ތިލަދުންމަތީ ހުނަރުވެރިން: "ވުމެން ވޯލްޑް ޗެމްޕިއަނަކަށް" ވުމަކީ ލައިސާގެ ހުވަފެނެއް!

Laishaa

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ، ބްލިސް، މަރިޔަމް ލައިސާ އަބްދުއްރަޝީދަށް ޗެސްއަކީ ކުޅިވަރެއްކަން އެނގިފައިވަނީ ވެސް މީގެ ހަތަރު އަހަރެއްހާ ދުވަހުގެ ކުރިންނެވެ. 2017 ވަނަ އަހަރުއެވެ. ދެ ކުލައިގެ ގޮޅިތަކެއް ޖަހާފައިވާ ބޯޑެއް ބުކްޝޮޕުން ފެނުނުއިރު އެއީ ކީއްކުރާ ކޯޗެއްކަން ވެސް އޭނާއަށް ނޭނގުނެވެ. ނަމަވެސް ބުކްސޮޕުން އެ ފެނި ގަންނަން ޝަޢުޤު އުފެދުނެވެ. މިއީ މި ކުޅިވަރުގެ ތެރެއަށް ވަދެވެން މެދުވެރިވި ފުރަތަމަ ސަބަބެވެ.

ލައިސާއަކީ ކަންކަން ދަސްކުރުމަށް ވަރަށް ޝަޢުޤު ހުންނަ ކުއްޖެކެވެ. ވުމާއެކު ޗެސްބޯޑު ގަނެގެން ގެއަށް އައިސް އެ ދަސްކުރަން ބޭނުންވިއެވެ. ލައިސާއަށް އެ ކުޅެންވާގޮތް ފުރަތަމަ ކިޔައިދިނީ އޭނާގެ ދޮންބެއެވެ. ދޮންބެ އެންމެ ފަސްމިނެޓްގެ ތެރޭ އެ ކުޅޭނެގޮތް  އޭނާއަށް ބުނެދީ ނިންމާލިއެވެ. ލައިސާގެ ތޫނުފިލިކަމުން އެ ފަސްމިނެޓްގެ ތެރޭ ޗެސްއަކީ ކިހިނެއްކުޅޭ ކުޅިވަރެއްކަން ވަނީ ދަސްކޮށްފައެވެ.

ދަސްވި ހިސާބުން ފެށިގެން ކޮމްޕިއުޓަރ ބޭނުން ކޮށްގެން ޗެސް ކުޅެންފެށިއެވެ. ކުޅެމުންދާ ވަރަކަށް ޝަޢުޤުވެރިކަން ވީ އިތުރެވެ. އިތުރަށް ޗެސްއާއި ގުޅޭ މަޢުލޫމާތު ހޯދަން ބޭނުންވިއެވެ. މިގޮތުން އިންޓަނެޓުން ޗެސްއާއިގުޅޭ އިތުރު މަޢުލޫމާތު ހޯދައި އަމިއްލަ މަސައްކަތުން ކުޑަ ދުވަސްކޮޅެއްތެރޭ ކުރިއެރުންތަކެއް ހޯދައި އަމިއްލަ ނަފްސަށް އިތުބާރު ހޯދިއެވެ.

އުމުރުން އެންމެ 15 އަހަރުގެ ލައިސާއަކީ ތާޖުއްދީން ސްކޫލްގެ ގްރޭޑް 9 ގައި ތަޢުލީމް ހާސިލްކުރަމުން އަންނަ ދަރިވަރެކެވެ. ޗެސްއަށް އުފެދުނު ޝަޢުޤާއިއެކު ފުރަތަމަ އޭނާ ސްކޫލު ޓީމްގައި ހިމެނިގެން ވާދަކޮށްފައިވަނީ އިންޓަސްކޫލް މުބާރާތްތަކުގައެވެ. އެ މުބާރާތްތަކުން ގިނަ ކާމިޔާބީތަކެއް އޭނާ ހޯދިއިރު އުމުރަކީ އެންމެ ބާރަ އަހަރެވެ. ޅަ އުމުރުގައި އެ މުބާރާތްތަކުން ހޯދި ކާމިޔާބީތަކާއިއެކު ލައިސާއަކީ ޗެސް ކުޅުމުގައި ކުޅަދާނަ ކުއްޖެއްކަން ގިނަބަޔަކަށް ފާހަގަވެގެން ދިޔައެވެ.

ހުރި ޝަޢުޤާއިއެކު އިތުރަށް ކުރިއެރުން ހޯދަން ލައިސާ ބޭނުންވިއެވެ. ވުމާއެކު 2019 ވަނަ އަހަރުގެ މެދުތެރޭގައި އޭނާވަނީ ސަމްރޫހް ކޯޗުގެ އިރުޝާދުގެ ދަށުން އިތުރަށް ތަމްރީންތައް ހަދަން ފަށާފައެވެ. ސަމްރޫހް ކޯޗުގެ އެހީތެރިކަމާއިއެކު އޭނާވަނީ 2019 ވަނަ އަހަރު ރާއްޖޭގެ ޖޫނިއާ ޗެސް ޓީމުގައި ހިމެނިފައެވެ. އެއަށްފަހު 2020 ވަނަ އަހަރު ރާއްޖޭގެ ޗެސް ސީނިއާ ޓީމުން ވެސް ލައިސާ ވަނީ ޖާގަ ހޯދާފައެވެ.  ލައިސާއަކީ މިހާރު ރާއްޖޭގެ ޗެސް ޓީމްގެ މުހިންމު ކުޅުންތެރިއެކެވެ.

ލައިސާގެ ކާމިޔާބީގެ ލިސްޓަށް ބަލައިލުމުން ވެސް ފެނިގެންދަނީ މި ކުޅިވަރުގެ ތެރެއަށް ވަދެވުނުތާ ކުރު މުއްދަތެއްގައި ހޯދާފައިވާ ގިނަގުނަ ކާމިޔާބީއެވެ.

ލައިސާ ހޯދާފައިވާ ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީތައް

އިންޓަރސްކޫލް ޗެސް ޗެމްޕިއަންޝިޕް 2017 މުބާރާތުން 2 ވަނަ
އޯޕަން ޗެސް ޗެމްޕިއަންޝިޕް 2017 (12 އަހަރުންދަށް) 3 ވަނަ
މައިލޯ ޗެސް ކަލާސް އެވޯޑް 2017 (12 އަހަރުންދަށް) 2 ވަނަ
ނެޝަނަލް ވިމެންސް ޗެމްޕިއަންޝިޕް 2019 އިން 8 ވަނަ
ނެޝަނަލް ޖޫނިއާރ ޗެސް ޗެމްޕިއަންޝިޕް 2019 (14 އަހަރުންދަށް) 4 ވަނަ
ސެކަންޑް ޖޫނިއަރ ޗެސް ޗެމްޕިއަންޝިން 2020 (16 އަހަރުންދަށް) 2 ވަނަ
މޯލްޑިވްސް ނެޝަނަލް ޗެސް ޗެމްޕިއަންޝިޕް 2020 (އަންހެން) 2 ވަނަ
މޯލްޑިވްސް އޮންލައިން ޗެސް ޗެމްޕިއަންޝިޕް 2020 އިން 2 ވަނަ
މޯލްޑިވްސް ފެޑެރޭޝަން ކަޕް 2020 އިން 2 ވަނަ
މޯލްޑިވްސް ރެޕިޑް އޮންލައިން ގްރޭންޑް ޕްރިކްސް އޯޕަން (16 އަހަރުންދަށް) އިން 2 ވަނަ
ސައުތު އޭސިއަން އޮންލައިން ޗެސް ފެސްޓިވަލް ޔޫތު ގާލްސް ކެޓަގަރީން 1 ވަނަ
ސައުތު އޭސިއަން އޮންލައިން ޗެސް ފެސްޓިވަލް (16 އަހަރުން ދަށް) އިން 1 ވަނަ
ފަސްޓް މޯލްޑިވްސް އޮންލައިން ޗެސް ޗެމްޕިއަންޝިޕް 2020 އިން 2 ވަނަ

އޭޝިއާގެ ގައުމުތަކުން، ކޮންމެ ގައުމަކުން 20 އަހަރުން ދަށުގެ އެއް ކުޅުންތެރިއަކު ބައިވެރިކުރި އޭޝިއަން އޮންލައިން ޗެސް ކޭމްޕް ފޯ ގާލްސް އަންޑާ 20 ގައި ނިމިދިޔަ އަހަރު ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއިން ލިބުނު ހަމައެކަނި ކުޅުންތެރިއަކީ ވެސް ލައިސާއެވެ. އަދި މީގެއިތުރުން ޗެސްގެ އިންޓަނޭޝަނަލް މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ރަންމެޑަލް ހޯދައިދިން ކުޅުންތެރިއަކީ ވެސް ލައިސާއެވެ.

ލައިސާ ކިތަންމެ އުމުރުން ހަގު ނަމަވެސް، އޭނާ މިހާރު އަންނަނީ މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ރާއްޖޭގެ ސްކޫލުތަކުގައި ޗެސް ތަޢާރަފް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިވެ ދަރިވަރުންނަށް ޗެސްގެ ހުނަރުތައް ދަސްކޮށްދިނުމަށް މަސައްކަތް ކޮށްދެމުންނެވެ. މިގޮތުން މި އަހަރުގެ އޭޕްރިލް މަހު ހަނިމާދޫ ސްކޫލުގައި ޗެސް ތަޢާރަފް ކުރުމުގެ ޕްރޮގްރާމްގައި ލެކްޗަރާއެއްގެ ގޮތުން ވެސް ބައިވެރިވެފައިވަނީ އޭނާއެވެ.

ލައިސާ ކޮންމެ ދުވަހަކީ ވެސް ވަކި ޝެޑިއުލެއްގެ ދަށުން މަސައްކަތްކުރާ ދުވަހެކެވެ. ސްކޫލުގައި ހޭދަކުރާނެ ވަގުތާއި ޓިއުޝަނަށް ދާނެ ވަގުތާއި ހޯމްވޯކްތައް ހަދާނެވަގުތުގެ އިތުރުން ޗެސް ކުޅުމަށް ހުސްކުރާނެ ވަގުތު ވެސް އެ ޝެޑިއުލްގައި ގައި އޮންނާނީ ލިޔެވިފައެވެ. ބަލިވުންކަހަލަ ކަމެއް ދިމާނުވާނަމަ ލައިސާގެ އެ ޝެޑިއުލަށް ބަދަލެއް އައުމަކީ ދުރުކަމެކެވެ. ކަންކަން ވަކި ތަރުތީބަކުން ވަގުތުން ވަގުތަށް ނިންމުމުގައި ލައިސާއަކީ ހަމަ ތަފާތު ކުއްޖެކެވެ.

ލައިސާގެ ކާމިޔާބީގައި ގިނަބައެއްގެ އެހީތެރިކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. ލައިސާއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ވުމާއެކު އޭނާގެ ކޮންމެ ކާމިޔާބީއެއްގެ އެންމެ ބޮޑު ޝުކުރެއް އަބަދުވެސް އަދާކުރާ އެންމެ ފުރަތަމަ ފަރާތަކީ އޭނާގެ މަންމައާއި ބައްޕައެވެ. މީގެއިތުން ޗެސް ފެޑެރޭޝަނުން އަބަދުވެސް ދެއްވާ ފުރުޞަތުތަކާއި އަދި ދެއްވާ އެއްބާރުލުން އޭނާ ބަލައިގަންނަނީ ޝުކުރުވެރި ހިތަކުންނެވެ. ލައިސާ މިހާ ހިސާބަށް އާދެވުމުގައި ސަމްރޫހް ކޯޗު ކޮށްދެއްވި އަދި މިހާރު ވެސް ކޮށްދެއްވަމުން އަންނަ މަސައްކަތް ފާހަގަކޮށް އޭނާ ވަނީ ސަމްރޫހް ކޯޗަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. މީގެ އިތުރުން ރައްޓެހިން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ޗެސްއިން ލައިސާއަށް މިއަދާ ހިސާބަށް ހޯދިފައިވާ ކާމިޔާބީތައް، ތާޖުއްދީން ސްކޫލުން ވެސް އަންނަނީ ވަރަށް ފުރިހަމައަށް ބަލައިގަންނަމުންނެވެ. މިގޮތުން ސްކޫލް ޕްރިންސިޕަލް ސްކޫލް އެސެންބްލީގައި އެތައް ސަތޭކަ ދަރިވަރުން ކުރިމަތީގައި ލައިސާގެ ކާމިޔާބީ ފާހަގަކޮށް ހިތްވަރު ދެއްވި ދެއްވުމަކީ ލައިސާއަށް މިކަމުން ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބުނު ކަމެއް ގޮތުގައި އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި ކެރިއާގައި މިއަދު އާދެވިފައިވާ ހިސާބަށް ކުރު މުއްދަތެއްގެ ތެރޭގައި ވާސިލް ވެވުމުގައި ސްކޫލުގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ލައިސާއަކީ އަންހެން ކުއްޖަކަށް ވުމުން މިފަދަ ކުޅިވަރަކުން ކުރިއަށް ދިއުމުގައި އެއްވެސް ގޮންޖެހުމެއް އޮތްކަމުގައި އޭނާ ޤަބޫލެއް ނުކުރެއެވެ. ފާއިތުވިތަނުގައި އެކިކަހަލަ ޖޮންޖެހުންތަކާއި ކުރިމަތިވީ ނަމަވެސް އެ ގޮންޖެހުންތަކުގެ މައްޗަށް އޭނާވަނީ ކާމިޔާބު ހޯދާފައެވެ.

ލައިސާގެ ބައްޕަ ފާހަގަ ކުރާގޮތުގައި ލައިސާއަކީ ވަރަށް ހިތްވަރުގަދަ އަދި ވަރަށް އަޒުމް ވަރުގަދަ ކުއްޖެކެވެ. ކަމަކާއި ކުރިމަތި ލައިފިނަމަ އެކަމެއް ކާމިޔާބު ކުރުމަށް އޮންނަ އުސޫލުގެތެރެއިން ކުރިއަށް ދިއުމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށް ކާމިޔާބު ހިސާބަށް ވާސިލްވާ ކުއްޖެކެވެ. ހަގު އުމުރުގައި ޗެސްއިން ހޯދި ކާމިޔާބީތަކުގެ އަސްލަކީ ވެސް އެއީއެވެ. ލައިސާ ހޯދާ ކޮންމެ ކާމިޔާބެއްގެ ފަހަތުގައި ހިތްވަރު ދިނުމަށް ބައްޕައާއި މަންމަ ތިބިއިރު އޭނާ ހޯދާ ކޮންމެ ކާމިޔާބަކީ މަންމައާއި ބައްޕައަށް ވެސް ލިބިގެންދާ ކާމިޔާބެއްގޮތުގައި ބައްޕަ ވަނީ ފާހަގަ ކޮށްފައެވެ.

ޗެސްކުޅެންފެށިތާ މަދު އަހަރުތަކެއްގައި ލިބުނު ކާމިޔާބީތަކާއިއެކު ލައިސާގެ އުންމީދުތައް ވެސް ވަނީ މަތިވެގެން ގޮސްފައެވެ. މިގޮތުން ޗެސްގެ ގްރޭންޑް މާސްޓާރ ވުމަށް މިހާރު އަޒުމް ކަނޑައަޅާފައިވާ ލައިސާގެ ޓާގެޓް އެ ހިސާބަކުން ނިންމާލާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޗެސް ގްރޭންޑް މާސްޓާއަކަށްވެ އެއަށްފަހު ވުމެން ވޯލްޑް ޗެމްޕިއަނަކަށް ވުމަކީ ވެސް އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ. އަދި އެއަށްފަހު އޯޕަން ކެޓަގަރީން އެއްވަނަ ހޯދާ ފުރަތަމަ އަންހެން ކުޅުންތެރިއާއަށް ވުމަކީ ވެސް ލައިސާގެ އުންމީދެވެ.

ޗެސް ކުޅެން ދަސްވިތާ ކުރުމުއްދަތެއްގެ ތެރޭގައި ލައިސާ ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކަށް ބަލައިލުމުން މިކަމުގައި ލައިސާގެ ތޫނުފިލިކަން ހާމަވެގެންދެއެވެ. ލައިސާގެ އުންމީދަކީ ވެސް ބަޔާންކުރެވިދިޔަ ކާމިޔާބީތައް ހޯދައި ޤައުމަށް ރީތިނަން ހޯދައިދިނުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި