްގެ ޗެއަރމަން ޔިން ވީޑޮންގެވެ.
ޗައިނާގައި މިވެކްސިން ދިނުމަށް އެ ގައުމުގެ ސަރުކާރުން ހުއްދަ ދިން ނަމަވެސް، އެ ގައުމުގެ މި އުމުރު ފުރާގެ ކުދިންނަށް މި ވެކްސިން ދޭނީ އެ ގައުމުގެ ހެލްތު އިދާރާތަކުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން، ވެކްސިން ދެވޭ ކުދިންގެ ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާ ބުނެފައި ވާގޮތުގައި އެ އުމުރުފުރާގެ ކުދިންނަށް އެ ވެކްސިން ދޭން ފެށުމަށް ކުރިއަށް ގެންދިޔަ ފޭސް1 އަދި 2 ގެ ތަހުލީލުތައް ވަނީ ކާމިޔާބުވެފައެވެ. މިގޮތުން އެ ތަހުލީލުތައް ކުރިއަށް ގެންދިޔައިރު އިމިއުން ރެސްޕޮންސް އުފައްދާކަން ހާމަވެފައިވާ ކަމަށާއި، އަދި ފެނިފައިވަނީ ވަރަށް ލުއި ސައިޑްއިފެކްޓްސް ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާއިން މި ހޯދި ކުރިއެރުމާއެކު އެގައުމު ވެގެން ގޮސްފައި ވަނީ އުމުރުން 3 އަހަރުން މަތީގެ ކުދިންނަށް ކޯވިޑް ވެކްސިނެއް ދިނުމަށް ހުއްދަދިން ދުނިޔޭގެ ފުރަތަމަ ގައުމަށެވެ.
ޔޫރަޕްގެ ފައިޒަރ ކުންފުނިން އުފައްދާފައިވާ ވެކްސިން ބައެއް ގައުމުތަކުން އަދި ޖަހަނީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށެވެ.
ޗައިނާގެ ކުންފުނިތަކުން ތަރައްގީކޮށް އުފައްދާފައިވާ 5 ވެކްސިންގެ ތެރެއިން 4 ވެކްސިނެއް ބޭނުންކޮށްގެން ރައްޔިތުންނަށް ވެކްސިން ޖަހަމުން ގެންދާއިރު، މިހާރު ވެކްސިން ޖަހަމުން ގެންދަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން، ޗައިނާ ސަރުކާރުން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން މި ޖޫންމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް 723.5 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!