ހއ. ކެލާ ކަނޑޫފާގެ ބައެއް މަރުވެ، ނެތެމުންދާކަމަށް ކެލާ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކެލާގެ ކަނޑޫފަލުގައި ދުނިޔޭގެ ނެތިދާނެކަމަށް ބެލެވޭ ބަވާތުގެ ކަނޑޫ ގަސްތަކެއް ހުރިއިރު، އެ ކަނޑޫފާގެ ތިންބައިކުޅަ އެއްބަައި އެއްކޮށް މިހާރު މަރުވެފައިވާކަމަށް "ތިލަދުން"އަށް އެ މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ކަނޑޫފަލުން މިހާރު މަރުވަމުންދަނީ ކުރިން ރަނގަޅަށް ހުރި ބޮޑުވަކި ގަސްތައް ހިމެނޭ ސަރަހައްދުގައި ހުރި ކަނޑޫ ގަސްތައް ކަަމަށެވެ.
"ވާނުވާ ނޭނގި ކަނޑޫފާ ވަރަށް ބޮޑަށް މަރުވަމުން ދާތީ ވަރަށް ބޮޑަށް ކޮންސާންވޭ. ކުރިން މަރުވެފަ ހުރި ސަރަހައްދުގަ ކަނޑޫ އާލާއެއް ނުވޭ، މިދިޔަ އަހަރު ސަރުކާރާ އިންޑިއާ ޔުނިވަރސިޓީއަކާ ގުޅިގެން ސަރވޭ އެއްކުރި. ނަމަވެސް އެދެވޭ ހައްލެއް ނުލިބޭ. އީޕީއޭގެ ފަރާތުންވެސް ރިކޮމެންޑޭޝަނެއް ވެސް ނުދޭތީ ވަރަށް ކަންބޮޑުވޭ" އިންފާޒް ވިދާޅުވިއެވެ.
ބޮޑު ތިލަދުންމަތިން ހިމާޔަތްކުރެވިފައިވާ އެންމެ ބޮޑު އެއް ކަނޑޫފަލަކީ ކެލާގެ ކަނޑޫފަލަށް ވީހިނދު، އެރަށުން ކަނޑޫގަސް މަރުވަމުންދާކަމުގެ ރިޕޯޓް އެންވަޔަރަމަންޓް މިނިސްޓްރީއަށް ފޮނުވަމުން ތައްޔާރުވަމުންދާކަމަށް ކެލާ ކައުންސިލުން ހާމަކުރެއްވިއެވެ.
މިދިޔަ އަހަރު ސަރުކާރާ އިންޑިއާ ޔުނިވަރސިޓީއަކާ ނުވަތަ އެކްސްޕާޓުންނާ ގުޅިގެން ސަރވޭ އެއްކޮށްފައިވާއިރު، އެސަރވޭގެ ރިޕޯޓް ކެލާ ކައުންސިލާ ހިއްސާކޮށްފައިނުވާކަމަށް މައުލޫމާތުލިބެއެވެ.
ކެލާ ކަނޑޫފަލުން ފެނުނު ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ގަސްތަކުގެ ލިސްޓުގެ ކުރީގައި އުޅޭ "ބުރުގެރިއާ ހެނެސީ" ގަހަށް ދީފައި ވާ ނަމަކީ ''ކެލަވަކި'' އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!