ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ރާއްޖެކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ކޮންމެ ރައްޔިތަކުވެސް ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ޤުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާއި އެކު ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

Ad
rt

މިއަހަރުގެ ތިމާވެށީގެ ދުވަހަށް، އދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިޢާރު "މާޙައުލީ ނިޒާމު އިޢާދަކުރުން" މައްޗަށް އަލިއަޅުއްވާ ރައީސް ވިދާޅުވީ މި ޝިޢާރަކީ ގެއްލުން ލިބިފައިވާ ނުވަތަ ހަލާކުވެފައިވާ މާޙައުލީ ނިޒާމު، އަލުން އޭގެ ޠަބީޢީ ޙާލަތަށް އެނބުރި އިޢާދަކުރުމުގައި އެހީތެރިވުންކަމަށާއި، އަދި ގެއްލުމެއް ނުލިބި ހުރި މާޙައުލީ ނިޒާމުތަކަށް، އިތުރު ގެއްލުމެއް ލިބުނަ ނުދީ ޙިމާޔަތްކޮށް ރައްކައުތެރިކުރުންކަމުގައެވެ.

ރާއްޖޭގެ މާޙައުލީ ނިޒާމު ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ އެކަން ހާޞިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ތަފްޞީލީގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.

"ރާއްޖޭގެ މާޙައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް، ދިވެހިރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަޙައްދުތަކުގެ، އެންމެ ކުޑަވެގެން 20 އިންސައްތަ ޙިމާޔަތްކުރުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުން"

ރައީސްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.

އަދި ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ޙިމާޔަތްކުރުމުގެ ބައިނަލްއަޤްވާމީ މަސައްކަތުގައިވެސް ރާއްޖެއިން ބައިވެރިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތައިލާނެ ނިޒާމުތައް، ރަށު ފެންވަރުގަޔާއި ސަރަޙައްދީ ފެންވަރުގައި ޤާއިމުކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާކަމަށާއި، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންއަންނަ ކަމަށާ، ހަކަތަ އުފެއްދުމަށް ޑީސަލް އަންދާ މިންވަރު މަދުކުރުމަށްޓަކައި، އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި މިހާރު 31.5 މެގަވޮޓްގެ ސޯލާ ޕީވި ހައިބްރިޑް ނިޒާމުތައް ޤާއިމުކުރެވިފައިވާކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް، "ނޫ އިޤްތިޞާދު"ގެ ދަށުން، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމުގައިވެސް އެމަނިކުފާނުގެ މިއަދުގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ރައީސް ވަނީ ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި، ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާގައި އެކި ގޮތްގޮތުން ޙަރަކާތްތެރިވަމުން އަންނަ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި އަދި ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކުރަމުން އަންނަ އެންމެހައި ފަރާތްތަކަށް ފޮނުއްވާފައެވެ.