ގެސްޓް ހައުސް ވިޔާފާރި ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންނެވެ. އަދި މި ބައްދަލުވުމުގައި އަތޮޅު ކައުންސިލް ތަކުންނާއި އަދި ރަށު ކައުންސިލް ތަކުން ބައިވެރިވެފައިވެއެވެ.
ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ގެސްޓްހައުސްތައް ކުރިއެރުވުމަށާއި ކަންބޮޑުވުންތައް ހޯދައި އެކަންތައްތައް ހައްލުކުރުމަށް އެ އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި އެކު މަޝްވަރާ ބައްދަލުވުން ތަކެއް ފަށާފަ އެވެ. އެގޮތުން ހދ. އަތޮޅުގެ ކައުންސިލްތަކާއި އިއްޔެ ބައްދަލު ކުރެވިފައި ވާއިރު މިއަދު ވަނީ ހއ އަދި ށ އަތޮޅުގެ ކައުންސިލް ތަކާއި ބައްދަލު ކުރައްވާފައެވެ. މީގެ ދެދުވަސް ކުރިން ވަނީ ނ. އަތޮޅުގެ ކައުންސިލްތަކާއި އެކުވެސް ބައްދަލުވުން ބާއްވާފަ އެވެ.
އެ އެސޯސިއޭޝަން ގެ ސެކެޓްރީ ޖެނެރަލް ސައުދުﷲ އަޙްމަދު ޙަސަން "ތިލަދުން" އާއި ވާހަަކަ ދައްކަމުން ވިދާޅުވީ މިބައްދަލުވުންތަކުގައި އަތޮޅުގެ ރަށްރަށުގެ ގެސްޓްހައުސްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމާއި، ކައުންސިލްތަކުގެ އެއްބާރުލުމާއިއެކު ޕްރޮމޯޓް ކޮށްދިނުމަށް ބެހޭގޮތުން މަޝްވަރާ ކުރެވިފާ ވާކަމަށެވެ.
ގޭމް އަމާޒަކީ ސަރުކާރާއި ގުޅިގެން ހުރިހާ ސިޓީ ކައުންސިލް ތަކާއި ، އަތޮޅުތަކުގެ ކައުންސިލްތަކާއި ގެސްޓްހައުސްތަކުގެ ފުރިހަމަ އެއްބާރުލުމާއި އެކު ގެސްޓްހައުސްތައް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށް އަދި އެ ގެސްޓްހައުސްތައް މާރކެޓްކޮށް ރާއްޖޭގެ ޓުައަރިޒަމް ދާއިރާ ފުޅާ ކުރެވޭނެ މަގެއް ތަނަވަސްކޮށްދިނުން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
ކައުންސިލްތަކާއި އެކު މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ގެސްޓުހައުސްތަކަށް ހާއްސަކޮން ބީޗެއް ހަމަޖެއްސުމާއި ކޮންމެ އަތޮޅެއްގައި ޕިކްނިކްދާނެ ވަކި ރަށެއް ކަނޑައެޅުމުގެ އިތުރުން ފަތުރުވެރިންނަށް ރަނގަޅު މާހައުލެއް ފަހިކުރުން ހިމެނެއެވެ.
މިބައްދަލުވުންތަކުގައި ކައުންސިލްތަކުގެ ހުރި ކަންބޮޑުވުންތައްވެސް ވަނީ ގޭމް އާއި ހިއްސާކޮށްފަ އެވެ. އެގޮތުން އަތޮޅު ތަކުގައި އިންވެސްޓް ކުރުމަށް ލޯން ލިބުމަށް އުނދަގޫތަކެއް ހުރިކަމަށާއި މާކެޓް ކުރުމުގައި ކުރި ދަތިތައް ފާހަގަ ކުރިއެވެ.
ކޯވިޑްގެ ހާލަތު ރަނގަޅުވެ ފަތުރުވެރިކަން އަލުން ހަމައަކަށް އެޅިގެން އަންނަ ދުވަސް ވަރުގައި ކައުންސިލް ތަކާއި ގޭމް އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގުޅިގެން މަސައްކަތް ކުރާނެކަމަށް ބުނެއެވެ.
ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީގައި 35% ހުންނައިރުވެސް އަހަރެއްގެ މައްޗަށް 23 މިލިޔަނެއްހާ ރުފިޔާ ދައުރުވަމުންދާއި މީގެ ތެރެއިން ބޮޑުބައެއް ބެހިގެން ދަނީ ކޮމިއުނިޓީތެރޭގައިކަން އެފަރާތުން ފާހަގަ ކުރެއްވި އެވެ.
އެ އެސޯސިއޭޝަނުން މިހާރުވަނީ ފުވައްމުލައް ސިޓީ ކައުންސިލް , އައްޑޫ ސިޓީ ކައުންސިލް އަދި ނ.އަތޮޅުގެ ކައުންސިލް މެމްބަރުންނާއި ވެސް ބައްދަލުކޮށް ސިޓީ ތަކާއި ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް ހިންގުމަށް ހުރި ދަތިތައް އޮޅުން ފިލުވާފައި ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއި އެކު އެންމެ ބޮޑު ގެއްލުމެއް ވެގެންދިޔަ އެއް ވިޔަފާރިއަކީ ގެސްޓްހައުސް ވިޔަފާރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!